ޔޮޓްޓުއާސް އިން އިސްތިއުފާ ދޭން ޖާބިރު ނިންމައިފި

ޖާބިރު: ޔޮޓް ޓުއާސް އިން އިސްތިއުފާ ދިނުމަށް އޭނާ ވަނީ ނިންމަވާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު، އަމިއްލަ ކުންފުނި ޔޮޓް ޓުއާސް އިން އިސްތިއުފާ ދިނުމަށް ނިންމައިފިއެވެ.

ޖާބިރު މިއަދު "ސަން" އަށް ވިދާޅުވީ، ވިޔާފާރީގެ ދާއިރާއިން ދުރަށް ޖެހިވަޑައިގެން އޭނާ ވަގުތު ހުސްކުރާނީ ސިޔާސީ މަސައްކަތްތަކަށް ކަމަށެވެ.

"ޔޮޓް ޓުއާސް އިން އިސްތިއުފާ ދޭން ނިންމީ ސިޔާސީ ހަރަކާތްތަކުގައި ހަރު ކޮށް ކުރިއަށް ގެންދަން. މިހާރު ކުންފުނީގެ ލިޔެ ކިޔުންތައް ބަދަލުކޮށް، ކުރަން ޖެހޭ ކަންތައް ކުރަމުން ދަނީ. ޑޮކިއުމަންޓްސްތައް ހަމަ ޖެހުމުން ވަގުތުން އިސްތުއުފާ ދޭންނަ،" ޖާބިރު ވިދާޅުވިއެވެ.

މަޖިލީހުގައި އަމިއްލަ މެމްބަރެއްގެ ގޮތުގައި އިނދެ މަސައްކަތް ކުރުމުގައި ދަތިތަކެއް ހުރުމުން ޖާބިރު ވަނީ އިއްޔެ ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) އާ ގުޅިވަޑައިތަތުމަށް ނިންމަވާފައެވެ.

ޖާބިރު ވިދާޅުވީ، އޭނާ ބޭނުން ވަނީ ޑީއާރުޕީ ނަގާ ކޮޅަށް ޖަހައި ޑީއާރުޕީ އަކީ ހަރުދަނާ ޕާޓީއަކަށް ހަދަން ކަމަށެވެ. ވިޔަފާރީގައި އިތުރަށް ނޫޅުމަށް ނިންމި އެއް ސަބަބަކީ ވެސް އެއީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"ޑީއާރުޕީ އަލުން އޮޕަރޭޝަންތައް ފެށޭނެ. ޕާޓީ އޮންނާނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި. 2023 ވަނަ އަހަރު ރިޔާސީ އިންތިހާބުގައިވެސް ޑީއާރުޕީން ވާދަކުރާނެ. މި ޕާޓީ ކޮޅަށް ޖަހާނަން،" ޑީއާރުޕީގެ ފައުންޑާ މެމްބަރު ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުވެސް ބޮޑު ކުރަން މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު ވެސް ގިނަ މެމްބަރުންނާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"މަދުވެގެން ދެ މެމްބަރުން އަންނާނެ. އަމާޒަކީ އެކި ޕާޓީތަކުން 18 ވަރަކަށް މަޖިލިސް މެމްބަރުން ޑީއާރުޕީއަށް ގެނައުން. އެމްޑީޕީ މެމްބަރުންވެސް ހަމަ ވަޑައިގަންނަވަންވީ. މި ޕާޓީން މުސްތަގުބަލު އޮތީ،" ޖާބިރު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރުގެ މަގާމު ފުރުއްވަމުން އަންނަ ޖަބިރު އަމިއްލަ މެމްބަރެއްގެ ގޮތުގައި ކާށިދޫ ދާއިރާ އަށް އިންތިހާބުވީ، ބޮޑެތި ވައުދުތަކާއެކު އެވެ.

comment ކޮމެންޓް