ފަޔަރ އެންޑް އައިސް (20)

ފަޔަރ އެންޑް އައިސް

"އައި ހޭވް ކޮމްޕެނީ . ހީޒް އެ ޑޮކްޓަރ. ސޯ ކޮންކަމަކާ ވޮރީވާންވީ. މަ ހޭނެތުނަސް ނޫނީ ކޯމާއަކަށް ދިޔަސް ހެލްޕްވާނެ މީހެއް ކައިރީގައި މިހުރީނު. ހޫމްމް ހޭނެތޭހާ ވަރުގަދަ ވާހަކައެއް ދޯ ބުނަން ތިއުޅެނީ..." އާރިޒް ހެޑްބޯޑުގައި ބާލީސް ޖައްސާލައިގެން ހަމަޖެހިލިއެވެ. ކުރިމަތީގައި ހުރި ބެލްކަންޏަށް އޭނަގެ ލޯ އިރުކޮޅަކަށް ހުއްޓުނެވެ. އޭނަ ހޮސްޕިޓަލުން ގެއަށް އައިއިރު ކޮޓަރިތެރޭ ހުރި ފަރުނީޗަރުތައް ބަދަލުކޮށްލާފައި ހުރީ އެނދުގައި އޮންނައިރުވެސް އާޔާގެ ބެލްކަނި ފެންނަގޮތަށެވެ. އޭނަ ދެކުނީ އާރިކްއާއި ޖަނާހު ޖެއްސުމަކަށް ކޮށްލިކަމެއް ކަމަށެވެ.


"އަހަންނަކީ އިންސާނެއް ނޫން........." އާރިކް ކޮއްކޮގެ މޫނަށް ބަލަން އިނީ ތަފާތު ނަޒަރަކުންނެވެ.

"ދެން........ކޯންޗެއް "އާރިޒްގެ ލޯ އާރިކްއާއި ގުޅުނެވެ.

"ބިރުންތަ؟ " އާރިކް އާރިޒްގެ ފަޔަށް ދަމައިލިއެވެ. އާއްމު ފިރިހެނަކަށްވުރެ އާރިކްގެ އާރާއި ބާރު ހުންނަކަމާއި އޭނަ ކުއްލިއަކަށް ފެނިލާގޮތުން އޭނައާއި ޖަނާހުވެސް ސިއްސާލާކަން އާރިޒްގެ ހަދާނަށް އައެވެ. މިފަހަރުވެސް ކުޑަ ކުޑަ ލުތްތަކުން ފައި ބިންދާލިހެން ހީވެ އަނގަޔަށް ގޮތެއް ހަދައިލެވުނެވެ.


"އޭލިއަނެއްތަ؟ ކޮރެއަން ޑްރާމާއެއްގެ ތަންކޮޅެއް އެއް އިރެއްގައި ބަލައިލިން. މައި ލަވް ފްރޮމް އެނަދާ ސްޓާރ. އޭގައި އޭލިއަންއެއް އުޅެނީ އިންސާނެއްގެ ސިފަޖެހިގެން.........." އާރިޒް ބަލަން އިނީ ވިސްނުންތެރިކަމާއި އެކުގައެވެ.


"ތިއީ ސައިންޓިސްޓުން އުފައްދައިގެން އުޅޭ ފުލޯކު އެއްޗެއްގެ ނަން. އޭލިއަނުންނާއި ވެމްޕަޔާސްއަކީ އުޅޭ އެއްޗިއްސެއްނޫން. އަހަރެމެން ދަންނަނީ މާރިދުންނާއި އިފްރީތުން ސިލާސް ޖާންފަދަ މަޚުލޫގުން. އެއީ ހަގީގަތަކީ. އަހަރެން ހިމެނެނީ ޖިންނިންގެ ނަސްލުގެ ތެރޭ......................................." އާރިކް އެނދުގައި ދެއަތް ވިއްދާލަމުން އާރިޒްއަށް ބަލައިލީ ސީރިޔަސް ނަޒަރަކުންނެވެ.


"ހެހެހެ..............." އާރިޒް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.


