ލުތުފީއަށް އައިޖީއެމްއެޗްގައި ފަރުވާ ދީފި

ހާޖަރާގޭ ލުތުފީ އިއްޔެ އައިޖީއެމްއެޗްގައި --

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފި އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން އެތައް އަހަރުތަކެއް ވަންދެން ފިލައިގެން އުޅުމަށް ފަހު ލުތުފީ ވަނީ ލަންކާގައި ދިން އީސްޓާ ބޮމުގެ ހަމަލާތަކަށް ފަހު އަމިއްލައަށް އެގައުމުގައި ހުންނަ ދިވެހި އެމްބަސީއާ ހަވާލުވެފަ އެވެ. އޭނާ ރާއްޖެ ގެނައީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ލުތުފީ މިހާރު ބަހައްޓާފައި ހުންނަނީ މާފުށީ ޖަލުގަ އެވެ.

ކަރެކްޝަނަލް ސާވިސަސްއިން މިއަދު "ސަން"އަށް ބުނީ އިއްޔެ ހެނދުނު ލުތުފީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ ކަމަށެވެ. އެކަމަކު، ޒާތީ މައުލޫމާތަކަށް ވާތީ އޭނާއަށް ފަރުވާ ދިނީ ކޮން ކަމަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.

އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ލުތުފީ މިހާތަނަށް ޖަލު ހުކުމް ތަންފީޒު ކޮށްފައި ވަނީ 21 އަހަރެވެ. އޭނާގެ ޖަލު ހުކުމުގައި އަދިވެސް ހަތަރު ވަރަކަށް އަހަރު ބާކީ އެބަ އޮތެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ލުތުފީ ފިލި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް