ފިލްމު "ބޮސް"ގެ ޓިކެޓް ވިއްކުން އަންނަ ހޮނިހިރު ދުވަހު

ބޮސްގެ ޕޯސްޓަރެއް---

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް" އަންނަ މަހު ދެ ވަނަ ދުވަހު އަލުން ސިނަމާގައި އަޅުވާ ގޮތަށް ނިންމައިފި އެވެ.

އެ ފިލްމުގެ ޓިކެޓް ވިއްކަން އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ނަހުލާ ބުންޏެވެ. ހޮނިހިރު ދުވަހު މެންދުރު 14:00 އިން ޓިކެޓް އޮލިމްޕަސް ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އޭނާ ބުންޏެވެ. ކުރިން ފިލްމު އަޅުވަން ނިންމީ އަންނަ މަހުގެ އެކެއް އަދި ދެވަނަ ދުވަހު އެވެ. ނަމަވެސް މިހާރު ފިލްމު އަޅުވާނީ ހަމައެކަނި އަންނަ މަހު ދޭއްގަ އެވެ.

މިއީ ބޮސް އޮލިމްޕަހުގައި އެކި ފަހަރު މަތިން އަޅުވާ ފަސް ވަނަ ފަހަރެވެ. އޮލިމްޕަހުގައި ފުރަތަމަ 27 ޝޯ ހައުސްފުލްކޮށް ދެއްކުމަށް ފަހު އެކި ފަހަރުމަތިން ފިލްމު ވަނީ އޮލިމްޕަހުގައި އަޅުވާފައެވެ. ނަހޫ ބުނީ ކޮންމެ ފަހަރަކު ވެސް ފިލްމަށް ލިބެމުންދާ ތަރުހީބު ބޮޑު ކަމަށެވެ.

ބޮސްގެ ލަވަތަކަކީ އަދިވެސް އެންމެ ޓޮޕް ލަވަތަކުގެ ތެރޭގައި ހިނގާ ލަވަތަކެކެވެ.

"މިހާ ދުވަސްވީއިރު ވެސް ފިލްމަށް ލިބެމުންދާ ތަރުހީބަށް ކުޑަވެސް ބަދަލެއް ނާދެ."

"ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ބޮސްއިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމައެވެ.

ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިޚްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެ އެވެ.

އައްޒަ ލީޑު ރޯލުން ފެނިގެންދާ ބޮސްގައި ހަރަކާތްތެރިވެފައި ވަނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލު މުހައްމަދު ޔުނާންއެވެ. ފާތިމަތު އާޒިފާ، އިބްރާހިމް ޖިހާދު، އަލީ އާޒިމް، އަލީ ޝަމީލް ވެސް ބޮސްއިން ފެނިގެން ދިޔަ އެވެ.

comment ކޮމެންޓް