ފުލުހުން ހަރުދަނާކުރަން އިނގިރޭސި ތަޖުރިބާކާރެއްގެ އެހީ ހޯދަނީ

ޕޮލިސް ސަރވިސް އޮފް ނޯދަރން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސަރ ހިއު ސްޓެފަން ރޮޑެން އޯރޑް ޕޮލިސް ކޮމިޝަނަރަކާއެކު---

ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްޤީކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއްގެ އެހީ ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މިއީ އެ ކަންތައްތައް ކުރިއަށް ގެންދަނީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީގެ ދަށުން ކަމަށެވެ. އެގޮތުން ފުލުހުންނަށް ފަންނީ ލަފާ ދިނުމަަށް ޕޮލިސް ސަރވިސް އޮފް ނޯދަރން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސަރ ހިއު ސްޓެފަން ރޮޑެން އޯރޑް ރާއްޖެ ވަޑައިގެން މިހާރު ވަނީ މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ.

ސަރ ހިއު ސްޓެފަން ރާއްޖެ ވަޑައިގެންނެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އޭނާ ރާއްޖޭގައި އަންނަ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭނާގެ ދަތުރުގައި ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޛީ އިދާރާތަކާއި މިސަރވިސްއާއެކު އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ސަރ ހިއުގެ ދަތުރުގެ މައްޗަށް ބިނާކޮށް ފުލުހުންގެ މުވައްސަށަ ހަރުދަނާކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ހިމަނައި ރިޕޯޓްއެއް ހުށަހެޅުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ތަޖުރިބާކާރެއްގެ އެހީ ހޯދަން ފެށިއިރު އާ ސަރުކާރު ހަވާލުވުމާއެކު ފުލުހުންގެ ރިފޯމުގެ މަސައްކަތަށް މިހާރު ވަނީ އެ މުއައްސަސާގައި ޑިޕާޓްމެންޓެއްވެސް އުފައްދައިފައެވެ.

އެ ޑިޕާޓްމެންޓުން ދަނީ ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ މުއައްސަސާ ހިނގާނެ ގޮތުގެ ސްޓެރެޓެޖިކް ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ޕޮލިސް ކޮމިޝަނަނަރު މުހައްމަދު ހަމީދު މީގެ ކުރިން "ސަން" އަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވީ ކުރީގެ ސަރުކާރު ތަކުގައި ފުލުހުންގެ މަސައްކަތްތައް ހުރި ގޮތުން ރައްޔިތުންގެ އިތުބާރު ގެއްލިފަިއވާ ކަމަށާއި އަދި އެކަން ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ދާދި ފަހުން ހަމީދު ވަނީ ފުލުހުންގެ މުވައްސަސ ހަރުދަނާ ކުރުމުގެ ގޮތުން އިނގިރޭސިވިލާތުން ރާއްޖެއަަށާއި އަދި ސްރީލަންކާއަށް ކަނޑައަޅުުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސްއާވެސް ބައްދަލުކުރައްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް