ބީޗް ވޮލީގެ ފުރަތަމަ ބައިނަލްއަގުވާމީ މެޑަލް ރާއްޖެއިން ހޯދައިފި

ގައުމީ ބީޗް ވޮލީ ޓީމުން މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ބީޗް ވޮލީބޯޅަ އިވެންޓުގައި ޝީޝެލްސްގެ މައްޗަށް ސީދާ ދެ ގޭމުން ކުރި ހޯދައި، ރާއްޖޭގެ ގައުމީ ބީޗް ވޮލީ ޓީމުން ރިހި މެޑަލް ހޯދައިފިއެވެ.

މިއަދު ކުޅުނު ފުރަތަމަ ގޭމުގެ ފުރަތަމަ ސެޓް ރާއްޖެއިން ކާމިޔާބު ކުރީ 21-12 އިންނެވެ. އެ މެޗުގެ ދެ ވަނަ ސެޓް 21-10 އިން ރާއްޖޭގެ ޓީމު ވަނީ ކާމިޔާބު ކޮށްފައެވެ. ދެވަނަ ގޭމުގެ ފުރަތަމަ ސެޓު ރާއްޖެއިން ކާމިޔާބު ކުރީ 21-13 އިންނެވެ. އެ މެޗުގެ ފަހު ސެޓު ރާއްޖެއިން ކާމިޔާބު ކުރީ 21-14 އިންނެވެ. މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއިން ރާއްޖޭގެ ބީޗު ވޮލީ ޓީމުން ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ގައުމީ ބީޗް ވޮލީ ޓީމުން މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މީގެ އެއް ދުވަސް ކުރިން ގައުމީ ބީޗު ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ކޮމޮރޮސް ގާތުން 1-2 ގޭމުން މޮޅުވެފައެވެ. އެ މެޗުގެ ފުރަތަމަ ގޭމުގެ ފުރަތަމަ ސެޓުން 19-21 އިން ކޮމޮރޮސް މޮޅުވި ނަމަވެސް ދެވަނަ ސެޓު ރާއްޖެއިން ކާމިޔާބު ކުރީ 14-21 އިންނެވެ. ނަމަވެސް އެ ގޭމުގެ ފަހު ސެޓުން ރާއްޖެ ބަލިވީ 15-10 އިންނެވެ.

އެ މެޗުގެ ފަހު ދެ ގޭމުވެސް ސީދާ ދެ ސެޓުން ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ.

ރާއްޖެއަށް ބީޗު ވޮލީން މިފަހަރުގެ ރަން މެޑަލް ހޯދުމަށް ހުރަސް އެޅިގެން ދިޔައީ އެ ދުވަހު ކުޅުނު ދެވަނަ މެޗުގައި ދެ ގޭމުން ވެސް ރިޔޫނިއަން އަތުން ބަލިވުމުންނެވެ.

ގައުމީ ބީޗް ވޮލީ ޓީމުން މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވަނީ --- ފޮޓޯ// އެމްއޯސީ

މީގެ އިތުރުން މިއަދު ރާއްޖެ ކުޅުނު އެ މެޗު ބައްލަވާލެއްވުމަށް މިވަގުތު ރަސްމީ ދަތުރުފުޅެއްގައި މޮރިޝަސްގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންނެވިއެވެ. އެމަނިކުފާނާއެކު ކުޅިވަރާ ބެހޭ މިނިސްޓަރު އަހްމަދު މަހުލޫފް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބައިވެރިވެވަޑައިގެން ރާއްޖޭގެ ޓީމަށް ތަރުހީބު ދެއްވާފައެވެ.

"މިއީ ރާއްޖޭގެ ބީޗް ވޮލީއަށް ލިބުނު ތާރީހީ މޮޅެއް. އަދި މިއީ މި ކުޅިވަރުން ރާއްޖެއިން ހޯދި ފުރަތަމަ ބައިނަލްއަގުވާމީ މެޑަލް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާ އިތުރު މެޑަލްތަކެއް ލިބޭނެ،" މިއަދުގެ މެޗަށްފަހު މިނިސްޓަރު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަނީ މިހާތަނަށް ތިން މެޑަލް ހޯދާފައެވެ. އެގޮތުން ގައުމީ އަންހެން ޓީޓީ ޓީމުން ވަނީ އިއްޔެ މުބާރާތް ބާއްވާ ގައުމު މޮރިޝަސް ބަލިކޮށް ރަން މެޑަލް ހޯދާފައެވެ. އަދި އިއްޔެ ގައުމީ ފިރިހެން ބެޑްމިންޓަން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.

comment ކޮމެންޓް