އިސްދޫ އެކްސިޑެންޓެއްގައި އަނިޔާވި އެކަކު މާލެ ގެންނަނީ

ލ. އިސްދޫ: އިސްދޫ އިން ކަލައިދޫ އަށް އަދި ކަލައިދޫ އިން އިސްދޫއަށް ދަތުުރުކުރި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވި އެކަކު އިތުރު ފަރުވާއަށް މާލެ ގެންނަނީ --- ފޮޓޯ: ނަޖް

ލ. އިސްދޫ ބޮޑުމަގުގައި ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

އެ އެކްސިޑެންޓް ހިނގީ ރޭ 23:50 ހާއިރު އިސްދޫ އިން ކަލައިދޫއަށް ދަތުރުކުރި ސައިކަލެއް، ކަލައިދޫ އިން އިސްދޫއަށް ދަތުރުކުރި ސައިކަލެއްގައި ޖެހިގެން ނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ އެކްސިޑެންޓްގައި ކަލައިދޫ އިން އިސްދޫއަށް ދަތުރުކުރި ސައިކަލް ދުއްވާފައިވަނީ ނުގަވައިދު ފަޅިން ކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ދެ ސައިކަލް ދުއްވަން އިން ދެ މީހުންގެ އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ ކަން ފުލުހުން ފާހަގަކުރި އެވެ.

އެ އެކްސިޑެންޓްގައި އަނިޔާވެގެން ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 30 އަހަރާއި 34 އަހަރު އަދި 21 އަހަރުގެ ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑިރެކްޓަރު އަބްދުލް ހަންނާން ވިދާޅުވީ، ރޭގެ އެކްސިޑެންޓްގައި އަނިޔާވެގެން ގެނައި ތިން މީހުންގެ ތެރެއިން 30 އަހަރުގެ މީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާ ދީފައިވާ ކަމަށާއި އެހެން ކަމުން އޭނާ މާލެ ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މާލެ ގެންދިއުމަށް ލަފާ ދިން 30 އަހަރުގެ މީހާގެ އަތާފައި ބިންދައިގެން ގޮސްފައިވާއިރު ބޮލުން ވެސް ކޮންމެވެސް ވަރަކަށް ލޭ އަންނަ ކަމަށް ހަންނާނު ވިދާޅުވި އެވެ.

comment ކޮމެންޓް