އައިއޯއައިޖީގައި ވާދަކުރާ ދިވެހި ހުނަރުވެރިން މޮރިޝަސްއަށް ފުރައިފި

ރާއްޖޭގެ އައިއޯއައިޖީގެ ކޮންޓިންޖެންޓް މޮރިޝަސްއަށް ދަތުރު ކުރަނީ --- ފޮޓޯ// މޯއޯސީ : ނިޝާން އަލީ

މުޅި ދިވެހިރާއްޖެ މިވަގުތު އެކަމަކަށްޓަކައި އެންމެ އިންތިޒާރު ކުރަމުން އަންނަ އިންޑިއަން އޯޝަން އައިލެންޑު ގޭމްސްގައި ވާދަ ކުރާ ދިވެހި ހުނަރުވެރިން މިއަދު މޮރިޝަސްއަށް ފުރައިފި އެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖޭގެ 226 މެންބަރުން ހިމެނޭ ބޮޑު ކޮންޓިންޖެންޓަކާ އެކު މޮރިޝަސްއަށް ފުރި އިރު މީގެ ދެ ދުވަސް ކުރިން ގޭމްސްގައި ވާދަ ކުރާ ގައުމީ ފުޓުބޯޅަ ޓީމު ވަނީ މޮރިޝަސްއަށް ގޮސްފަ އެވެ.

ރާއްޖޭގެ ކޮންޓިންޖެންޓުގެ ހެޑް އޮފް ޑެލިގޭޝަނެއްގެ ގޮތުގައި ޓީމު ލީޑުކުރާނީ މައިޒާން އަލިމަނިކު (މައިޒާން އަލިބެ) އެވެ. ރާއްޖޭގެ ޑެލިގޭޝަނުގެ ޗެފް ޑި މިޝަނަރަކީ މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދު އެވެ.

މިއަހަރު އައިއޯއައިޖީގައި ރާއްޖެއިން 10 ކުޅިވަރުގައި ބައިވެރިވާނެއެވެ. އެ ކުޅިވަރުތަކަކީ ފުޓުބޯޅަ، ބާސްކެޓް ބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް، އެތްލެޓިކްސް، ކައިޓް ސާފިންގް، ބެޑްމިންޓަން، ސެއިލިންގް، ސްވިމިންގް އަދި ޔޫތް ކޭމްޕެވެ. އަދި އަންނަ ހުކުރު ދުވަހު އައިއޯއައިޖީގެ ފެށުމުގެ ރަސްމިއްޔާތު އޮތް ނަމަވެސް މާދަމާ އެ ގޭމްސްގެ ފުޓުބޯޅަ އިވެންޓް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އައިއޯއައިޖީ އަކީ ދިވެހިރާއްޖެއިން ބައިވެރިވާން ފެށި ބައިނަލްއަގުވާމީ ދެވަނަ ބޮޑު މުބާރާތެވެ. ނަމަވެސް އެ ގޭމްސް އަކީ ދިވެހި ރާއްޖެއަށް ކުޅިވަރުގެ މައިދާނުން ބޭރު ގައުމެއްގައި ލިބުނު ފުރަތަމަ މެޑަލް ލިބުނު މުބާރާތެވެ. އެގޮތުން އެގޮތުން 1979 ވަނަ އަހަރު ރިޔޫނިއަންގައި ބޭއްވި އައިއޯއައިޖީން ރާއްޖެ އަށް ބެޑްމިންޓަނާއި ޓޭބަލް ޓެނިހުން މެޑަލް ލިބުނެވެ.

އެކި އެކި ކުޅިވަރުތަކުން ޖުމުލަ 15 މެޑަލް ހޯދުމުގެ އަމާޒު ހިފައިގެން ރާއްޖެއިން މިފަހަރުގެ އައިއޯއައިޖީއާ ކުރިމަތިލާ އިރު މިއީ މެދު ކެނޑުމެއް ނެތި މި ގޭމްސްގައި ރާއްޖެ ބައިވެރިވާ 10 ވަނަ ފަހަރެވެ.

އައިއޯއައިޖީ އަކީ ރާއްޖެއަށް މިހާތަނަށް ބައިނަލް އަގުވާމީ ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑެތި ކާމިޔާބުތައް ލިބުނު މުބާރާތް ކަމަށްވާ އިރު މި ބޮޑު އިވެންޓު ދިވެހި ފަސްގަނޑުގައި ބޭއްވުމަށް ވެސް މިހާރު އަންނަނީ ބޮޑު މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން އަންނަ ފަހަރުގެ ގޭމްސް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ބިޑު ކޮށްފަ އެވެ.

comment ކޮމެންޓް