މާލެއަށް ގެންނާނީ 16-20 މީހުންގެ ޖާގައިގެ ބަސް

އެމްޓީސީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ގެންނަ ބަސްތަކަކީ 16-20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓު ޑިޕާޓްމެންޓުގެ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއޯއޯ ޝާހިދު ހުސެން ވިދާޅުވީ މިނީ ބަހުގެ ހިދުމަތް ދޭންފެށުމަށް ހަދަންޖެހޭ ދިރާސާ ހެދުމަށްފަހު ޓްރާންސްޕޯޓު މިނިސްޓްރީ އާއި މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

"މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަދަންޖެހޭ ދިރާސާތައްކޮށް މިހާރު ވަނީ މިނިސްޓްރީ އާއި ހަވާލުކޮށްފައި. މާލެއަށް ގެންނަ ބަހަކީ މާލެ އަށް އެކަށީގެންވާ ވަރުގެ ކުދި ބަސްތަކަކަށް ވާނެ، އެއީ ގާތްގަނޑަކަށް 16 މީހުންނާއި 20 މީހުންގެ ޖާގައިގެ ބަސްތަކެއް. މި ސައިޒުގެ ބަސް މިގެންނަނީ ޓާނިން ރޭޑިއަސް އަށް ބަލައި، މާލޭގެ މަގުތަކަށް އެކަށީގެންވާ ވަރުގެ ބަސްތަކެއް ގެނައުމަށް،"

މާލެ އަށް ގެންނަ ބަސްތަކަކީ ލޯފްލޯ، އަރާ ފައިބާ ފަސިންޖަރުންނަށް ފަސޭހަ ބަސްތަކަކަށް ވާނެ ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.

"އެ ބަސްތަކަކީ އިލެކްޓްރިކް ބަސްތަކެއް، ހުޅުމާލޭގައި ޗާޖުކޮށްގެން މާލެ ގެނެސް ދުއްވަން މިއޮތީ ވިސްނާފައި،"

އެމްޓީސީސީ އިން ބުނީ ބަސްތައް ގެނައުމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ވަރަށް އަވަހަށް ޓެންޑަރަށް ހުޅުވާލާނެ ކަމަށެވެ.

މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އެ ކުންފުންޏާއެކު މިނިސްޓްރީ އިން ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއްބަސްވުމުގެ ދަށުން ހަތަރު މަސް ތެރޭ އެ ހިދުމަތް ދޭންފަށަން ޖެހެއެވެ.މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

މި ހަފްތާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ މާލެއަށް ގެންނަ ބަސްތަކަކީ އާންމުކޮށް ހުންނަ ބަސްތަކަށްވުރެ ކުދި ބަސްތަކެއް ކަމަށާއި ބަސްތަކުގެ ގޮނޑިތައް ކަސްޓަމައިޒް ކުރަން ޖެހޭ ކަމަށެވެ.

https://sun.mv/121750

comment ކޮމެންޓް