ސިފައިންގެ ބިޔަ ލަޝްކަރު އައިސް އެ ތަނަށް ވަދެގަތުމުން، ލިބުނު ވަރުގަދަ ސިހުމާއެކު، އެންމެންނަށް ވެސް ތިބެވުނީ، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އާދަނާއަށް ލިބިފައިވާ ހާސްކަމަކާއި ނުތަނަވަސްކަން ވަކީން ބޮޑެވެ. އޭނާގެ ލޯބިވާ އަނބިމިހާއަށް ވެދާނެގޮތަކާމެދު ބިރު ހީވަނީއެވެ. މި ތަނުގައި އިން ހަމަ އެކަނި އަންހެނަކީ ހައްވާދިޔެއެވެ. ސިފައިންގެ ފައުޖުގައި ތިބީ ހައްތާވެސް ފިރިހެނުންނެވެ. އަންހެނެއްގެ ހީލުމެއް، އަންހެނެއްގެ ބީހުމެއް، ނުލިބޭތާ އެތައް ދުވަހެއް ވެފައި ތިބި ބަޔެކެވެ. އެ ފަދަ ބަޔެއްގެ އަތްމައްޗަށް، ހައްވާދިޔެ ކަހަލަ ޒުވާން ރީތި ކުއްޖަކު އެރުމުން ކޮންމެ ފަދަ ގޮތެއް ވެސް ހަދައިފާނެއެވެ. ސަލާމަތް ކޮށްދެވޭނެ މީހަކު ނާންނާނެއެވެ. ކުޑަމިނުން ތިހެން ނަހަދާށޭ ބުނާނެ މީހަކު ވެސް ނުވާނެއެވެ.

އާދަނާގެ ހިތުގައި ބިރުވެރި ރަނގަބީލުތަކެއް އެއް ފަހަރާ ޖެހޭން ފަށައިފިއެވެ. އޭނާގެ މޭތެޅެނީ ވަރަށް ބާރަށެވެ. މި ތެޅުން އިތުރަށް ގަދަވާން ފެށީ، އެ ލަޝްކަރުގައި ހިމެނޭ ބައެއް މީހުން، ހައްވާދިޔެއާ ދިމާއަށް ބަލާގޮތުންނެވެ. ވަހުޝީ ނަޒަރަކުން ނޫން ގޮތަކަށް އެކަކު ވެސް ބަލައެއް ނުލައެވެ.

ސިފައިންގެ ތެރެއިން ބައެއް މީހުން ގޮސް ވަނީ ފުލުސް އޮފީހަށެވެ. އަނެއްބައި މީހުން އެހެން ދިމަދިމާއަށް ކެހެމުން ގޮސް، އެ ތަން އަމާން ވެއްޖެއެވެ. މިހާރު އެތަނުގައި ދިވެހިންގެ ނުވަ މީހުން ފިޔަވައި، އިތުރު މީހަކު ފެންނާކަށް ނެތެވެ. ލިބުނު ފުރުޞަތުގައި ކޮންމެވެސް އެއްޗެއް ބުނާން އަހުމަދުދީދީ ގަސްދުކޮށް، އެ މީހުންނާ ދިމާއަށް ގޮނޑި އަނބުރައިލިއެވެ.

"އެ އައީ ޖަޕާނު ސިފައިން. ފަހަރެއްގައި ކޮންމެވެސް ކަހަލަ ނުރައްކަލެއް ވެސް ކުރިމަތިވެދާނެ! ހުރިހައި މީހުން ވެސް ހެޔޮ ދުޢާކުރޭ! ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް......"

އަހުމަދުދީދީއަށް ޖުމުލަ ފުރިހަމަކުރެވޭ ވަރެއް ނުވިއެވެ. ފުލުސް އޮފީހުން ފުލުހަކު ނިކުމެއްޖެއެވެ. ހިނގައިގަތީ އެ މީހުންނާ ދިމާއަށެވެ. އަހުމަދުދީދީ އަވަސް އަވަހަށް ވާހަކަ ހުއްޓާލާފައި، ގޮނޑި އަނބުރައިލައި ހަމަހިމޭންވެއްޖެއެވެ.

ފުލުސްމީހާ އެއައި ގޮތަށް އައިސް، އެންމެންގެ މޫނަށް ވަކިވަކިން ބަލައިލުމަށްފަހު، އަތުގެ އިޝާރާތުން އަހުމަދު ދީދީއަށް އެންގީ އޭނާގެ ފަހަތުން އައުމަށެވެ. ހިތް ނޭދުނަސް، ކިތަންމެ ބިރެއް ގަތަސް، ލޮލުން ބޮލުން ކިޔަމަންވުން ނޫން ގޮތެއް ނެތެވެ. ތެދުވެގެން ފުލުސްމީހާގެ ފަހަތުން ކިޔަމަންތެރިކަމާއެކު ހިނގައިގެންފިއެވެ. ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. އެހެން މީހުންނަށް ތިބެވުނީ އެއަށްވުރެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަހުމަދުދީދީގެ ކޮންމެ ފިޔަވަޅަކަށް ވަކިވަކިން ބަލާށެވެ. އޭނާއަކީ އުމުރުން މާ ގިނަ ދުވަސްތަކެއް ނުވިޔަސް، އެ މީހުންގެ ވެރިއަކަށް މިއަދު ހުރި މީހާއެވެ. އޭނާއަށް ދެރަގޮތެއް ވެއްޖެ ނަމަ، އެއީ ލިބޭ ވަރަށް ބޮޑު ހިތާމައެކެވެ. ނިކަމެތި ކަމެކެވެ. އެހެންކަމުން އޭނާއަށް ދެރަގޮތެއް ނުވުމަށް އެދި އެންމެން ތިބީ ދުޢާކޮށްކޮށެވެ.

އަހުމަދުދީދީ ގެންގޮސް ވެއްދީ ފުލުސް އޮފީހުގައި ހުރި ކުޑަވަރެއްގެ ކޮޓަރިއަކަށެވެ. ކޮޓަރީގައި ހުރި ދިގު މޭޒުގެ ދެ ފަރާތުން، ކޮންމެ ފަރާތެއްގައި ދެ މީހުން، އެއް ކޮޅުގައި މީހަކު އިނެވެ. މުޅިއެކު ފަސްމީހުންނެވެ. ހައްތާވެސް ޖަޕާނު ސިފައިންނެވެ.

އަހުމަދުދީދީ ވަނުމާއެކު އެއިން ކޮންމެ މީހަކު ވެސް، އޭނާގެ މޫނުން ފެށިގެން ފައިތިލައާ ހަމައަށް ނަޒަރު ހިންގައިލިއެވެ. އެ ނަޒަރުން ނުރުހުމަށްވުރެ ބޮޑަށް ފެންނަނީ ރުޅިވެރިކަމެވެ. އެއިން ކަމަކަށް މާބޮޑު ސަމާލުކަމެއް ނުދީ، އެހެނަސް ޖެހިލުންވެ ހުރެ، ތެޅިތެޅި އޮތް ހިތަކާއެކު ގޮސް، މޭޒުގެ އަނެއް ކޮޅުގައި ހުއްޓިއްޖެއެވެ. އަދަބުވެރިކަމާއެކުގައެވެ.

އެ މީހުން ކަޅިޖަހާނުލައި، އަހުމަދުދީދީއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެއެވެ. އަހުމަދުދީދީއަށް ހުރެވުނީ ބޮޑު ކުށްވެރިއަކު ފަދައިން އިސްދަށަށް ޖަހައިގެންނެވެ. ބިރުން އިސްއުފުލައިލާން ނުކެރިފައެވެ. ސިފައިންގެ ފަސް މީހުން އިރުކޮޅަކު އަހުމަދުދީދީއާ ދިމާއަށް ބަލާން ތިބެފައި، އެ މީހުން އެކަކު އަނެއްކެއްގެ މޫނަށް ބަލައިލިއެވެ. މޭޒުގެ ކޮޅުގައި އިން މީހާ، އެތަނުން އެހެން މީހަކަށް، ނިތުން އިޝާރާތް ކޮށްލިއެވެ. އެއާއެކު އެ މީހާ ފުންމައިގެން ތެދުވެއްޖެއެވެ. މޭޒުމަތީގައި އޮތް ތިން ފޫޓެއްހައި އެއްތެޔޮގަނޑު ނަގައި، އަތަށް ހެޔޮވަރުކޮށްލަމުން، އަހުމަދުދީދީ ގާތަށް ޖެހިލިއެވެ.

އެ މީހަކު ފުރަތަމަ ވެސް ކުރީ ސުވާލެކެވެ. ޖަޕާނު ބަހުންނެވެ. ބުނި އެއްޗެއް ނޭނގުނު ނަމަވެސް. އަޑުގައި އިންތިހާ ދަރަޖައަށް ހަރުކަށިކަން ހުރިކަން އެނގުނެވެ. ކުރި ސުވާލު ނޭނގޭތީ، އެއަށް ދޭނެ ޖަވާބެއް އަހުމަދުދީދީއަކަށް ނޭނގުނެވެ. އިސް އުފުލައި އޭނާގެ މޫނަށް ބަލައިލުމަށްފަހު، އަނެއްކާވެސް އިސްދަށަށް ޖަހައިލެވުނީއެވެ. މި ހަރަކާތާއެކު، އެ މީހާ، ކުރީ ފަހަރަށްވުރެ ބާރަށް، ހަމަ އެ ސުވާލު ތަކުރާރުކޮށްފިއެވެ. އަހުމަދުދީދީއަށް ހަނު ހުރުން ފިޔަވައި، ކުރެވުނު ކަމެއް ނެތެވެ. ޖަވާބު ދޭން ކިތަންމެ ބޭނުން ވިޔަސް، ކިޔާ އެއްޗެއް ނޭނގެންޏާ، ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟

އަތުގައި އޮތް އެއްތެޔޮގަނޑުން މޭޒުމަތީގައި ބާރަށް ޖަހާފައި، ކުރިއަށްވުރެ ވެސް ހަރުކޮށް ސުވާލު ތަކުރާރުކޮށްފިއެވެ. އޭނާ ރަތަށް އަރާފައި ހުރިވަރުން، ގަޔަށް އަރައިގެންފާނޭހެން ހީވާން ފަށައިފިއެވެ. ކިތަންމެ ރުޅިއަޔަސް ކުރެވޭނެކަމެއް ނެތެވެ. އެ ކުރާ ސުވާލަށް ދެވޭނެ ޖަވާބެއް އަހުމަދުދީދީގެ ކިބަޔަކު ނެތެވެ. އިސްދަށަށް ޖަހައިގެން ހުރުން ފިޔަވައި، ހަމަ އެއްކަމެއް ވެސް ނުކުރެވުނެވެ.

ދެން އައީ ހަމަހިމޭން ވަގުތުކޮޅެކެވެ. އެއްތެޔޮގަނޑު ހިފައިގެން ހުރި މީހާ، ދުރަށް ޖެހިލައިފިއެވެ. އިރުކޮޅަކުން އެހެން މީހަކު ތެދުވެއްޖެއެވެ. ހަރު ހިނގުމެއްގައި އެޅި ތިންހަތަރު ފިޔަވަޅަކާއެކު އައިސް, އަހުމަދުދީދީގެ ކަނާތްފަރާތުގައި މަޑުކޮށްލައިފިއެވެ. އަނެއް މީހާ ކުރި ސުވާލުހެން ހީވާކަހަލަ ސުވާލެއް ކޮށްފިއެވެ. މި ފަހަރު ވެސް އަހުމަދުދީދީއަށް އެއްޗެއް ނުބުނެވުނެވެ. އެ މީހާ ހުރީ ވަރަށް ރުޅިއައިސްފައިކަން އެނގެއެވެ.

ކުއްލިއަކަށް އެ މީހާ ކަރުބުޑުން ހަޅޭއްލަވައިގަންނަމުން، އަހުމަދުދީދީގެ ބޮލުގެ އިސްތަށިގަނޑުގައި، އެއް އަތުން ހިފައިފިއެވެ. އެއާއެކު އަނެއް އަތުން، ކަންކަށިމަތީގައި ވަރުގަދަ އެތިފަހަރެއް އަޅައިފިއެވެ. ނަގައިގަތް ތޫނު ދިލައާއެކު، މޫނުމައްޗަށް އަނދިރިވެގެން ދިޔައެވެ. އަހުމަދުދީދީއަށް ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް މޫނުގައި އަތް އެޅުނެވެ. އެ ވަގުތު އެއްތެޔޮގަނޑު ހިފައިގެން ހުރި މީހާ، ފުންމައިގެން އައިސް، އަހުމަދުދީދީގެ ދެއަތުގައި ހިފައި، ގަދަކަމުން ކަހަލަ ގޮތަކަށް ފުރަގަހަށް ގެންގޮސް، ބާރަށް ހިފަހައްޓައިފިއެވެ. ކޮނޑު ހުޅަށް ތަދު ވެސް ވިއެވެ.

