ޖަޕާނުގައި މޭބިސްކަދުރު ކޯންޏެއް 11،000 ޑޮލަރަށް ވިކިއްޖެ

ޖަޕާނުގައި 11،000 ޑޮލަރަށް ވިއްކާލި ރޫބީ ރެޑް ގްރޭޕްސް -- ފޮޓޯ: ސީއެންއެން

ޖަޕާނުގެ ކަނަޒަވާގައި އޮތް ނީލަމެއްގައި މޭބިސްކަދުރު ކޯންޏެއް 11،000 ޑޮލަރަށް ވިކިއްޖެ އެވެ.

ހަމައެކަނި ޖަޕާނުގެ އިޝިކަވާ ޕްރިފެކްޗާގައި ހައްދާ "ރޫބީ ރޯމަން ގްރޭޕްސް" އަކީ ޓީޓީ ބޯޅައަކާ އެއްވަރަށް ބޮޑު އަދި ފޮނި ރަހަ ގަދަ މޭވާއެކެވެ. އެބާވަތުގެ މޭބިސްކަދުރު ނީލަމުގައި ވިއްކަން ފެށީ 2008 ވަނަ އަހަރެވެ. އަދި ނީލަން އިންތިޒާމު ކުރާ ފަރާތްތަކުން ބުނި ގޮތުގައި އެއީ އެބާވަތުގެ މޭބިސްކަދުރު އެހާ ވަރަށް ބޮޑު އަދަދަކަށް ވިކުނު ފުރަތަމަ ފަހަރެވެ.

މިދިޔަ އަންގާރަ ދުވަހު ވިކުނު މޭބިސްކަދުރު ކޯޅީގައި 24 މޭބިސްކަދުރު އޮންނަ އިރު ކޮންމެ އެއްޗެއްގެ ބަރުދަން 20 ގްރާމަށް އަރަ އެވެ. އެމޭބިސްކަދުރު ގަތީ ހޮޓެލް މެނޭޖަރެއް ކަމަށްވާ ޓަކާޝީ ހޮސޮކާވާ އެވެ. އޭނާ ބުނި ގޮތުގައި 1.2 މިލިއަން ޔެން (11،000 ޑޮލަރު)އަށް އެމޭބިސްކަދުރު ގަތީ އެބާވަތުގެ މޭބިސްކަދުރު ވިއްކަން ފެށިތާ 12 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުންނާއި މެއި މަހު އެގައުމުގައި އެމްޕެރާ ނަރުހިޓޯގެ ދައުރު ފެށުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

ރޫބީ ރޯމަން ގްރޭޕްސް އަކީ ސައިޒުން ބޮޑު އަދި ފޮނި ރަހަ ގަދަ މޭބިސްކަދުރެއް -- ފޮޓޯ: އޭއެފްޕީ

ރޫބީ ރޯމަން ގްރޭޕްސްގެ ޑިމާންޑު ބޮޑު ކުރުމަށްޓަކައި ކޮންމެ އަހަރަކު އެބާވަތުގެ މޭބިސްކަދުރު ވިއްކަނީ ވަކި މިންވަރަކަށެވެ. އަދި މިއަހަރު އެބާވަތުގެ 26،000 ކޯޅި ވިއްކާނެ ކަމަށް އިޝިކާވާގެ ދަނޑުވެރިކަމާ ގުޅުން ހުރި ގުރޫޕަކުން ލަފާ ކުރި އެވެ.

ޖަޕާނުގައި ބަލާ ބެލުމަށާއި ރަހައިގެ ގޮތުން އާދަޔާ ހިލާފު މޭވާތައް އަގުބޮޑުކޮށް ވިއްކުމަކީ އާއްމު ކަމެކެވެ. އޭގެ ތެރޭގައި ތަފާތު ބައްޓަމަށް ހުންނަ ކަރަލާއި ހުދު ކުލައިގައި ހުންނަ ސްޓްރޯބެރީ ހިމެނެ އެވެ.

comment ކޮމެންޓް