ޔާމީންގެ ޝަރީއަތް ޖުލައި 21 ގައި

ކުރީގެ ރައީސް ޔާމިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ޖުލައި 21 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

ޔާމީންގެ އަޑުއެހުން ތާވަލްކޮށްފައިވަނީ ޖުލައި 21 ވާ އާދިއްތަ ދުވަހުގެ 11:30 ގައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ، މަނީލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ، އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ފައިސާ ލިބުނު އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާވެފައިވަނިކޮށް، އެ ފައިސާ ކަމަށް ބުނެ ބީއެމްއެލްގައި އެސްކުރޯ އެކައުންޓެއް ހުޅުވައި އެހެން ފައިސާތަކެއް އެ ކައުންޓަށް ޖަމާކުރި މައްސަލައިގަ އެވެ.

ދައުލަތުން ބުނަނީ، އެއީ ކޮރަޕްޝަނުން ލިބިފައިވާ ފައިސާތަކެއްގެ އަސްލު އޮޅުވާލައި ފޮރުވުމަށް ރައީސް ޔާމީން ހިންގަވާފައިވާ އަމަލެއް ކަމަށެވެ.

އެ ޝަރީއަތުގެ އަޑުއެހުމެއް އެންމެ ފަހުން ވެސް ބޭއްވީ މިދިޔަ އެޕްރީލް 25 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ދައުވާ ސާބިތުކުރުމަށް ރައީސް ޔާމީންއާ ދެކޮޅަށް ހެކިން ހުށަހަޅައިފަ އެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ރައީސް ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ހެކިންގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ރައީސް ޔާމީންގެ ޝަރީއަތް ކުރިން ވަނީ ފަށާފައެވެ. ޝަރީއަތް ނިމެންދެން ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވަނީ ބާތިލް ކޮށްފައެވެ.

comment ކޮމެންޓް