އަނެއްކާވެސް ހަމަ އެ ސުވާލެވެ. އެ އަހަނީ ކީކޭބާވައެވެ؟ އެއް ސުވާލެއް އެހައި ގިނަ ފަހަރު ތަކުރާރުކުރާނީ މުހިންމު ސުވާލަކަށް ވާތީއެވެ. އެހެންނަމަވެސް މި ފަހަރު ވެސް، ހުންނާން ޖެހުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކިތަންމެ ރުޅި އަޔަސް، ކިތަންމެ އަނިޔާއެއް ކުރިޔަސް، މި ނޫން ގޮތެއް ނޯންނާނެއެވެ.

އަހުމަދުދީދީ އަނގައިން ނުބުނެ ހުންނާން ފެށުމުން، އެ މީހާ ރުޅިއައިސްގެން ގޮސް، ކުޅަނދުރަކަށް ވެއްޖެއެވެ. ގޮށްމުށްކަވާފައި، ބަނޑުކޮޅުގައި ވަރަށް ބާރަށް އަޅައި ވިހެލައިފިއެވެ. ވީތަދެއްގެ ބޮޑުކަމުން، ހަށިގަނޑު ކުރުގެޅިގެން ދިޔައެވެ. ނޭވާ ވެސް ނުލެވުނެވެ. އެވަގުތު އެހެން މީހަކު އައިސް، އަނެއް މީހާ އަތުގައި އޮތް އެއްތެޔޮގަނޑު އަތުލާފައި، އަހުމަދުދީދީގެ ފައިގެ ފަލަމަސްގަނޑުގައި ވަރުހުރި ބޮނޑިއެއް އަޅައިފިއެވެ. ވީތަދާއި ނެގި ދިލަ ބުނެދޭން ވެސް ނޭނގުނެވެ. އެހެންނަމަވެސް އެއިން މީހެއްގެ ހިތުގައި ރަހުމުގެ ކުނޑިފުކެއް ވެސް ހުރި ހެނެއް ހިޔެއް ނުވެއެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފައިގެން ގެންގޮސް، ޖެހިގެން ހުރި ކޮޓަރި ތެރެއަށް ގުޅައަކަށް ޖަހައިފިއެވެ.

ދިވެހީންގެ އަށް މީހުން ހާސްކަމެއްގެ ތެރޭގައި ދުޢާކޮށްލަކޮށްލައި ތިބޭތާ ދިހަވަރަކަށް މިނެޓު ފަހުން، ކުރިން ވެސް އައި ފުލުސްމީހާ، ފުލުސް އޮފީހުން ނިކުމެގެން އެ މީހުންނާ ދިމާއަށް އަންނަތަން ފެނިއްޖެއެވެ. އަނެއްކާ ވެސް އެހެން މީހަކު ބަލައި އަންނަނީކަން ކަށަވަރެވެ. އެ މީހުންނަށް ތިބެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އަހުމަދުދީދީ ކޮބައިބާވައެވެ؟ އޭނާއަށް ހެދީ ކިހިނެއް ބާވައެވެ؟ ފަހަރަކު މީހަކު ގެންގޮސް މަރާލަނީ ބާވައެވެ؟ މި ފަދަ ބިރުވެރި ސުވާލުތައް އެ މީހުންގެ ސިކުނޑިތަކަށް ހަމަލަދެމުން ދަނިކޮށް، އެ މީހާ އައިސް މި ފަހަރު އެ އިޝާރާތްކޮށްލީ، ފަސްދޮޅަށް ފަސް އަހަރުގެ އަލިބެއްޔާ އަށެވެ.

