އިންތިހާބަށް ފަހު އިންޑޮނޭޝިއާގެ ރައީސާއި އިދިކޮޅު ލީޑަރުގެ ފުރަތަމަ ބައްދަލުވުން ރޭލެއްގެ ތެރޭ

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއި އިދިކޮޅު ލީޑަރު ޕްރަބޮވޯ ސުބިއަންޓޯ ރޭލު ތެރޭ ވާހަކަ ދައްކަވަނީ -- ފޮޓޯ: އީޕީއޭ

ޖަކާޓާ (ޖުލައި 14): އިންޑޮނޭޝިއާގައި މިދިޔަ އޭޕްރިލް މަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ރައީސް ޖޯކޯ ވިޑޯޑޯ އާއި އިދިކޮޅު ލީޑަރުގެ ފުރަތަމަ ބައްދަލުވުން ރޭލެއް ތެރޭ ބާއްވައިފި އެވެ.

އޭޕްރިލް 17ގައި ބޭއްވި އިންތިހާބުގައި ވިޑޯޑޯއަށް 55.4 ޕަސެންޓު ވޯޓު ލިބިލެއްވި އިރު އިދިކޮޅު ލީޑަރު ޕްރަބޮވޯ ސުބިއަންޓޯއަށް ލިބިލެއްވީ 44.5 ޕަސެންޓު ވޯޓެވެ. އަދި ޕްރަބޮވޯ ވަނީ އިންތިހާބު އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ އެމައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން ވަނީ ނަތީޖާ ބާތިލު ކުރަން ދެކޮޅު ހަދާފަ އެވެ.

ވިޑޯޑޯ ވިދާޅުވި ގޮތުގައި އިންޑޮނޭޝިއާގައި އަލަށް އިފްތިތާހު ކުރި މާސް ރެޕިޑް ޓްރާންޒިޓް (އެމްއާރުޓީ) ސިސްޓަމްގައި ޕްރަބޮވޯއާ ބައްދަލު ކުރަން ނިންމެވީ އޭނާ އެހިދުމަތް މީގެ ކުރިން ބޭނުން ކުރައްވާފައި ނުވާތީ އެވެ.

އިންޑޮނޭޝިއާގެ އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއި އިދިކޮޅު ލީޑަރު ޕްރަބޮވޯ ސުބިއަންޓޯ އިއްޔެ ބައްދަލު ކުރައްވަނީ -- ފޮޓޯ: އީޕީއޭ

"ޕްރަބޮވޯ ސުބިއަންޓޯއާ ބައްދަލު ކުރުމަށް ފުރަސަތު ލިބުމުން ވަރަށް އުފާވޭ. އަޅުގަނޑު އުއްމީދު ކުރަން އަޅުގަނޑުމެންނަށް ތާއިދު ކުރާ ފަރާތްތަކުންވެސް މިގޮތަށް އަމަލު ކުރާނެ ކަމަށް. ދުނިޔޭގެ ގައުމުތަކުގެ މެދުގައި ވާދަވެރިކަން ދަނީ އިތުރުވަމުން އަދި އަޅުގަނޑުމެންގެ ގައުމު ތަރައްގީ ކުރުމަށްޓަކައި އެންމެން އެއްކޮށް މަސައްކަތް ކުރަންޖެހޭ،" ވިޑޯޑޯ ވިދާޅުވި އެވެ.

އަދި ޕްރަބޮވޯ ވިދާޅުވި ގޮތުގައި އޭނާ ވިޑޯޑޯއާ ބައްދަލު ކުރެއްވީ އިންތިހާބު ކާމިޔާބު ކުރެއްވުމުން މަރުހަބާ ވިދާޅުވުމަށެވެ. އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދިމާވާ މައްސަލަތަކުގައި ރައީސަށް އެހީ ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

ވިޑޯޑޯ ދެވަނަ ދައުރަކަށް އިންތިހާބުވި ވޯޓުގެ ނަތީޖާ ގަބޫލު ނުކުރައްވާނެ ކަމަށް ޕްރަބޮވޯ ވިދާޅުވުމުން އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ބޭއްވި މުޒާހަރާތަކުގައި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި، ނުވަ މީހުން މަރުވި އެވެ.

ޕްރަބޮވޯ ވަނީ 2014 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވިޑޯޑޯއާ ވާދަ ކުރައްވާ ނާކާމިޔާބުވެފަ އެވެ. އަދި އޭރުވެސް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް ކޯޓުން ނިންމީ އިންތިހާބުގެ ނަތީޖާ ސައްހަ ކަމަށެވެ.

comment ކޮމެންޓް