"ފްރޭމްވޯކް ފޯ ޒީރޯ ލެޕްރަސީ" މިއަދު އިފްތިތާހް ކޮށްފިއެވެ.
މިއަދު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރީޖަނަލް ޑިރެކްޓާ ޑރ. ޕޫނަމް ކެތްރަޕަލް ސިންގް އެވެ.
"ފްރޭމްވޯކް ފޯ ޒީރޯ ލެޕްރަސީ" އަކީ ރާއްޖެއަކީ ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ބަލި ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްކުރާނެ ގޮތުގެ ފްރޭމްވޯކް އެވެ.
އެ ފްރޭމްވޯކުގައި ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާފައި ވާއިރު، އެކަންކަން ހާސިލްކުރުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިއްޖެ ނަމަ މަސައްކަތްތައް ހަރުދަނާވެގެން ދާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.
މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޖުޒާމް ބަލި ކޮންޓްރޯލްކުރުމަށް ކުރިން ވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައި ހުރި ކަމަށެވެ. އަދި ފްރޭމްވޯކެއް އެކުލަވާލުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައި ޖުޒާމް ބަލި ނެތް ގައުމަކަށް ރާއްޖެ ހެދުމަށް ފްރޭމްވޯކްގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.