ބިރުން ވިރިވިރިހުރެ އަލިބެއްޔާ ހިނގައިގެންފިއެވެ. އުމުރާ އެއް ފަދަ ބަލިކަށި ހިނގުމެކެވެ. ކަނޑުމަތީގައި އެގޮތް މިގޮތަށް ގަނަތެޅޭން ޖެހުމުން، ވަކީން ބޮޑަށް ބަލިހެން މިހާރު ހީވެއެވެ. އެހެންނަމަވެސް، އެ ތަނުގައި ތިބި ރަޙުމުކުޑަ ސިފައިންގެ ހިތުގައި އެ މުސްކުޅިޔާގެ މައްޗަކަށް ވެސް ރަޙުމެއް ނެތެވެ. އަހުމަދުދީދީއާ ކުރި ސުވާލު އޭނާއާ ވެސް ކުރިމަތި ކޮށްފިއެވެ. ހަރުކަށި ރުޅިވެރި ރާގަކަށެވެ. އަލިބެއްޔާ އަކަށް ވެސް ޖަވާބެއް ނުދެވުނެވެ. ތަކުރާރުކޮށް ތިން ފަހަރު އެ ސުވާލުކޮށްފިއެވެ. ދެން އައީ ހަމަލާއެވެ. ކަންކަށިމަތީގައި ވީއްލާލައިފިއެވެ. ބޮނބިފަޅިމަތީގައި ގުއްޓެއް އަޅައިފިއެވެ. އަރިކައްޓަށް އެރީ، އެއްތެޔޮގަނޑުގައި ހުރި ހޫނުކަމެވެ. މިއިން ކޮންމެ ހަމަލާއަކާއެކު، އަލިބެއްޔާއަށް ރޮއިގަނެވެއެވެ. ހަންދޫވެ ގައިބާރުދެރަވެފައިވާ މުސްކުޅި ހަށިގަނޑުން ވަރު ހުސްވެއެވެ. ހިތްހަމަޖެހޭވަރަށް އަނިޔާކޮށްފައި ގެންގޮސް، އަހުމަދުދީދީ ވެސް ވެއްދި ކޮޓަރިއަށް ވައްދައި، ގުޅައަކަށް ޖަހައިފިއެވެ.

ތިން ވަނައަށް ގެނައީ އަލިފުތާއެވެ. ސައްބީސް އަހަރުގެ ޒުވާނެކެވެ. ގެންގޮސް ސިފައިންގެ ކުރިމަތީގައި ބަހައްޓާފައި، އެއްކަލަ ވަރުގަދަ ސުވާލު އަމާޒުކޮށްފިއެވެ. ޖަވާބެއް ނުދެވުނެވެ. ތަކުރާރުވަމުން އައެވެ. ރުޅިވެރިކަން އިންތިހާއަށް އެރިއެވެ. ދެން އަނިޔާއެވެ. ހިތުހުރިވަރެއް ކޮށްލުމަށްފަހު، ހަމަ އެ ކޮޓަރިއަށެވެ.

ފުލުސް އޮފީހުން ފުލުސްމީހާ އަނެއްކާވެސް ނުކުމެއްޖެއެވެ. އޭނާ ފެނުމާއެކު، ބާކީ ތިބި ހަ މީހުންގެ މޭގެ ތެޅުން ބާރުވިއެވެ. މިހާރު އެ މީހުންނަށް އޭނާ ސިފަވަނީ، ވަރަށް ބިރުވެރި ގޮތަކަށެވެ. ފުރާނަ ހިއްޕަވަން ވަޑައިގަންނަވާ މަލަކަލްމައުތު ނޫންނަމަވެސް، އެ ފަދަ ބިރެއް ހިތަށް ވެރިވެއެވެ. އޭނާގެ ކޮންމެ ފިޔަވަޅަކަށް ހިތުގެ ތެޅުން އަވަސްވަމުން ބާރުވަމުން އާދެއެވެ. މި ފަހަރު ގޮވައިލާނީ ކާކަށް ބާވައެވެ؟ ކޮންމެ މީހަކަށް ވެސް ހީވަނީ، މިއީ މަގޭ ފަހަރު ހެންނެވެ. އެހެންކަމުން ތިބެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

އެ މީހާ އައިސް ފަހަރަކު މީހެއްގެ މޫނަށް ވަކިވަކީން ނަޒަރު ހިންގާން ފެށިއެވެ. ފުރަތަމަ ރެކިފުތާގެ މޫނަށެވެ. އެއަށްފަހު ދޮންކަލޯބެއްޔާގެ އާދަނާގެ މޫނަށެވެ. ހައްވާދިޔެގެ މޫނަށެވެ. އާދަނާގެ މޫނަށެވެ. ފިޔޯރީ އާދަނާގެ މޫނަށެވެ. އާދަންފުތާގެ މޫނަށެވެ. އަނެއްކާވެސް ހައްވާދިޔެއަށް ބަލައިލައިފިއެވެ. ސިހިސިހި އިންދާ މި ފަހަރު އިޝާރާތްކުރީ، ހައްވާދިޔެއަށެވެ. ލިބު ކުއްލި ސިހުމާއެކު އާދަނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު އޭނާގެ ހަތަރެސްފަޔާއެކު މުޅި ހަށިގަނޑު ރޫރޫ އަޅައެވެ.

(ނުނިމޭ...)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު