ޕީޖީ ޒިންމާ އަދާކުރި ކަމަށް މެމްބަރުންނަކަށް ގަބޫލެއް ނުކުރެވުނު

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ޕީޖީ ބިޝާމް އާ ސުވާލު ކުރައްވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ އެތައް ބަޔަކާއި މުޒާހަރާ ތަކުގައި ބައިވެރިވި މީހުންނަށް ދައުވާތައް އުފުލީ އެއްވެސް ނުފޫޒެއް ނެތި ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް ވިދާޅުވި ނަމަވެސް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުންނަށް އެކަން ގަބޫލެއް ނުކުރެވުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޕީޖީ ބިޝާމް ހާޒިރުކޮށް މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް ކޮށްފަ އެވެ. އެގޮތުން ވޭތުވެ ދިޔަ އަހަރު އާއި އޭގެ ކުރިން ސިޔާސީ ބައެއް ފަރާތްތަކަށް ޕީޖީ ދައުވާ ކުރެއްވީ އެއްވެސް މީހެއްގެ ނުފޫޒަކުން ތޯ މެމްބަރުން ސުވާލު ކުރި އެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ނުފޫޒު އޮތްތޯ ސުވާލު ކުރި އެވެ.

އެ ސުވާލަށް ބިޝާމް ދެއްވީ ކުރު ޖަވާބެކެވެ. "އެއްވެސް ނުފޯޒެއް ނުފޯރާ" ކަމަށް ވިދާޅުވި އެވެ. އަދި "އެއްވެސް މީހަކާ ޑީލެއް ހަދާފައި ނޯންނާނެ" ކަމަށްވެސް ވިދާޅުވި އެވެ.

އެ ޖަވާބާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައީސް ޔާމީންގެ އެއްވެސް ނުފޫޒެއް ނެތި ދައުވާތައް ކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވުމުން ކުރި ހުރިހާ ދައުވާއެއް ކުރީ ޕީޖީއަށް ލިބިގެންވައިވާ ބާރުގެ ދަށުން ހެޔޮ ނިޔަތުގައި ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ޕީޖީ ބިޝާމް އާ ސުވާލު ކުރައްވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

"ތިވިދާޅުވީ އެހެންވީމަ އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ހަތް މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާވެއް ކުރެއްވީ ޕްރޮސެކިއުޓް ކުރައްވާ އުސޫލުގެ ތެރެއިން ހަމަ އުސޫލައްވެސް ފެތޭތީއޭތޯ؟" މެމްބަރު އަލީ ހުސައިން ސުވާލު ކުރި އެވެ

އަދި މަޖިލީހުގެ މެމްބަރުން މަޖިލީހަށް ވަނުމުން އެސްއޯ ފުލުހުން މަޖިލީހަށް ވަދެ އެ މެމްބަރުންގެ ލޮލަށް ޕެޕަ ސުޕްރޭ ޖަހާ ދަމާ ކޫތާފައި ނެރުނު ނަމަވެސް 12 މެމްބަރެއްގެ މައްޗަށް ދައުވާ ކުރީ ހަމަ ނުފޫޒެއް ނެތިތޯ އަލީ ހުސައިން ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި ބިޝާމް ވިދާޅުވީ އެއްވެސް މިވެނި މީހެއްގެ މަޗަށް މިވެނި ދައުވާއެއް ކުރަން އޭނާ އެއްވެސް ޕްރޮސިކިއުޓަރަކަށް އަންގާފައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު އެއްވެސް ޕްރޮސިކިއުޓަރެއްގެ ކައިރީގަ ބުނެފައެއް ނޯންނާނެ މިވެނި ދައުވާއެއް މިވެނި މީހެއްގެ މައްޗަށް ކުރާށޭއެއް. އަޅުގަނޑުމެން ތެރޭގައި ބައެއް ބޮޑެތި މައްސަލަތަކަށް ޓީމުތައްވެސް އައްޔަން ކުރެވިގެން ދޭ." ޕީޖީ ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ ކުރެވުނު ދައުވާއެއް ވިއްޔާ ކުރެވިފައި އޮންނާނީ އުސޫލުގެ ތެރެއިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އެދުވަސްކޮޅު ހިނގާދިޔަ ކަންތައްތަކަކީ ހިތާމަހުރި ކަމެއް ކަމަށް ބިޝާމް ވިދާޅުވި އެވެ. އެކަމަކު އެމައްސަލާގައިވެސް ދައުވާ ކުރީ ރަނގަޅަށް ކަމަށް ބިޝާމް ވިދާޅުވި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުވެސް ވަނީ ޕީޖީ ކުރި ދައުވާތަކާ މެދު ސުވާލު އުފައްދާފަ އެވެ. އަދި ޕީޖީ ކުރާ ދައުވާތަކާ ގުޅިގެން ކޯޓުގައި ސްޓޭންޑް ބަދަލުކުރާ ކުރުމާ މެދުވެސް ސިރާޖު ސުވާލު އުފެދެވި އެވެ. އެއްދުވަހު ދައްކާ ވާހަކަ އަނެއް ދުވަހު

