މަސައްކަތް ކުރަނީ ތަރިކައިން އާމްދަނީ ލިބޭނެ ގޮތަކަށް ތަރައްގީކުރަން: ޔުމްނާ

ގައުމީ ތަރައްގީ އަދި ތަރިކައިގެ ކޮމިޓީގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ އާސާރީ ތަންތަނާއި ތަރިކަ ހިމާޔަތްކޮށް ތަރައްގީކުރާއިރު އެތަން ތަނުން އާމްދަނީ ލިބޭނެ ގޮތަކަށް ތަރައްގީ ކުރަން މަސައްކަތް ކުރަމުން ދާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ގައުމީ ސަގާފީ ތަރިކައިގެ ބިލެއް މިހާރު ވަނީ މަޖިލީހަށް ހުށަހަޅައި ބަލައިގަނެފަ އެވެ. އެ ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އަދި ތަރިކައިގެ ކޮމިޓީން ވަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާއި މިއަދު ބައްދަލުކޮށްފަ އެވެ.

ކޮމިޓީގައި ވާހަަފުޅު ދައްކަވަމުން މިނިސްޓަރު ޔުމްނާ ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ ތަރިކައިގެ ގޮތުގައި ހުރި ތަންތަން ތަރައްގީ ކުރާއިރު އެތަންތަނަށް އާމްދަނީއެއް ލިބޭނެ ގޮތަކަށް ތަރައްގީ ކުރަން ކަމަށެވެ.

"ޓިކެޓް ވިއްކައިގެން ރަށަށް އާމްދަނީއެއް އޭގެތެރެއިން ހޯދޭނެ ގޮތަކަށް. އުފުރުސަތު ހަމަ ވަރަށް ބޮޑު. ރަނގަޅު ގޮތުގައި މައުލޫމާތު ލިބޭގޮތަށް ތަރައްގީ ކުރެއްވިއްޖެއްޔާ. ޓުއަރިޒަމް މިނިސްޓްރީއާވެސް މަޝްވަރާ ކުރެވިގެން މަސައްކަތްތައް ކުރެވެމުން މިދަނީ." މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

ގައުމީ ތަރައްގީ އަދި ތަރިކައިގެ ކޮމިޓީގައި ހެރިޓޭޖް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ތޯރިގު ވާހަކަފުޅު ދައްކަވަނީ -- ސަންފޮޓޯ/ އަހުމަދު އަވްޝަން އިލިޔާސް

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ތޯރިގް ވިދާޅުވީ އެ މިނިސްޓްރީގެ ވިސްނުންހުރީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ތަރިކަ ހިމާޔަތް ކުރުމަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެތަންތަނުގެ ވާހަކަތަކާއި ތާރީހު ކިޔައިދީގެން އާމްދަނީ ހޯދައިގެން އެ އާމްދަނީއިން ހިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ވިސްނަމުން ދާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

"އެތަންތަން ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓަށް ބުރަނުކޮށް އެތަނުން މަންފާ ހޯދައިގެން އެތަން ކުރިއަށް ގެންދެވޭނެ ގޮތަކަށް އެ ވިސްނުމުގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ." ސްޓޭޓް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

ތަރިކައަށް ހާއްސަ މިނިސްޓްރީއެއް އެކުލަވާލީ މިސަރުކާރުގަ އެވެ. ތަރިކަ ހިމާޔަތް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

comment ކޮމެންޓް