ޓޮޓެންހަމް ދޫކޮށް ޓްރިޕިއާ އެތުލެޓިކޯއަށް

ޓޮޓެންހަމް ގެ ކަނާތު ވިންގު ކެރެން ޓްރިޕިއާ --- ފޮޓޯ// މެޓް ޑޯމަން

ޓޮޓެންހަމްގެ ކަނާތު ވިންގަށް ކުޅެމުން އަންނަ ކެރެން ޓްރިޕިއާ އެކުލަބު ދޫކޮށް ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ސޮއެ ކޮށްފި އެވެ.

މިދިޔަ އަހަރު ރަޝިޔާގައި އޮތް ވޯލްޑް ކަޕުން ވިދާލި ޓްރިޕިއާ ކާމިޔާބު ސީޒަނަކަށް ފަހު ޓޮޓެންހަމް ދޫކޮށް އެތުލެޓިކޯއަށް ބަދަލުވީ 20 މިލިއަން ޕައުންޑުގެ އަގަކަށެވެ. ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޓްރިޕިއާ އެތުލެޓިކޯއަށް ބަދަލުވި އިރު އޭނާ ހޯދުމުގެ މަސައްކަތް ޔޫރޮޕުގެ ބޮޑެތި އެހެން ކުލަބުތަކަކުން ވެސް ދިޔައީ ކުރަމުންނެވެ. އެގޮތުން އިޓަލީގެ ޔުވެންޓަސްއާއި އިންޓަ މިލާނުން ވެސް ދިޔައީ ޓްރިޕިއާއަށް ފާރަ ލަމުންނެވެ.

ޓޮޓެންހަމްގެ ކަނާތު ވިންގު ކެރެން ޓްރިޕިއާ --- ފޮޓޯ// މެޓް ޑޯމަން

އިނގިރޭސި ވިލާތުން ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރު ކުރުމުގައި މުހިއްމު ދައުރެއް އަދާ ކުރި ޓްރިޕިއާ ވަނީ އެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން އޭނާ ވަނީ އެ މުބާރާތުގެ ސެމީގައި ވެސް ހިލޭ ޖެހުމަކުން މޮޅު ގޯލެއް ޖަހައިފަ އެވެ.

ނަމަވެސް ވޯލްޑް ކަޕަށް ފަހު ޖެހިގެން އައި ސީޒަނުގައި އޭނާއަށް އެ ފޯމު ދެމެހެއްޓިފައެއް ނުވެ އެވެ. ފިޓްނެސް މައްސަލަތަކާއި ރިކަވަރީގެ މައްސަލަތކުގެ ސަބަބުން މިދިޔަ ސީޒަނުގެ ވެސް އެތައް ބައިވަރު މެޗުތަކެއް ޓްރިޕިއާއަށް ގެއްލުނު އިރު އޭނާ ވަނީ ލިބޭ ފުރުސަތުތަކުގައި ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ޔޫރޮޕުގެ އެންމެ ޝަރަފުވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ދަތުރު ކުރި ޓްރިޕިއާ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ޓްރިޕިއާ ކުލަބު ދޫކޮށްލުމާ އެކު ޓޮޓެންހަމުން ހުސްވި މަގާމު ފުރުމަށް ބެލެވޭ ގޮތުގައި ފުރުސަތު ލިބިގެން ދާނީ މިދިޔަ ސީޒަނުގައި އެ ޓީމުގެ ބެންޗުން އަރައި ކުޅުނު އާޖެންޓީނާގެ ޑިފެންޑަރު ޖުއަން ފޮއިތަށެވެ. އަދި ކުލަބަށް އަލަށް ގުޅުނު ކައިލް ވޯކާ ޕީޓާސްއާއި މިދިޔަ ސީޒަނުގައި ވެސް އެ މަގާމަށް ކުޅުނު ސާޖް އާރިއާއަށް ވެސް އެ މަގާމު ދިފާއު ކުރަން ފުރުސަތު ލިބޭނެ އެވެ.

ބާންލީ ދޫކޮށް ޓޮޓެންހަމަށް 2015 ވަނަ އަހަރު ޓްރިޕިއާ ބަދަލުވީ ފަހުން އޭނާ ވަނީ އެ ކުލަބަށް 69 މެޗު އިނގިރޭސި ލީގުގައި ކުޅެދީފަ އެވެ.

comment ކޮމެންޓް