ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު ދެކުނުގައި ތަރައްގީކުރާ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ނިންމާ އެތަން ރަސްމީކޮށް ހުޅުވައިފި އެވެ.
އާ އޭޕްރަން ރަސްމީކޮށް ހުޅުވައި ބޭނުން ކުރަން ފެށުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އާ އޭޕްރަންގައި ފުރަތަމަ ޕާކުކޮށްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓެކެވެ. ޗައިނާ/ބެންކޮކުން އައި އެ ފްލައިޓަށް މަރުހަބާ ކިޔުމަށް ވަނީ ވޯޓާ ސެލިޔުޓެއްވެސް އަރުވައިފަ އެވެ.
އާ އޭޕްރަން އާއި ގުޅޭގޮތުން މީޑިއާތަކާ ވަހަކަ ދައްކަވަމުން އެމްއޭސީއެލްގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ކޯޕަރޭޓް ކޮމިޔުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ އާ އޭޕްރަންގެ ފުރަތަމަ ފިޔަވަހި ނިންމައި، ރަސްމީކޮށް ހުޅުވުމަކީ އެއާޕޯޓަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
"މި ފަސްޓްފޭސް އޭޕްރަން އަކީ ގާތްގަނޑަކަށް 70 ހާސް އަކަމީޓަރުގެ އޭޕްރަން އެއް. މިތަނުގައި ގަތްގަނޑަކަށް ތިން މާސް ކޯޓު އީގެ އެއާކްރާފްޓް ބޭއްވޭނެ. މާސް ސްޓޭންޑަކީ އެއް ވައިޑް ބޮޑީ ސްޓޭނޑްގައިި ދެ ނެރޯ ބޮޑީ ބޭއްވޭގޮތަށް،" ހަސަން ވިދާޅުވި އެވެ.
އާ އޭޕްރަންގައި ދެން ހިމެނެނީ، ޑެޑިކޭޓެޑް ކޯޑް އީގެ ދެ ޑެޑިކޭޓެޑް ސްޓޭންޑާއި ކޯޑް ސީގެ، އެއް ޑެޑިކޭޓެޑް ސްޓޭންޑް ކަމަށް ހަސަން ވިދާޅުވި އެވެ.
"ކޮމްބިނޭޝަނަކަށް ބަލާކަމަށް ވަންޏާ، މިތަނުގައި ފަސް ވައިޑް ބޮޑީޑް ބޭއްވިފަ، އަދި އެއް ނެރޯ ބޮޑީޑް ބޭއްވޭނެ. ނޫނީ ދެ ވައިޑޑް ބޮޑީޑް އެެއާކްރާފްޓް ބޭއްވިފައި، ހަތް ނެރޯ ބޮޑީޑް އެއާކްރާފްޓް ބޭއްވޭނެ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އާ އޭޕްރަންގެ ފުރަތަމަ ފޭސް ނިންމާލެވުނީ 15 ވަރަކަށް މަހުން ކަމަށާއި ނަމަވެސް ދެވަނަ ފޭސް ނިންމުމަށް ނަގާނީ ހަތް ވަރަކަށް މަސް ކަމަށެވެ.
ބައިނަލްއަގުވާމީ ސްޓޭންޑާޑްތަކަށް ފައްތައިގެން ތަރައްގީ ކުރާ މި އޭޕްރަންގެ ފުރަތަމަ ފިޔަވަހި ޓެސްޓު ކުރުމަށް މިދިޔަ ޖޫންމަހުގެ ތެރޭގައި ވެސް ފުރަތަމަ ޕާކު ކޮށްފައިވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ.
އެމްއޭސީއެލްގެ އޮޕަރޭޝަންސްގެ ފަރާތުން އަލީ ނަސީރު ވިދާޅުވީ މަތިންދާބޯޓު ބާއްވާ ޕޮޒިޝަނުގެ މައްލައަކީ އެއާލައިން އޮޑިޓުތަކުން ފާހަގަވާ ކަމަށެވެ.
"މީގެ ކުރިން ފެންނާނެ މަތިންދާބޯޓު ހުންނާނީ އެކި ގޮތްގޮތަށް ބޭއްވިފަ. ކައްޗަށާ، ކައިރި ކައިރީގައި. އާ އޭޕްރަން އާއެކު މަތިންދާބޯޓު ބޭއްވިފައި އޮންނާނީ ވަރަށް ސޭފްކޮށް. ވަކި ޑިސްޓެންސެއް ދީފައި، މުވައްޒަފުންނަށާއި އެއާލައިންތަކަށް ހިތްހަމަޖެހުމެއް ލިބޭނެ،" ހަސަން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، އާ އޭޕްރަންއަކީ އެއާޕޯޓަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
އާ އޭޕްރަންގައި މަތިންދާބޯޓަށް ކައިރި ކުރާ އިކުއިޕްމެންޓުތަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގެ އޭޕްރަން އާއި މިއަދު ހުޅުވި އޭޕްރަންގެ ސްޓޭންޑާޑް އެއްވަރުވާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.