ސަރުކާރުން ބޭނުންވަނީ މިފްކޯ، ކޫއްޑޫ، ފެލިވަރު ވަކިން ހިންގަން

ޖަޒީރާ ހޮޅުއަށީގައި ރައީސް ސޯލިހް ވާހަކަ ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުގެ ވިސްނުމަކީ މިފްކޯއަކީ ފުދުންތެރި ކުންފުންޏަކަށް ވުމުން އެކުންފުނި އެސްޓީއޯގެ ދަށުން ނަގައި، އަދި މިފްކޯގެ ދަށުން ފެލިވަރާއި ކޫއްޑޫވެސް ވަކިކޮށްގެން ހިންގުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ކުރީގެ ރައިސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ކޫއްޑޫއާއި ފެލިވަރު ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގިއެވެ. ނަމަވެސް ފަހުން އެ ދެ ކުންފުނި ކުރިން އޮތް ގޮތައް މިފްކޯގެ ދަށަށް ބަދަލުކުރިއެވެ. އެއީ 2014 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައެވެ.

މިފްކޯ ދަރަނި ބޮޑުވެ، 2016 ވަނަ އަހަރު ސެޕްޓޭމްބަރު މަހުން ފެށިގެން މިފްކޯ ހިންގަމުން އަންނަނީ ސަރުކާރު އެންމެ ބޮޑު ކުންފުނި އެސްޓީއޯ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައެވެ.

މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ރޭ ތިނަދޫ ގައި ބޭއްވި "ޖަޒީރާ ހޮޅުއަށި" ގައި ރައްޔިތަކު ވަނީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރުމަށާއި، އަދި މިފްކޯއާއި ކޫއްޑޫ އަދި ފެލިވަރުވެސް ވަކި ކުންފުނިތަކެއްގެ ގޮތުގައި ހިންގުމަށް ހިޔާލު ހުށަހަޅާފައެވެ.

އެ ވާހަކަތަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމސދު ސޯލިހު ވިދާޅުވީ އެ ކުންފުނިތައް މިވަގުތު އޮތީ ވަކިވަކިން ހިންގޭނެ ހާލަތުގައި ނޫންކަމަށއި، ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރު ވީމަ ވަކިކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"މިހާރުއޮތް ހާލަތުން ކޫއްޑު މިނިވަންކޮށް ދޫކޮށްލައިގެން އަމިއްލަ ފައިމަތީގައި ހިނގައެއް ނުގަނެވޭނެ. ނަމަވެސް އަޅުގަނޑުމެން އެތަންތަަން ރަނގަޅުކޮށްފައި އަމިއްލައަށް ހިނގޭވަރުގެ ކެޕޭސިޓީއާއެކު އިރާދަކުރެއްވިޔާ އެ ބަދަލު ގެންނާނެ. [އެސްޓީއޯ އިން ވަކިކުރުން] އެއީ އަޅުގަނޑުމެންގެ ވިސްނުމަކީ،" ރައީސް ވިދާޅުވިއެވެ.

ރޭ ތިނަދޫގައި ބޭއްވި ޖަޒީރާ ހޮޅުއަށީގެ ތެރެއިން: މަސްވެރިން ވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާ ކޮށްފައި --ފޮޓޯ/ ރައީސް އޮފީސް

އެކަމާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ރައީސް ނުދެއްވައެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރުވެސް މިއަދު ސަރުކާރުގެ ވިސްނުމަކީ ފެލިވަރާއި ކޫއްޑޫ ވަކިން، ވަކި ކުންފުނިތަކެއްގެ ގޮތުގައި ހިންގުން ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ ކޫއްޑު ފެލިވަރު ވަކި ކުންފުނިތަކުގެ ގޮތުގައި ހިންގުން. ނަމަވެސް އެކަން ކުރަނީ މިހާރަކު ނޫން. މިފްކޯ އަމިއްލަ ފައިމައްޗަށް ތެދެވުމުން،" ސަންއާ ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވިއެވެ.

މިހާރު ގދ. ތިނަދޫގައި ބޭއްވި 'ޖަޒީރާ ހޮޅުއަށި' ޖަލްސާގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

ޖަޒީރާ ހޮޅުއަށީގައި ރޭ ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ މިފްކޯ އެސްޓީއޯގެ ދަށަށް ގެނައުމުން މިއަހަރުގެ މިހާތަނަށް އެސްޓީއޯއަށް 450 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެސްޓީއޯ ދަށަށް މިފްކޯ ގެނައީ އެ ކުންފުނިން ބޭނުންވެގެން ނޫން ކަމަށާއި އެކަން ކުރީ ބަނގުރޫޓުވުމުން ދެން ހަނދާނެ ގޮތެއް ނެތިގެން ކަމަށެވެ.

ޖަޒީރާ ހޮޅުއަށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް މި އަހަރު ނިމޭއިރު އެ ކުންފުންޏަކީ ގެއްލުން ނުވެ ހިނގާ ކުންފުންޏަކަށް ބަދަލުވާނެ ކަމަށެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކަށް ރައީސް ދެއްވި ޖަވާބުތައް ކުރުކޮށް:

  • މަސްވެރިކަމަށް ގެންނަ ތަކެތި ޑިއުޓީ މާފުކުރުމާ މެދު މަޝްވަރާ ކުރުމަށް ފަހު ރަނގަޅު ހައްލެއް ހޯދައިދިނުން.
  • މަސް ރައްކާކުރުމުގެ މިންވަރު ބޮޑުކުރުން.
  • މަސްދޯނިތަކުގައި ބިދޭސީން ގެންގުޅުމާ މެދު މަސްވެރިންނާ މަޝްވަރާކުރުމަށްފަހު ގޮތެއް ނިންމުން.
  • ގދ. ހޯޑެއްދޫގައި ހުންނަ ހޮރައިޒަން ފިޝަރީޒްއިން ހިދުމަތް ނުލިބޭތާ އެތައް އަހަރެއް ވެފައިވާތީ އެކަމަށް އަވަސް ހައްލެއް ހޯދައިދިނުން.
  • މަސް ގަތުމަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުން.
comment ކޮމެންޓް