ލައިސަންސް ނުނަގާ ވެހިކަލް ދުއްވުން އާންމުވެފައި

މަގުމަތީގައި ޓްރެފިކް ތޮއްޖެހިފައި -- ސަން ފައިލް ފޮޓޯ

އެއްގޮތަކަށް ވެސް ލައިސަންސް ނުނަގާ އުޅަނދުތައް ދުއްވި 100 އަށް ވުރެ ގިނަ މީހުން މިދިޔަ ހަފްތާގެ ތެރޭގައި ވެސް އަތުލައިގެންފައިވާކަން ޓްރެފިކް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓްރެފިކް ފުލުހުންގެ މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މާލެ ސަރަހައްދުން 441 އުޅަނދެއް ޗެކް ކުރި އިރު، އޭގެ ތެރެއިން 118 މީހަކު އުޅަނދު ދުއްވީ ލައިސަންސް ނުނަގަ އެވެ. އެހެން ކަމުން ފުލުހުން މިދިޔަ ހަފްތާ ޗެކްކުރި އުޅަނދުތަކުގެ ތެރެއިން 27 ޕަސެންޓް މީހުން އުޅަނދު ދުއްވީ ލައިސަންސް ނުނަގަ އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނު ބުނާ ގޮތުން ލައިސަންސް ނުނަގާ އިންޖީނުލީ އުޅަނދެއް ދުއްވުމަކީ މަނާކަމެކެވެ. މީގެ އިތުރުން އުޅަނދެއް ދުއްވާ ވަގުތު ޑްރައިވަރުގެ އަތުގައި ލައިސަންސް ކާޑް އޮތުން ވެސް ލާޒިމް ކުރެ އެވެ.

އެހެން ނަމަވެސް ތަފާސްހިސާބުތައް ދައްކާ ގޮތުން، ފުލުހުން އުޅަނދު ޗެކްކުރި އިރު 81 ފަރާތެއްގެ އަތުގައި ލައިސަންސް ކާޑެއް ނެތެވެ. އެހެން ނަމަވެސް އެ ފަރާތްތަކުން ލައިސަންސް ނަގާފައިވެ އެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑަށް ފާހަގަވެފައިވާ މައްސަލަތަކަކީ، ދުއްވަން އޮންނަ ސުޕީޑަށް ވުރެ ބާރަށް ދުއްވުމާއި އިންޝްއަރެންސާއި ރޯޑް ވާދިނަސް ނުނަގައި ވެހިކަލްތައް ދުއްވުން އަދި މަގުމަތީގެ ނިޝާންތަކާއި ގަވާއިދުތަކާ ހިލާފުވުމެވެ.

ޓްރެފިކް ވަޔަލޭޝަން މައްސަލަތައް:

1. ލައިސަންސް ނުނަގާ: 118 މައްސަލަ

2. ލައިސަންސް ކާޑް ނެތި: 81 މައްސަލަ

3. ސްޕީޑަށް ބުރެ ބާރަށް ދުއްވުން: 69 މައްސަލަ

4. އިންޝްއަރެންސް، ރޯޑް ވާދިނަސް ނެތް: 49 މައްސަލަ

5. ޓްރެފިކް ނިޝާންތަކާ ހިލާފުވުން: 13 މައްސަލަ

6. 18 އަހަރު ނުފުރޭ ކުދިން ވެހިކަލް ދުއްވުން: 1 މައްސަލަ

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާ މާލޭ ސަރަހައްދުގައި 31 އެކްސިޑެންޓު ހިނގައި ފަސް މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި މި އެކްސިޑެންޓުތަކާ ގުޅިގެން ހަ މީހެއްގެ ލައިސެންސް ހިފެހެއްޓިކަމަށް ފުލުހުން ބުންޏެވެ.

ފާއިތުވި ހަފްތާ ފުލުހުން ވަނީ 881 އުޅަނދެއްގައި ޕާކިން ވަޔޮލޭޝަން ސްޓިކާ ޖަހައިފަ އެވެ. މިދިޔަ ހަފްތާ ސްޓިކާ ޖެހީ 865 އުޅަނދުގައެވެ.

ސްޓިކާގެ ޖޫރިމަނާ ފައިސާ:

ފުރަތަމަ ފަހަރަށް: 250 ރުފިޔާ
ދެވަނަ ފަހަރަށް: 500 ރުފިޔާ
ތިން ވަނަ ފަހަރަށް: 750 ރުފިޔާ

މިދިޔަ ހަފްތާ ފުލުހުން ވަނީ 88 އުޅަނދެއް ޓޯ ކޮށްފަ އެވެ.

ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ފުލުހުން އެންމެ ގިނައިން އިންޒާރު ދީފައި ވަނީ، ހެޑްސެޓް ޖަހައިގެން އުޅަނދު ދުއްވައިގެން އެވެ. މިގޮތުން ހެޑްސެޓް ޖަހައިގެން ދުއްވި 120 ފަރާތަކަށް ފުލުހުން ވަނީ ނަސޭހަތް ދީފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލް ކުރަމުން އުޅަނދު ދުއްވި ނުވަ ފަރާތެއް، އޯވަޓޭކް ކުރި 11 ފަރާތެއްގެ މައްސަލަވެސް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް