ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ލިބޭނީ މުސާރަ ބޮޑުކޮށްގެން: އާދަމް ޝަރީފު

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުން، ޕްރައިމަރީ ގްރޭޑުތަކުގައި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީ ގްރޭޑުތަކުގައި ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދަން އިއުލާނުކޮށްގެން ދިވެހި ޓީޗަރުން ނުލިބުމުން އެޑިއުކޭޝަން މިނިސްޓްރީއިން މިހާރު ވަނީ އެ ގްރޭޑުތަކުގެ ކުދިންނަށް ކިޔަވައިދޭނެ ބޭރު ޓީޗަރުން ހޯދަން އިއުލާނުކޮށްފައެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި މިރޭ "ސަން"އާ ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، ރާއްޖޭގެ ދިިރިއުޅުމުގެ ހާލަތަށް ބަލާއިރު، ކިޔަވައިދިނުމަށް ހަގީގަތުގައިވެސް ލޯބި ކުރާ މީހަކު މެނުއީ ކުޑަ މުސާރައަކަށް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަސޭހަ ނޫން ކަމަށެވެ.

ޓީޗިން ދާއިރާއިން މާސްޓާސް ހޯދައިގެން ތިބޭ މީހުންނަށް ވުރެ ގިނައިން ބައެއް އެހެން ދާއިރާތަކުގައި ޑިޕްލޮމާ ހޯދައިގެން ތިބި މީހުންނަށްވެސް މުސާރަ ލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ގަބޫލުކުރައްވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރަން ޖެހޭ ކަމަށެވެ. އަދި މުސާރަ ބޮޑުކޮށްފި ނަމަ ޕްރައިމަރީ ގްރޭޑުތަކަށްވެސް ދިވެހި ޓީޗަރުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ދިވެހި ވަންތަ ސިފަތައް ދިވެހި ދަރިންގެ ކިބައިގައި އަށަގެންނެވުމަށް، އެ ކުދިންނަށް ކިވަައިދޭން ދިވެހި ޓީޗަރުން ތިބުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އިސްލާމް ދިވެހި މުދައްރިސެއް ވީމާ ދިވެހިންގެ ކިބައިން ފެންނަ ހުރިހާ ސިފަތަކެއް ފެންނާނެ. ދީނީ ގޮތުން އަޅުގަނޑުމެން ގަބޫލު ކުރާ ވަކި އުސޫލުތަކެއް އޭނަ ހިފަހައްޓާނެ. އަދި ކުދިންގެ ކިބައިގައި ގައުމިއްޔަތު އަށަގެންނެވުމަށްޓަކައިވެސް ވަރަށް މުހިންމު،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ދިވެހިންގެ އާދަކާދައާއި ސަގާފަތަށް ކުރާ އިހުތިރާމާއި އެ ހުރިހާ ކަމެއް އެކުދިންނަށް ފެންނާނި ދިވެހި ޓީޗަރުންގެ ފަރާތުން،"

ކުޑަކުދިން އުނގެނުންވެސް އެންމެ ރަނގަޅު ވާނީ މާދަރީ ބަހުން ކަމަށް ދިރާސާތަކުން ދައްކާ ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފަކީ މީގެ ކުރިން ތައުލީމީ ދާއިރާގައި ހިދުމަތް ކުރައްވާފައިވާ ފަރާތެކެވެ. އޭނާ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި އެވެ.

comment ކޮމެންޓް