އިއްޔެ ބިދޭސީ މީހާ މަރުވި ހާދިސާ ހިނގި ތަން: އޭނާ މަރުވީ ތިން ވަރަކަށް ފޫޓު މަތިން ޖަމްބޯ ބަސްތާއެއް ކަނދުރާ މައްޗަށް ވެއްޓުމުން -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ހުޅުމާލޭގައި ޖާހް އިންވެސްޓްމެންޓްސްއިން މަސައްކަތް ކުރަމުންދާ ކޮންސްޓްރަކްޝަން ސައިޓެއްގައި އިއްޔެ ހަވީރު ސިމެންތި ބަސްތާއެއް ވެއްޓި މީހަކު މަރުވި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު، މިއަދު އެކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ އެކަން ހިނގީ ބަސްތާތަކެއް އަޅާފައި ހުރި ޖަމްބޯ ބޭގެއް ބިދޭސީ މީހާގެ ބޯ މައްޗަށް ވެއްޓި، އޭގެ ދަށުވެގެން ކަމަށެވެ. އެ ހާދިސާ ހިނގި ގޮތާ މެދު އެތައް އޮޅުންތަކެއް އަރައި، އެ ކޮންސްޓްރަކްޝަން ސައިޓްގެ ސަލާމަތްތެރިކަމާ މެދުވެސް ސުވާލު އުފެދުނީ އެވެ.

"ސަން"އިން މިއަދު އެ ކޮންސްޓްރަޝަން ސައިޓަށް ޒިޔާރަތް ކުރުމުން ބައްދަލުވީ، ޖާހް އިންވެސްޓްމެންޓުގެ އޮޕަރޭޝަންސް ޑިރެކްޓަރު މުހައްމަދު ޝައްމޫން އާ އެވެ. އޭނާ ވަނީ ހާދިސާ ހިނގައި ދިޔަ ތަނާއި، ކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދީފަ އެވެ.

އެ ހާދިސާ އިއްޔެ ހިނގީ މަރުވި އުމުރުން 24 އަހަރުގެ ބަންގްލަދޭޝްގެ މީހާ ސިމެންތި ގަށާ މެޝިނަކަށް ސިމެންތި އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެ ވަގުތު އެ ސައިޓްގެ މަސައްކަތްތައް ބަހާލައިގެން ދެތިން ބިދޭސީން މަސައްކަތް ކުރަމުން ދިޔަ އެވެ. އެކަކު ޖަމްބޯ ބޭގުން ބަސްތާތައް ނަގައި އެހެން މީހަކާ ހަވާލު ކުރުމުން، އެ މީހާ ގޮސް މެޝިނަށް ސިމެންތި އަޅައި މީހާއާ ހަވާލު ކުރަމުން ދިޔަ އެވެ. އެތަނުން މަރުވީ ސިމެންތި ބަސްތާތައް ޖަމްބޯ ބޭގުން ނަގަން ހުރި މީހާ އެވެ.

އިއްޔެ ބިދޭސީ މީހާ މަރުވި ހާދިސާ ހިނގި ކޮންސްޓްރަކްޝަން ސައިޓު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ސިމެންތި ބަސްތާތައް އަޅާފައި ހުރި ބޮޑު ޖަމްބޯ ބޭގެއްގައި ވިއްސަކަށް ސިމެންތި ބަސްތާ އޮތެވެ. ޖުމްލަ 20 ބަސްތާއާ އެކު އޭގެ ޖަމްބޯ ބޭގެއްގެ ބަރުދަނުގައި ގާތްގަނޑަކަށް ޓަނެއް ހުންނާނެއެވެ. ބައެއް ޖަމްބޯ ބޭގު އެކަތި އަނެކަތި މަތީގައި ބަހައްޓާފައި ހުއްޓެވެ.

ބިދޭސީ މީހާ މަރުވި ހާދިސާ ހިނގީ ޝައްމޫން ވިދާޅުވި ގޮތުގައި ޖަމްބޯ ބޭގު ފުންޏަކުން އޭގެ ބަސްތާއެއް ނަގަން އުޅުމުގެ ތެރޭގަ އެވެ. ބިދޭސީ މީހާ އިށީނދެ އިނދެ، އެ ބަސްތާ ފުނިން ބަސްތާއެއް ދަމައިގަތް ވަގުތު ޖަމްބޯ ބޭގެއް ކަހާލައި އޭނާގެ ކަނދުރާގެ މައްޗަށް ވެއްޓުނީ އެވެ. ޖަމްބޯ ބޭގު އޭނާގެ ކަނދުރާ މައްޗަށް ވެއްޓުނީ ގާތްގަނޑަކަށް ތިން ފޫޓު މަތިންނެވެ. އެ ބަސްތާތަކުގެ ދަށުވެ އޭނާގެ ކަނދުރާ ބިނދުނީ އެވެ. އަޅައިގެން ހުރި ހާޑް ހެޓުން އެއްވެސް ރައްކާތެރިކަމެއް ނުލިބުނީ އެވެ.

އިއްޔެ ބިދޭސީ މީހާ މަރުވި ހާދިސާ ހިނގި ތަން: އޭނާ މަރުވި ހާދިސާ ހިނގި ގޮތް ޝައްމޫން ކިޔައިދެއްވަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

"އެ މީހުން [އެތަނުގައި އެވަގުތު މަސައްކަތް ކުރަމުން ދިޔަ މީހުން] ހަޅޭއްލަވަން ފެށީ. ސުޕަވައިޒަރު ހީކުރީ ތަޅައިގަތީ ކަމަށް. އޭނަ ގައި މަތިން ބަސްތާތައް ނަގާފައި ފަސް މިނެޓުގެ ތެރޭގައި ގޮދަޑިއެއްގައި ބާއްވައިގެން އޭނަ ޕިކަޕަކަށް އެރުވީ. ޕިކަޕުން މާ ގިނަ އިރެއް ނުވަނީސް ހޮސްޕިޓަލަށް ގެންދިޔައީ [ހުޅުމާލެ ހޮސްޕިޓަލަށް]،" ޝަމްއޫން ވިދާޅުވި އެވެ. "ބަސްތާތައް ނެގި އިރު އޭނާގެ އަނގައާއި ނޭފަތުން ހުރީ ލޭ އައިސްފައި،"

ބަސްތާއެއް ވެއްޓި ބިދޭސީ މީހާ މަރުވި ކަމަށް ބުނުމުން، އިމާރާތުގެ މަތިން ބަސްތާއެއް ވެއްޓި މީހަކު މަރުވީ ކަމަށް ދޭހަވާތީ ޝައްމޫން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމުގެ ސަބަބުން އާންމުންގެ މެދުގައި ވެސް ބިރުވެރިކަން އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގައި ދިޔުމުގައި ކުންފުނީގެ އިހުމާލެއް އޮތް ކަމަށް ޝައްމޫން ގަބޫލެއް ނުކުރައްވަ އެވެ.

މަރުވި ބިދޭސީ މީހާގެ މައްޗަށް ވެއްޓުުނު ޖަމްބޯ ބޭގު: އޭގައި ވަނީ ބިދޭސީ މީހާގެ ލޭ ހޭއްކިފައި -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު "ސަން"އަށް ވިދާޅުވީ، ޖަމްބޯ ބޭގު ވެއްޓުނު ހާދިސާ އަކީ އެއްވެސް ވަރަކަށް ކޮންޓްރެކްޓަރު ފަރުވާކުޑަ ވުމާ ގުޅުން ހުރި ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ސުހެއިލް ވިދާޅުވީ، އެޗްޑީސީއިން އެކަހަލަ ކަންކަމުގައި ބަލަނީ ސޭފްޓީ މިންގަނޑުތަކަށް ފެތޭތޯ ކަމަށެވެ. އެހެން ބެލި ބެލުމުގައި ސައިޓުން އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ސައިޓުގައި ލިފްޓެއް ނުވެއްޓޭ

