"މާމުއި"ގެ ރޭރޭ ދައްކާލައިފި

"މާމުއި"ގެ ޕޯސްޓަރެއް---

ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ ކޮމެޑީ ފިލްމު "މާމުއި"ގައި ފެނިގެންދާ ލަވަ "ރޭރޭ" ދައްކާލައިފިއެވެ.

އެ ލަވައިގައި މަރިޔަމް އައްޒަ އަދި ޖުމައްޔިލް ނިމާލްގެ ފަރި ހަރަކާތްތައް ފެނިގެން ގޮސްފައިވެއެވެ. "ރޭރޭ"ގެ މިއުޒިކު ތައްޔާރު ކޮށްފައި ވަނީ ފަތޯއެވެ.

ހައްވާ އަޝްރާގެ ހިތްގައިމު އަޑުން އެ ލަވަ އިވިގެންދިޔައިރު އެ ލަވައިގައި ފެނިގެންދާ މަންޒަރުތަކަކީ ފިލްމުގެ މަންޒަރުތަކެއް ނޫނެވެ. ހުސައިން ޝަދްޔާން (ސޭންޑީ) ކޮރެއޮގްރަފީ ކޮށްފައިވާ އެ ލަވަ ޝޫޓްކޮށްފައިވަނީ ދިއްފުށީ އަރާމު ހޮލިޑޭސް އެންޑް ސްޕާގައެވެ. ލަވަ ޕްރޮޑިއުސް ކޮށް ދީފައި ވަނީ މުހައްމަދު އަލީ އަދި އައިޝަތު ފުއާދެވެ.

އަހްމަދު ޝިނާން ސިނޮމޮޓްގްރަފީ ހަދާފައިވާ އެ ލަވަ ޑައިރެކްޓް ކުރީ ކާމިޔާބު ޑައިރެކްޓަރު އަލީ ޝިފާއުއެވެ.

ފިލްމުގައި ހިމެނެނީ ޖުމްލަ ހަތަރު ލަވަ އެވެ. އެއީ 'ޖޯޑެއްގެ ސާފު ލޯބި'، 'ރޭރޭ '، 'ތިބާ' އަދި 'އަރައިގެން އައި އިރާއެކު' އެވެ.

"މާމުއި" އަކީ އެ ސްޓޫޑިއޯ އިން އުފެއްދި އެންމެ އަގުބޮޑު އެއް ފިލްމެވެ.

"މާމުއި" އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

މާމުއިގައި ހަރަކާތްތެރިވާ ތަރީންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، ސަމާހަތު ރާޒީ، ޝާޔާ، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ކުޅަދާނަ ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު މާމުއި އިން މި ދާއިރާއަށް އަލަށް ތައާރަފްވާ އައިޝަތު ޔާދާ ވެސް ތަރީންގެ ތެރޭގައި ހިމެނޭނެ އެވެ.

ފިލްމުގެ ޓިކެޓް މިހާރު ވެސް އޮލިމްޕަހުގައި ވިކެމުންދާއިރު މިހާތަނަށް ވަނީ 15 ޝޯއެއް ހައުސްފުލްވެފައެވެ.

comment ކޮމެންޓް