މެންޗެސްޓާ ޔުނައިޓެޑުގެ ފޮވާޑް ރޮމެލޫ ލުކާކޫއަށް އިޓަލީގެ އިންޓަ މިލާނުން ކުރި 54 މިލިއަން ޕައުންޑުގެ ބިޑަށް އެ ޓީމުން ނޫނެކޭ ބުނެފި އެވެ.
އިންޓައިން ކުރި ބިޑަށް ޔުނައިޓެޑު ފުރަގަސް ދިނީ އެ ޓީމުން ހުށައެޅި އަދަދާއި ކުޅުންތެރިޔާގެ އަގާއި ނުގުޅޭ ކަމަށް ބުނެ އެވެ. އުމުރުން 26 އަހަރުގެ ލުކާކޫ އެވަޓޮން ދޫކޮށް މީގެ ދެ އަހަރރު ކުރިން ޔުނައިޓެޑާ ގުޅުނީ 72 މިލިއަން ޕައުންޑުގެ އަގަކަށެވެ. އެހެން ކަމުން އޭނާ އެހެން ކުލަބަކަށް ދޫކޮށްލެވޭނީ މަދުވެގެން އެ އަދަދަށް ބިޑު ހުށައެޅުމުން ކަމަށް ޔުނައިޓެޑުން ބުނެއެވެ.
ވޭތުވެ ދިޔަ ސީޒަނުގައި އެންމެ ރަނގަޅު ކުޅުމެއް ލުކާކޫއަށް ދެއްކިފައި ނުވި ނަމަވެސް އޭނާ ވަނީ ޔުނައިޓެޑަށް މުހިއްމު ގޯލުތަކެއް ޖަހައިދީފަ އެވެ. އަދި އޭނާ އެ ކުލަބުގައި ބަހައްޓަން ބޭނުންވާ ކަމަށް ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޮލްޝެޔާ ބުނެފައިވީ ނަމަވެސް އޭނާ އެހެން ކުލަބަކަށް ދާން ބޭނުންވާ ކަމަށް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.
ލުކާކޫ މިވަގުތު އަންނަނީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޔުނައިޓެޑާ އެކު ޕްރި ސީޒަން ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އަދި މިހާރު ކުރިއަށް މިދާ "ސަމާ ޓްރާންސްފާ" ގައި އިތުރު ތިން ހަފްތާ ވަރު އޮތް އިރު ލުކާކޫއަށް ރަނގަޅު ހުށައެޅުމެއް އައިސްފި ނަމަ އޭނާ ގޮސްދާނެ ކަމަށް ބެލެވިފައިވާ އިރު އޭނާއަށް އެންމެ ފަހުން ބިޑު ކުރި އިންޓައިން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް ބުނެފަ އެވެ.
"އަހަރެން ގަބޫލު ކުރާ ގޮތުގައި ލުކާކޫ އަކީ އިންޓަމިލާނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. މިވަގުތު މި ކުލަބުގެ އެންމެ ބޮޑު ޓާގެޓަކީ ވެސް އެނާ ކޮންމެ އަގެއް ދީފައި ވެސް ގެނައުން،" އިންޓަ މިލާނާއި އަލަށް ހަވާލުވި ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުންޏެވެ.
އޭނާ ބުނީ މިވަގުތު ލުކާކޫއާ ބެހޭ މާ ގިނަ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އޭނާއާ އެވާހަކަ ދެއްކުމުން ޕޮސިޓިވް ޖަވާބުތަކެއް ލިބުނު ކަމަށް ކޮންޓޭ ބުންޏެވެ.
ފައިގެ ހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ލުކާކޫ ކުޅެފައި ނުވާ އިރު އޭނާ އެނބުރި ކުޅުމަށް އަންނާނެ ކަމަށް ޔުނައިޓެޑުގެ ކޯޗު ވަނީ ބުނެފަ އެވެ.
"ލުކާކޫ އަކީ ދުނިޔޭގައި ތިބި މޮޅެތި ސްޓަރައިކަރުންގެ ތެރެއިން އެކަކު. އޭނާގެ އަނިޔާއިން ސަލާމަތްވެ އެނބުރި ކުޅުމަށް އައުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން." ސޮލްޝެޔާ ބުންޏެވެ.