"ކޮބާ ހެކި؟ " އާރިޒް އެހިއެވެ.

"ލޫސިފާއަށް ސުވާލެއް ކޮށްލާކަށްވެސް ނޭގޭ. ދެން ލުސިފާ އިންސާނަކަށް ވީ ކީއްވެހެއްޔޭ އަހާބަ. ދެމީހުން ޓްވިންސް ވެއްޖެއްޔާ އެކަކު އިންސާނަކަށްވީ ކީއްވެ ހެއްޔޭ..........."


"އެހެނެއް ނާހާނަން. މަށަށް އެނގޭ. ޔޫ އާ ޕޮސެސްޑް. ހަށިގަނޑު ތެރެއަށް ލޫގާ ވަދެފައި ތިހިރީ. ޖިންނި އަވަލީމަ މީހުން އުޅޭގޮތަށް އުޅެވިދާނެ ދޯ. އެނޫން އެކްސްޕްލެނޭޝަނެއް މަށަކަށް ނުފެނޭ.....އަހަރެން މިބުނީ ރަގަޅަށްތަ " އާރިޒް ބުމަ އަރުވައިލިއެވެ.

"މުޅިން ރަގަޅެއްނޫން...."

އާރިކް ކިޔާދިން ވާހަކަ އަޑުއަހަން އިންއިރު އާރިޒްއަށް ހާސް އަސަރުކުރިއެވެ. ލޯ ފެންކަޅިވިއެވެ. ހިތްދަތިކަމާއި ރުޅިވެރިކަން އަދި ކަންބޮޑުވުމާއި ބިރާއިއެކު ހިތުގެ ކަނަކުން އުފާވެރިކަންވެސް ވިންދު ޖަހާލައިފިއެވެ. މަސްހުނި ޖަޒުބާތުގެ އޮއިވަރުގައި ގެނބި އެއްތާކު ހަމަޖެހިގެން އިނުން ފަސޭހަކަމަކަށް ނުވިއެވެ. ތެދުވެގެންގޮސް ބެލްކަނީގައި ހުއްޓުނެވެ. ދެކޮޅަށް ހިނގާލިއެވެ. އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. ނިތްކުރީގައި އިނގިލިތައް ހިންގައިލިއެވެ. އެންމެފަހުން ރެއިލިންގައި އުޅަބޮށި ޖެއްސިގޮތަށް ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވިއެވެ. ހިމޭންކަމާއިއެކު ކަރުނަ އޮއްސަމުންދާ މަންޒަރު ދެކެން އާރިކްއަށްވެސް ކުޅަދާނައެއްނުވިއެވެ. މަންމައެއްގެ ލޯތްބާއި ހިމާޔަތް ނެތި ހިލޭ އަންހެނަކަށް މަންމަ ކިޔައިގެން އޭނަ ތަހައްމަލު ކުރި ވޭނާއި ހިތާމަ އަދި ލިބުނު އަނިޔާތައް އިހުސާސްކުރެވޭނީ ހަމައެކަނި އާރިޒްގެ ހިތަށެވެ. އެފަދަ އަނިޔާތައް ތަޖުރިބާ ނުކުރެވޭ މީހަކަށް އެ އިހުސާސް ނުކުރެވޭނެއެވެ. އާރިކްއަކީ ހިތްވަރުގަދަ ފިރިހެނެކެވެ. ބައްޕަ އިންސާނަކަށްވިޔަސް އޭނައަކީ މަންމަގެ ނަސްލަށް ނިސްބަތްވާ މަޚުލޫގެކެވެ. އެހާ ފަސޭހައިން އޭނަގެ ހިތަށް އަސަރެއް ނުކުރާނެއެވެ. ޖަޒުބާތުގައެއްވެސް ނުޖެހޭނެއެވެ. ނަމަވެސް އާރިޒްއަށްޓަކާ އެހިތުގައިވި ލޯތްބާއި ކުލުނު އެވަގުތު ހާމަވީ އެ ޖަވާހިރެއްފަދަ އަޅިދެލޯ ތެމި ކަރުނަތައް ތިރިއަށް ދެމިގަތުމުންވެ. ފަހަތުންގޮސް އާރިޒްގެ ބޮލުގައި މޫނު ޖައްސާލަމުން ބައްދައިލެވުނީ ހިމާޔަތް ދޭފަދަ ގޮތަކަށެވެ.

"ހިތްވަރުކުރޭ. މަންމަ ނިޔާވެފައިވީ ނަމަވެސް އަހަރެމެން މަންމަގެ ހަށިގަނޑު އޮތްތަން ނަމަވެސް ހޯދާނަން. އަހަރެން އިންސާނުންގެ ތެރެއަށް މިއައީ މަންމަގެ މަރުގެ ބަދަލު ހިފަން. އަދި މަންމަ ހުރިތަނަކުން ހޯދުން. ފެމިލީ މީހުންވެސް ކޮއްކޮ ކައިރީ އެބުނަނީނު އާޔާއާއި މެރީކުރާށޭ. ފަހަރެއްގައި އެމީހުންގެ ތެރޭ އުޅުނީމަ މައުލޫމާތުވެސް ލިބިދާނެ....ޕްލީޒް ޑޫ އިޓް. ފޯ ދަ ސޭކް އޮފް އަވާ މަމް...." އާރިކް މަޑުމަޑުން ބުނެލިއެވެ.

***

އާރިޒްގާތު އާރިކް ކިޔައިދިން ވާހަކަތައް ސިކުނޑިއަށް ނަގައިގަތުމުން ފަސޭހައެއް ނުވިއެވެ.

އެއީ އޭނައަށް މުޅިން އާ ވާހަކަތަކެވެ. އާ ތަޖުރިބާތަކެވެ. އާރިކްގެ ދިރިއުޅުމުގެ ސިއްރުތައް ތަފާތެވެ.

އެފަދަ އަޖައިބުކުރުވަނިވި ވާހަކައެއް އިވުމުން ފުރަތަމަ ޝޮކެއް ލިބުނެވެ. ބިރުގަތެވެ. ދެރަވީ ހަގީގަތް އެނގުމުން އެންމެ ލޯބިވާ އަންހެންކުއްޖާއާއިއެކު އޭނައަށް މުސްތަގުބަލެއް ނެތްކަން އެނގިއެވެ. ކައިވެންޏަކީވެސް އެކުއްޖާއަށް ދެވޭ ކެއްސެކެވެ. އޭނައާއި އާޔާއަށް ނޯމަލް ދެމަފިރިންގެ ގޮތުގައި އުފާވެރި ދިރިއުޅުމެއް ނުހޯދޭނެއެވެ. ދުރުވާން އުޅުނީވެސް އާޔާއަށް އޮޅުވައިލެވޭތީއެވެ. މިހާރު ކުރިއަށްވުރެ ބިރުގަނެއްޖެއެވެ. ކުރިއަށްވުރެ ބޮޑު ސިއްރެއް އާޔާއަށް ފޮރުވަން ޖެހުނީއެވެ. އެކަމަކު އާޔާއާއި ކައިވެނިކުރާނީއެވެ. އެއާއިލާއިން މަންމައާއި ބެހޭގޮތުން މައުލޫމާތެއް ހޯދޭނީ އޭރުންނެވެ.

ދެދުވަސްފަހުން މީހާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ.

"ޑިއުޓީއަށް ހާޟިރު ނުވަންޏާ އެޓްލީސްޓް ސަލާމް ބުނެލަންވާނެ ދޯ އާރިޒް. ނެކްސްޓް ޓައިމް އަންގާލަދެއްޗޭ. ދެ ދުވަސް މިވީ ފޯނުވެސް ނުނަގާ ވީނުވީއެއް ނޭގި...." އޮފީހުން ގުޅާފައި އާރިޒްއާއި ވާހަކަދެއްކީ ރީތިކޮށެވެ. އާރިޒް މާފަށް އެދުނެވެ. ދެން އެހެން ނުވާނެކަމުގެ ޔަގީންކަން ދިނެވެ.

