"ލީނާ"ގެ ލަވަ "ނޭވާލާ ހިނދު" ދައްކާލައިފި

ލަވައިގެ މަންޒަރެއްގައި ބަތަލާ އައްޒަ--- ފޮޓޯ/ ފޭސްބުކް

މި މަހު 23 ވަނަ ދުވަހު ރިލީޒް ކުރާން ނިންމާފައިވާ "ލީނާ"ގެ ފުރަތަމަ ލަވަ "ނޭވާލާ ހިނދު" ބެލުންތެރީންނަށް ދޫކޮށްލައިފިއެވެ.

މާލެ އަދި ދިއްފުށީގެ ހިތްގައިމު މާހައުލުގައި ލަވައިގެ މަންޒަރުތައް ނަގާފައިވާއިރު އެ ލަވައިން ފެނިގެންދަނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަގެ އިތުރުން ފިލްމީދާއިރާގެ ޑިމާންޑް ބޮޑު ބަތަލު އަލީ އާޒިމް (ދޮން އައްޔަ)އެވެ.

އަހްމަދު މުއާޒް ޑައިރެކްޓްކޮށް އުފައްދާފައިވާ އެ ލަވައިގެ ސިނެމެޓޮގްރަފީ ތައްޔާރުކުރީ އިބްރާހިމް ވިސާން އަދި ހަސަން ހަލީމެވެ.

ފަރި ހަރަކާތްތަކެއް ފެނިގެންދާ އެ ލަވައިގެ މިއުޒިކް ތައްޔާރުކުރީ އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ)އެވެ. އަލި ލަވައިގެ ލިރިކްސް ތައްޔާރުކުރީ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ.

ހަސަން ތޮލާގް އަދި ލަމްހާ ލަތީފްގެ ހިތްގައިމު އަޑުން އެ ލަވަ ކިޔަފައިވާއިރު އެ ލަވައިގެ މިކްސިން އަދި މާސްޓެރިން ތައްޔާރުކޮށްފައިވަނީ ޓޮނިކް ލައިވް ސްޓޫޑިއޯއިންނެވެ.

މީގެ އަހަރުތަކެއް ކުރީން ވިޔަފާރިވެރީންގެ ޖަމިއްޔާގެ ފާހަނާއެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އިން އިންސްޕަޔާވެގެން އުފައްދާ އެ ފިލްމުގެ ޓިކެޓް މިހާރު އޮލިމްޕަހުގައި އަންނަނީ ވިއްކަމުންނެވެ.

"ލީނާ" ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް އުޅެނީ 200 ރުފިޔާއަށެވެ. އެހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ 100 ރުފިޔާއަށެވެ. ފިލްމު ޕްރިމިއާކުރާ ރޭ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއްގެ އިތުރުން ރެޑް ކާޕެޓް އަދި ގިނަ އަދަދެއްގެ ސްޓޭޖް ހަރަކާތްތައްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޑައިރެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބުންޏެވެ.

ފިލްމުގެ ސްލޯގަނެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ "އޭން އިނޮސެންޓް ގާލް"އެވެ.

އައްޒަ ފެންނާނީ ލީނާގެ ރޯލުންނެވެ. އަދި ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ.

އޭގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

comment ކޮމެންޓް