އައްޑޫ އެއާޕޯޓަށް ލިބުނު ގެއްލުން ކުޑަކޮށްފި

ސްރީލަންކަން އެއާލައިންސްއިން ގަމަށް ޖެއްސި ފުރަތަމަ ފްލައިޓު -- ސަން ފޮޓޯ/ މާހިލް މުހައްމަދު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ގެއްލުން މިދިޔަ އަހަރުގެ އެ މުއްދަތާ އަޅަބަލާއިރު ކުޑަވެއްޖެ އެވެ.

ޕްރައިވަޓައިޒަޝަން ބޯޑުން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ އާމްދަނީ އާއި ފައިދާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އައްޑޫ އެއާޕޯޓަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 3.6 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ އަށް މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

އައްޑޫ އެއާޕޯޓަށް ގެއްލުން ވެފައިވަނީ މުވައްޒަފުންގެ މުސާރައަށާއި އިނަޔަތްތަކަށް ހޭދަކުރަންޖެހޭ މިންވަރު، އެއާޕޯޓަށް ލިބޭ އާމްދަނީ އާއި އަޅާބަލާއިރު އިތުރުވުމުން ކަމަށް ޕރައިވަޓައިޒޭޝަން ބޯޑުން އާންމު ކުރި ރިޕޯޓުގައި ވެއެވެ. ނަމަވެސް 2018 ވަނަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އެއާޕޯޓަށް ލިބުނު ގެއްލުން 54 ޕަސެންޓް ވަނީ ދަށް ކޮށްފަ އެވެ.

މި ބަދަލަކީ ކުންފުނީގެ ހިންގުން ހަރުދަނާވެ، ފައިދާވާން ފަށާފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އައްޑޫ އެއާޕޯޓަށް 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ނެޓް ލޮސްގެ ގޮތުގައި 10.18 މިލިއަން ރުފިޔާ ގެއްލުން ވެފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 15 މިލިއަންގެ ގެއްލުމާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނެޓް ލޮސް ވަނީ 33 ޕަސެންޓް ކުޑަވެފަ އެވެ.

comment ކޮމެންޓް