***

އާޔާ ހޫނު ކޮފީތަށްޓެއް ހިފައިގެން ބެލްކަންޏަށް ނުކުތެވެ. ފިނިފެންމާގަސްތަކުގައި މާތައް ފަރިވެ ފޮޅިފައިވާއިރު ދުވާ ލުއިވަހުން ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. ބިންމަތީ ފެތުރިފައި އޮތް ޖަންބުމަލުގެ ދޫލައިގެ ފިޔާތޮށިކަމާއި ރީތިކަމުން މޮޔަވާވަރުވިއެވެ. އާޔާ ދާލަމަތީ ކޮފީތަށި ބަހައްޓާފައި ފޯނު ހިފައިގެން ނުކުމެ ފޮޓޯއާއި ސެލްފީތައް އެކިގޮތްގޮތަށް ނެގިއެވެ. އާރިޒްއަށް ނުކުމެވުނީ ހުސްގަޔާއެވެ. ކޮނޑަށް ވައްޓާލާފައިވާ ތުވާލީގެ ދެކޮޅުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ހަމައެކަނި ޖިންސްގައި ހުރުމުން ލަދުގަތީކަން ނޭގެއެވެ. އަވަހަށް އެތެރެއަށް ވަންނަން އުޅެފައި ފިޔަވަޅުތައް ހުއްޓުނެވެ.

"އާރިޒް........." އާޔާގެ ގޮވައިލީ ފުދޭވަރަކަށް ބާރެވެ.

އާރިޒް އެނބުރުނެވެ. ފަސްދީފައި ގޮސްގެން އަދި އޭނަގެ މަގުސަދު ހާސިލެއް ނުވާނެއެވެ.

"ކިހިނެއްވީ....." އާރިޒް ރެއިލިންގާ އަތް ޖައްސައިލިއެވެ.

"މެރީ މީ...........ޕްލިޒް." އާޔާ ނިކަން ހަމަޖެހިލާފައި ކިޔާލައިފިއެވެ.

"އަންހެންކުދިން ތިހެން އިސްނަގާ އުޅޭތަ؟ " އާރިޒް މަސައްކަތްކުރީ އާޔާގެ މޫނަށް ނުބަލާވޭތޯއެވެ.

"މިހާރު ހަދާންނެތުނީތަ؟ އާރިޒް އެއްފަހަރު އަހާފައި އޮތީ. އައިމް ޖަސްޓް ރިމައިންޑިން ޔޫ................................................" އާޔާ ހަދާންކޮށްލަދިނެވެ.

"ރަގަޅަށް ތިބުނީ....އެކަމަކު އަހަންނާއިއެކު އާޔާއަށް ނޯމަލް ދިރިއުޅުމެއް ނުހޯދޭނެ. އަހަންނަކީ ކާކުކަން އަދި އާޔާއަށް ނޭގެނީ. އެނގުމުން ރުޅިވެސް އަންނާނެ. ފޫހިވެސް ވެދާނެ. އަދި......."

