ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރުން މަނާކުރާ ގަރާރު ބަލައިގެންފި

ވަގަށް މަސްވެރިކަން ކުރި ކަމަށް ބެލެވިގެން މަސްވެރިން ހިފެހެއްޓި ބޯޓުތަކެއް ސިފައިން ދޫކޮށްލުމުން، ބޯޓުތައް ދޫކޮށްފައި ދަނީ--- ފޮޓޯ/ އެމްއެންޑީއެފް

ބޭރުގެ މަސްބޯޓުފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގެންފި އެވެ.

ސަރުކާރުގެ ފަރާތުން އެ ގަރާރު ހުށަހެއްޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. ޝިފާއު ހުށަހަޅުއްވައިފައި ވަނީ، ރާއްޖޭގެ ކަނޑުތައް ހަމައެކަނި ދިވެހި މަސްވެރިންނަށް ހާއްސަކޮށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި ބޭރުގެ ބޯޓުތަކަށް މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލު ކުރުމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ބޭރުގެ ފަރާތްތަކަށް މަސްވެރިކަން ނުކުރެވޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ވެސް މެ އެެވެ.

އެ ގަރާރު މިއަދު މަޖިލީހަށް ބަލައިގަތީ 73 މެމްބަރުންގެ ވޯޓުންނެވެ. ގަރާރާ ބަލައިގަތުމާ ދެކޮޅަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުންނުވާ މެމްބަރަކު ނެތެވެ.

އެ ގަރާރު މަޖިލީހަށް ބަލައިގަތުމާ އެކު ދިރާސާ ކުރުމަށް އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

އެ ގަރާރުގައި އިތުރަށް ބުނެފައި ވަނީ ދިވެހި މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމަށް ރާއްޖޭގެ އިގްތިޞާދީ ސަރަހައްދުގައި ބިދޭސީން މަސްވެރިކަން ކުރުން ހުއްޓުވައި ލޯބޮޑު ކަންނެލީގެ މަސްވެރިކަމާއި އެބާވަތުގެ އެހެން މަސްވެރިކަމަށް ދިވެހި މަސްވެރިން ތައާރަފުކޮށް ތަމްރީނު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް ދިވެހި މަސްވެރިން އަހުލުވެރިކޮށް، އެފަދަ ބާވަތްތަކުގެ މަސް ބޭނުމަށް ބޭނުންވާ އާލާތްތައް ދިވެހި މަސް ބޯޓުތަކުގައި ގާއިމުކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރަށް ހުށަހެޅުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ކުރުން މަނާ ބާވަތްތަކުގެ މަސްވެރިކަން ކަނޑައެޅުން ވެސް ގަރާރުގައި ވަނީ ހިމަނައިފަ އެވެ.

comment ކޮމެންޓް