ޕީޖީ އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އެމައުލޫމާތު ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ޕީޖީ ބިޝާމް އާ ސުވާލު ކުރައްވަނީ --- ސަންފޮޓޯ/ ފަޔާޒު މޫސާ

މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެމްބަރު ފާތިމަތު މާޝާ ރަހީނު ކުރި މައްސަލާގައި އެކަން ބެލުމަށް ޕީޖީ ފުލުހުންނަށް އަމުރު ކުރެވިންތޯ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެއްސެވުމުން ޕީޖީ ވިދާޅުވީ އެކަން ހިނގާ ދިޔަގޮތް މާ ރަނގަޅަށް އެނގި ނުލައްވާ ކަމަށެވެ.

"އެކަން ހިނގާ ދިޔަ ވަގުތު އެކަން ހިނގާ ދިޔަގޮތެއް މާ ރަނގަޅަކަށް އެނގިފައެއް ނެތް. އެފަދަ ޝަކުވާއެއްވެސް އަޅުގަނޑުމެންނަށް ހުށަހެޅިފައެއްވެސް ނެތް އަޅުގަނޑުމެން ޑަބަލް ޗެކްވެސް ކުރިން،" ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ އިލްހާމްގެ އަނބި ކަނބަލުން ރަހީނު ކުރި ކަމުގެ މައުލޫމާތު އެނގުނީ އެކަން ހިނގި ފަހުން މީޑިއާއިން ކަމަށެވެ.

ހިސާން ވިދާޅުވީ އެ ހާދިސާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ކުށުގެ ތުހުމަތުގައި ހޯދާ މީހާގެ ބަދަލުގައި އޭނާގެ އާއިލާ މީހަކު ރަހީނުކޮށް އެފަދަ ކަމެއް ހިންގުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި އެއީ ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. އެހެން އެކަން ހިނގިކަން އެނގުމުންވެސް ފިޔަވަޅެއް ނާޅުއްވަންތޯ ހިސާން އެއްސެވި އެވެ. ޕީޖީ ވިދާޅުވީ އެމައްސަލާގައި ކަން ހިނގި ގޮތް ފަހުން ބެލި ކަމަށާއި އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ސިޔާސީ ނުފޫޒު ފޯރައިގެން ޕީޖީގެ ޒިންމާ ބިޝާމަށް އަދާ ނުކުރެއްވި ކަަމަށް ގަބޫލު ނުކުރަންވީ ސަބަބަކީ ކޮބައިތޯ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެއްސެވި އެވެ. އެއީ ވެރިކަން ބަދަލުވާއިރަށް ކުރިން ކުރެއްވި ދައުވާތައް އަނބުރާ ގެންދަވާތަން ފެންނަ ކަމަށާއި އެހެންވީމަ ޕީޖީގެ ޒިންމާ އަދާ ނުކުރާ ކަމަށް ރައްޔިތުން ގަބޫލު ނުކުރަން ޖެހޭ ސަބަބެއް ދެއްކުމަށް އިންތި އެދިލެއްވި އެވެ.

comment ކޮމެންޓް