"ދިރިއުޅުމަކީ ނިކަން ކުރު އެއްޗެއް. އެއްވެސް މީހަކަށް ދާއިމީ އުފަލެއް ނުހޯދޭނެ. ކުޑަކުޑަ ދުވަސްކޮޅެއްގެ މުސާފިރެއްގެ ގޮތުގައި މިތަނަށް އައީ. ވީއިރު ދެދުނިޔޭގެ ނަސީބު ހޯދަން މަސައްކަތްކޮށް އުފަލުން އުޅެފައި ހަމަ ދާންވީ. އެކަމަކު އަޅުތަކުން ދުނިޔެއަށް ފޮނުއްވި މަގުސަދު އަހަރެމެން ހަދާން ނައްތާލައިގެން ނުވާނެ. އެންމެ މުހިއްމު ކަމަކީ އަޅުކަންކޮށް ހެއްދެވިފަރާތާ އޮތް ގުޅުން ރަގަޅުކުރުން. ކައިވެނި ކުރުމުން ދީންވެސް ފުރިހަމަވީ ކަމުގައި އޮވެއެއްނު. ސަބަބަކީ ފިރިމީހާގެ ރުހުން ލިބިހުރެ މަރުވެއްޖެ އަންހެންކުއްޖަކަށް ސުވަރުގެ ލިބޭނެތީ. މާދަން ފޫހިވެދާނެތީ ރުޅި އަންނާނެކަމަށްޓަކާ ދުރުގައި އުޅުމަކީ ތާކުން ތާކު ޖެހޭކަމެއް ނޫން. އަހަރެމެންގެ ދިރިއުޅުން ތިބުނާހާ ފުރިހަމައެއް ނުވާނެއޭ އާރިޒް. ލޯބިން ރައްޓެހިގެން އެތައް އަހަރު އުޅެ ކައިވެނިކޮށް ދަރިން ލިބޭފަހުން ކައިވެނި ރޫޅޭ. އެހެނޭ ކިޔާފައި އުޅެންޏާ ދެން މީހުންނާއި ކައިވެނިނުކޮށް ހުސްހަށިބަޔަށް ތިބޭކަށް ނުޖެހެއެއްނު. ހިތުގައި އިހުސާސްތައް ލައްވާފައިވޭ. އެހެންވެ ހަލާލްގޮތުގައި އަހަރެން އެއްވެސް ގުޅުމެއް ކުރިއަށް ގެންދަން ބޭނުމީ. އޭރުން އެލޯބީގައި ބަރަކާތް ލައްވާނީ..އާރިޒް މިސްކިތަށް ދާކަން އެނގުނީމަ ވަރަށް އުފާވި. ބޭނުންވަނީ ދީނަށް ލޯބިކުރާ ރަގަޅު ޒުވާނެއް......." އާޔާ ބުނެލިއެވެ.

"މި ކައިވެނީގައި... ބަރަކާތެއް ނުވާނެ. ޓްރަސްޓް މީ....." އާރިޒް އިންޒާރުކުރިއެވެ.

"ބަލަމާ...." އާޔާ ހުރީ ގޮތުގައެވެ.

"އައިމް ރެޑީ........" އާރިޒް އާޔާއާއި ހަތަރުކަޅި ހަމަކުރިއެވެ.

"ތެންކިއު ލުސިފާ....." އެނބުރިލާފައި ގެއަށް ވަންނަމުން އާޔާ އޭނައާއި މުޚާތަބުކުރި ޖުމްލައިން މެޔަށް ފިނިވެގެން ދިޔުމާއެކު އާޔާ ހުއްޓުވަން ގޮވާލަން އުޅުނެވެ. ދެން ޚިޔާލު ބަދަލުކޮށްލިއެވެ.

***

ފުރުގާންއާއި ބަލްސަމް އަދި ނޫރިއާ ސޯފާގައި ތިބިއިރު އާރިޒް އާރިކް އަދި އެކުދިންގެ މައިންބަފައިން ކުރިމަތީގައި ހުރި ސޯފާ ސެޓްގައެވެ. އާ މުސްލިމުންނަށް ވިޔަސް އާއްމުކޮށް މިއުޅޭ މީހުންނަށްވުރެ އިސްލާމްދީނަށް އަހުލުވެރިއެވެ. ގެއަށްވަނީ އިސްލާމީ ރީތި ސަލާމުން ސަލާމްކޮށްފައެވެ. ލައިގެން ތިބި ހެދުމުގައިވެސް ހުޅަގުގެ ވައްޓަފާޅިއެއް ނެތެވެ. ހިތްތިރިކަމުގެ ނަމޫނާއެކެވެ. ނޫރިއާވެސް އެމީހުންނާއި ގަޔާވިއެވެ.

"އަޅުގަނޑުމެން ތި ކައިވެންޏާއި ވަރަށް ގަބޫލު. އަވަހަށް ރީތި ތާރީޚެއް ނިންމާ..........." ނޫރިއާގެ ލޮލުގައި ވި ވިދުން ގަދަވިއެވެ.

"މިރަށުގެ ރިޒޯޓެއްގައި ޕާޓީ ބާއްވާފައި އަދި އެމެރިކާގައިވެސް ޕާޓީއެއް ބާއްވާން ގަސްތުކުރަން. އަޅުގަނޑުމެންގެ އާއިލާއާއި އެތައް ރައްޓެހިންނެއް އެކޮޅުގައި އުޅޭނެ. އަލްހަމްދުލިﷲ އަޅުގަނޑުމެންގެ އާރިޒްއަށްޓަކާ ލިބުނީ ހީވެސް ނުކުރާފަދަ ބައިވެރިއެއް. މިޒަމާނުގައި ހުރިހާކަމެއް ފުރިހަމަ އަންހެންކުއްޖަކު މަދުވާނެ. ޚާއްސަކޮށް މުއްސަދި އަންހެންކުދިންގެ ގައިގާ ދީނީ ކަންފުޅެއް ނުހުންނާނެ. މާއްދިއްޔަތަށް ގޮސް ގެއްލި ހަލާކުވެފައި ގިނަ ކުދިން. ނަމަވެސް އާޔާފަދަ ކުއްޖަކު އަޅުވެރިކަން އެނގުމުން ވަރަށް ހިތްހަމަޖެހިއްޖެ............" އާރިކްއާއި އާރިޒްގެ ބައްޕަ ބުނެލީ ހިނިތުންވުމާއި އެކުގައެވެ. މަންމަވެސް އެކަމާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އެދެމަފިރިން ތިބީ ނިކަން އުފަލުންނެވެ. އާރިކްގެ ގެއްލިފައިވާ ޓްވިން ބަލައިގަންނަން އެދެމަފިރިން ހިނދުކޮޅެއްވެސް ނުނެގިއެވެ. އާރިކްފަދައިން އެކުއްޖާއަށްޓަކާ ހިތުގައި ލޯބި އުފެދުނެވެ. އާރިކްއަށްވުރެ މާ މަޑުމައިތިރި ކިޔަމަންތެރި ދީނަށް ލޯބިކުރާ ޒުވާނެއްކަމުން އެފަދަ ދަރިއެއް ބޭނުންނުވާނީ ކާކުހެއްޔެވެ؟

***

އެންމެ ކުރިން އެ ވަސް ހުރީ ނިކަން ފަނޑުކޮށެވެ. ދެން ނޭވާލަން އުދަގޫވާފަދަ ދުން ހުޅުވާފައި ހުރި ފްރެންޗް ދޮރުތަކުން ކޮޓަރިތަކަށް ފޭދެންފެށިއެވެ. މަޑުއަޅިކުލައަކަށްދާ ދުންކޮޅުތައް އެނބުރެމުން ނަށަމުން މަގުހޯދަމުންގޮސް އެ ގަނޑުވަރެއްފަދަ ގެއަށް ވަދެ އިސާހިތަކު މުޅި ތަން ފުރާލައިފިއެވެ. ފޯރާފަށުގައިވާ ކޮންމެ އެއްޗެއް ހަލާކުކޮށް ނައްތާލަން ވަރުގަދައަށް ނިޔަތް ގެންފައިވާ ޝައިތާނެއްފަދައިން ދުންގަނޑު ފެތުރިގަތެވެ.

ކެއްސުމުގެ އަޑުން ކޮޓަރި ގުގުމައިލިއެވެ.

ގޭގައިވާ ޚައްދާމުންތައް ކުޅަދުރު ހަތާއަކުން ކުޅަދުރު ނިކުންނަފަދައިން ނިކުމެ އަވަސްވެގަތީ ފޮހޭ ސާމާނާއި ސްޓީމް ކްލީނާތަކާއިގެން ކައުޗްތަކާއި ދޫލަ އަދި ސޯފާތަކުގައި އެވަސް ހަރުލިޔަ ނުދިނުމަށެވެ. މިއަދަކީ ޚާއްސަ ދުވަހެކެވެ. އެތައް މެހުމާނުންނަކަށް ދައުވަތު ދެވި އެތައް ބަޔަކު ހާޟިރުވެއްޖެއެވެ.

"ކިހިނެއް މިވަނީ؟ " ބަލްސަމްގެ އަޑު ހަރުވެފައި ހޯލުގައި ގުގުމައިލިއެވެ.

އޭނަ ތަކުރާރުކޮށް ބަގީޗާ ބަލަހައްޓާ މީހާއަށް ގޭގެ ފަހަތުގައި އޮންނަ ބައިގާ ކުނިތައް ނާންދަން އަމުރުކޮށްފައިވިއެވެ. މިސިކުންތުކޮޅުގައި އޭނަ ވަޒީފާއިން ކަނޑާލަން ފަހެއް ނުޖެހޭނެއެވެ. ބަލްސަމް ރުޅިވެރިކަމާއިއެކު ބަރު ފިޔަވަޅުތައް އަޅަމުން ހިނގައިގަތީ ގޭގެ ގުޅުވިފައިވާ ފަހަތު ބަޔަށެވެ. ސިކުންތުކޮޅެއް ނުވަނީސް ލޭ ގަނޑުކޮށްލާހާ ބިރުވެރިކޮށް ބަލްސަމް ހަޅޭއްލަވައިގަތް އަޑު އެންމެންގެ ސަމާލުކަމަށް އައެވެ. ބަލްސަމްގެ އަޑު އައި ދިމާލަށް އެންމެން ދުއްވައިގަތެވެ.


އެހިސާބުގައި އަލިފާންގަނޑު އަނދަމުން ދިޔައީ ފަރުމަތިން އަނދަމުންދާ އިފުރީތެއް ފަދައިން ރުޅިވެރިކަމާއި އެކުގައެވެ. އަލިފާންގަނޑު ކައިރީ އެމީހުންނަށް ފުރަގަސްދީގެން ހުރީ އާޔާއެވެ. ދެން އެތާ ހުރީ އާރިޒްއެވެ.

"އާޔާ....ވަޓް އާ ޔޫ ޑުއިން........"ބަލްސަމް އޭނަގެ ދޮންދަރިފުޅާއި ދިމާލަށް ދުއްވައިގަންނަމުން ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ.

އާރިޒް ހުރީ ސްތެޗޫއެއްހެން ގުޑިނުލައެވެ. ލޮލުން ފެންނަނީ ބިރު އަދި ކުށްވެރިކަމުގެ އިހުސާސެވެ. އެއުމުރުގެ ޒުވާނަކަށްވިޔަސް އޭނަގެ ހަށިގަނޑުވެސް ރޫރޫ އަޅާފަދައެވެ.

އާޔާ އޭނަގެ އަމިއްލަ ކައިވެނީގެ ހެދުން އަންދާލަނީއެވެ. އޭނަ ކައިވެންޏަށް ހަދިޔާކުރިހާ އެއްޗެއް އަންދާލާތަން އާރިޒްއަށް ފެނުނެވެ. އަދި ރުޅިވެރިކަމާއިއެކު އޭނަ ދިން ލިލީ ބުކޭ ގެންގޮސް އަލިފާނަށް އެއްލައިލުމުން އަލިފާންގަނޑު ރުޅިވެރިކަމާއިއެކު އެއެއްޗެހި ދިރުވާލިތަން ބަލަންވެސް ޖެހުނެވެ. އާރިޒް ސީދާ އަލިފާންގަނޑަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު މަޑުމަޑު ރަތްކުލައަކުން އާރިޒްގެ ލޯ ދިއްލުނެވެ. އެ ނަޒަރު އެންމެފަހަރުވެސް އެތަނުން ކައްސައެއްނުލައެވެ. އާޔާ ހުއްޓުވަން އޭނަ އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި އާޔާއާއި ދިމާލަށް ބަލައިލާނެ ހިތެއްވެސް އޭނަގެ ނެތެވެ.

ބަލްސަމް އާޔާގެ ކޮނޑުގައި ހިފާފައި ތަޅުވައިގަތެވެ.

"މޮޔަވީތަ؟ ވަޓްސް ރޯންގް ވިތް ޔޫ އާޔާ....އެންމެން އެތާ އިންތިޒާރުގައި އެބަތިބި. ގާޒީންނާއި އެހެން އެންމެން ޖަސްޓް ވެއިޓިން ފޯ ޔޫ......"

އާޔާ ބަލްސަމްގެ އަތް ދުރަށް ކޮށްޕާލައިފިއެވެ.

"އޭމް އައި ކްރޭޒީ؟ ޔެސް އައި އެމް.....އައި ވޯޒް އެބައުޓް ޓު މެރީ އެ މާޑަރާ....." އާޔާ ކުއްލިއަކަށް ހަޅޭއްލަވައިގަތެވެ. އޭނަގެ ކޯތާފަތުގައި ހިކިފައިވާ ކަރުނައެވެ. އޭނަ ކޮނޑާއި ދިމާލުން ފަހަތަށް ބަލައިލިއިރު ކަރުނުން ފުރިފައިވާ ދެލޮލުގައި ރުޅިއާއި ނަފްރަތެވެ.

"އެ ގާތިލް..... އޭނަ އަހަރެމެންގެ އާރްޔާ މަރައިލީ............" އާޔާ އާރިޒްއާއި ދިމާލަށް އިނގިލިން އިޝާރާތްކޮށްލިއެވެ. އޭރުވެސް އާރިޒް ހުރީ އަލިފާނަށް ނަޒަރު ހުއްޓިގޮތަށެވެ.


ފުރަގަހަށް ދޫކޮށްފައިވާ އާޔާގެ އިސްތަށިގަނޑަށް އަލިފާނުގެ ހިޔަނި އެޅި ހުޅުހިފާފައިވާ ފަދައެވެ. އާޔާގެ ނަފްރަތުން ފުރިފައިވި ލޮލުން އާރިޒްވެސް އަންދާލާ އަޅިޔަށް ހަދާފާނެކަހަލައެވެ. އަޅިކުލައިގެ ސާދާ ހެދުމަކާއިއެކު ކަރުނުން ފުރިފައިވާ ދެލޮލުގެ ސަބަބުން އިރުކޮޅެއްކުރިން ކައިވެންޏަކަށް ތައްޔާރުވެފައިވާ އަންހެންކުއްޖެއްކަމަށް ހީކުރާނީވެސް ކާކުހެއްޔެވެ؟ އޭގެ ދިމާ އިދިކޮޅެވެ.


"ހައު ޑެއާ ޔޫ އިވެން ޓްރައި އިޓް......." އާޔާ ބާރުބާރަށް ހިގާފައިގޮސް އާރިޒްގެ މޫނުގައި ވަކި އަޅައިގަތެވެ. "ވެއާޒް ދެޓް ސްކާ.......ޑޯންޓް ހައިޑް އިޓް...."


އެގޭގައި ދިރިއުޅެމުންދާ އެހެންމީހުން ފަދައިން އާޔާއަށްވެސް ނަފްސާނީގޮތުން ނޫނީ އެހެން ގޮތަކުން ނަމަވެސް ކޮށްފައިވާ އަސަރުތައް އިންތިހާއަށް ބޮޑެވެ. އާޔާވެސް ލޫގާގެ ސަބަބުން ނަފްސާނީގޮތުން ކޮންމެވެސް ވަރަކަށް ބަލިކަށިވެ އަދި ޖިންނި ޝައިތާނުންނަށް އިންތިހާއަށް ބިރުގަންނަ ކުއްޖެއްކަމުގައި ވެފައިވެއެވެ.

އާރިޒް ހުރީ ހިތް ހަލާކުވެފައެވެ. ލޮލުގައި ކަރުނަ ގިނަވާންފެށިއެވެ. އޭނައަކަށް އާޔާއަށް ދޭނެ ރައްދެއް ނުވިސްނުނެވެ. އެންމެ ރަގަޅު ގޮތަކީ މިތަނުން ދިޔުމެވެ. އާރިޒްއަށް އެއް ފިޔަވަޅު އެޅުނުއިރު އާޔާ އޭނަގެ ފަހަތުން އައިސް ބުރަކަށީގައި ދެއަތުން ތަޅައިގަތެވެ.

"ކަލޭ ....ކަލޭ އާރްޔާ.... މަރައިލީ.....އެހާ އަނިޔާވެރިކޮށް އަހަރެން ބަލަން ހުއްޓާ.................."

(ނުނިމޭ...)

https://sun.mv/121727

comment ކޮމެންޓް