އިއްޔެ ބިދޭސީ މީހާ މަރުވި ސައިޓުގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން "ލިފްޓެއް" ކަނޑައިގެން ގޮސް ބިދޭސީއަކަށް އަނިޔާވި ކަމަށް ވެސް ވަނީ ހަބަރު ފެތުރިފަ އެވެ. އެކަމަކު، އެއީ ނުބައި މައުލޫމާތެއް ކަމަށް ޝައްމޫން މިއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެއްޓުނީ އިމާރާތުގެ ފަންގިފިލާތަކަށް އެޅިގަލާއި، ހޮޅި ފަދަ ތަކެތި އަރުވަން ބޭނުން ކުރާ ވިންޗެކެވެ. އެއީ މީހުން އަރާ ހަދާ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

ހަތްވަނަ ފަންގިފިލާއިން ވެއްޓުނު ވިންޗަކީ، ރިމޯޓު ކޮންޓްރޯލު ވިންޗެކެވެ. އޭތި އޮޕަރޭޓު ކުރަން މީހަކު ހުރެ އެވެ. އެކަމަކު އެ ވިންޗަށް ވެސް ވަކި މިންވަރަކަށް ވުރެ ބަރުކޮށް އެއްޗެއްސެއް ނުއުފެއްލޭނެ އެވެ.

ބިދޭސީ މީހާ ވެއްޓި އަނިޔާވި ހާދިސާ ހިނގީ ވިންޗުގައި ހުރި އެއްޗެހިތަކެއް، ހަތްވަނަ ފަންގިފިލާއަށް ބޭލުމަށް ޓަކައި އޭނާ ވިންޗަށް އެރުމުން، އޭގެ ބަރުދަން ނުހިފެހެއްޓި، ވެއްޓިގެންނެވެ.

މި މަހުގެ ހަ ވަނަ ދުވަހު އެ ސައިޓުގައި ވެއްޓުނު ވިންޗު: ވިއްޓުނު ގޮތް ޝައްމޫން (ވ) ކިޔައިދެއްވަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒމް

ޝައްމޫން ވިދާޅުވީ އަނިޔާވީ ބިދޭސީމީހާގެ ބުރަކައްޓަށް ކަމަށެވެ. އޭނާގެ ބުރަކަށިން ޑިސްކެއް ގުޑީއެވެ. އެކަމަކު މިހާރު އޭނާގެ ބުރަކަށި އޮޕަރޭޝަންކޮށްފައިވާ އިރު ހާލު ރަނގަޅު ކަމަށް ޝައްމޫން ބުންޏެވެ.

"ކޮންޓްރޯލްކޮށް ވެއްޓުނީ، އެކަމަކު ބާރަށް ވެއްޓުނީ. ސީދާ އެ ހުރި ގޮތައް ވެއްޓުނު ނަމަ އަދި މާ ބޮޑު އަނިޔާއެއްވީސް،" ޝަމްއޫން ވިދާޅުވި އެވެ.

އެ ދެ ހާދިސާ ވެސް ހިނގީ މީގެ މަހެއްހާ ދުވަސް ކުރިން ކުންފުންޏަށް މަސައްކަތް ކުރަން ގެނައި ބިދޭސީންގެ ތެރެއިން ދެ ބިދޭސީންނަށެވެ.

ޖަމްބޯ ބޭގު ވެއްޓުނު މައްސަލައާއި ވިންޗު ވެއްޓުނު މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ. ބިދޭސީ މީހާ މަރުވުމުން، ރޭ ރައީސް އޮފީހުން ވެސް ވަނީ އެ ސައިޓަށް ޒިޔާރަތްކޮށްފަ އެވެ. އަދި އެތަނުގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލި އެވެ.

މަރުވި ބިދޭސީ މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ޖާހް އިންވެސްޓްމެންޓްސް އިން މިހާރު ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް