ނުސާފުވައިން ސަލާމަތްވާން "ބުރީތް ލައިފް" ކެމްޕޭން

ބްރީތު ލައިފް ކެމްޕޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހެލްތު މިނިސްޓްރީ

ވައިނުސާފުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތައް ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި "ބްރީތު ލައިފް ކެމްޕެއިން" ގެ ނަމުގައި ނޭޝަނަލް އެކްޝަން ޕްލޭންއެއް އިފްތިތާހްކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ އެކްޝަން ޕްލޭން އިފްތިތާހްކޮށްދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އަދި ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓާ ފޯ ސައުތު އީސްޓް އޭޝިއާ ޑރ. ޕޫނަމް ކެތުރަޕަލް ސިންގް އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ އެކްޝަން ޕްލޭން ތަންފީޒު ކުރުމުގެ ގޮތުން ދުނިޔޭގެ ސައްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އަދި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.

ބްރީތު ލައިފް ކެމްޕޭންގެ ދަށުން ވައިނުސާފުވުމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ޕޮލިސީތައް މޮނީޓާ ކުރާނެގޮތްތަކާއި އަދި ފަރުދީގޮތުންނާއި އަދި މުޖުތަމައު ބާރުވެރިކުރުމާ ބެހޭގޮތުން ޕްލޭންގައި އަލިއަޅުވާލައިފައި ވެއެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ކެމްޕޭންގެ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް އުންމިދު ކުރާ ކަމަށެވެ. އަދި ވައި ތަޣައްޔަރުވުމުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވެފައިވާ ގައުމެއް ކަމަށް ރާއްޖެ ވުމަށް މި ޕްލޭނުން ބޮޑު އެހީއަކަށް ވާނެ ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް