ފަޔަރ އެންޑް އައިސް (18)

ފަޔަރ އެންޑް އައިސް

"އަޅުގަނޑުމެން އެންމެން އެކީ ސުވަރުގެއިން ބައްދަލުވާނެ އިރާދަކުރެއްވިއްޔާ..........." ފުރުގާން ކުރިމަތީ ހުރި ސޯފާގައި އިށީނެވެ.

"ދަރިފުޅާ. ސިއެނާ އަދިވެސް އެއްވެސް ވަރަކަށް ރަގަޅުނުވަނީތަ؟ މަންމަގެ ޖާސިމްއަށްވެސް ވީ ހަމަ މިހެން. އެކަމަކު ސިކުނޑީގެ މައްސަލައެއްނޫން. މަންމަ މިއަދު ބުނެފާނަން ދަރިފުޅަށްވެސް މަންމަ ފޮރުވާފައިވާ ސިއްރެއް.................................." ނޫރިއާ އަތް މޮޑެލަމުން މަޑުމަޑުން ބުނެލިއެވެ. " ޖާސިމް ރައްޓެހިވެގެން އުޅުނު ޒަންދު ޕަރީއަކީ ޖިންނީންގެ ޝެހެންޝާހު ޚުސްރޫގެ އަންހެންދަރި. އެކަން އެނގުނީ ސުލޭމާންބެ ގެ ފަރާތުން. ސުލޭމާންބެ ސިހުރު ހަދާފައި ޒަންދު ނައްތައިލީ. އެކަމަށް ފައިސާ ޚަރަދުކުރީ މަންމަ އަތުން. ހުރި އެންމެ އަންހެންދަރި މަރައިލީތީ މި އާއިލާގެ ފަރާތުން ބަދަލު ހިފަންވެގެން އެ ރަސްގެފާނާއި އައުވާނުން އުޅެގަތީ. ޖާސިމްއަށް ހެދިގޮތެއް އަދި އަދަށްދާންދެން މަންމައަށް އެނގިފައެއްނުވޭ. އެ ދަރިފުޅު ދުނިޔޭގައި ހުރިކަމެއް ނެތްކަމެއްވެސް ނޭގޭ. އެހެންމީހަކަށް ގެއްލުމެއް ދިނުމުގެ ކުރިން އެންމެންގެ ރައްކާތެރިކަމަށްޓަކާ ސުލޭމާންބެ ހަދައިދިނީ ލޮއިން ހަދާފައިވާ އަނގޮޓިއެއް. އެ އަނގޮޓި ދަރިފުޅުމެން އަތުން ނުނަގަން މަންމަ އަމުރުކުރިން. އަދި އަދަށްދާންދެންވެސް ދަރިފުޅުގެ އަތުގެ އިނގިލީގައި މިއޮތީވެސް އޭގެ އަނގޮޓިއެއް......"


"ސިހުރުވެރިންނަކީ އެކަހަލަ ބަޔެކޭ މަންމާ. މީހުންނަށް އޮޅުވާލައިގެން ފޭރުމާއި މަކަރުހެދުން ނޫންކަމެއް ނުކުރާނެ............................." ފުރުގާން އަތުގެ އިނގިލީގައި އޮތް އަނގޮޓިއަށް ބަލައިލީ ނުރުހުމާއި އެކުގައެވެ. މަންމަގެ ހަދިޔާއެއްކަމަށް ހީކޮށް ހަށިގަނޑުން ވަކިނުކޮށް ބޭއްވި އަނގޮޓިއަކީ ހަގީގަތުގައި އެހެންމީހެއްގެ މަކަރުވެރިކަމުގެ ނިޝާނެކެވެ. އޮޅުވައިލުމެކެވެ.

ވަގުތުން އަނގޮޓި ނަގާ އަތުކޮޅަށް ހޫރައިލަން އޭނަ ބޭނުންވިއެވެ.

ކޮން ޚުސްރޫއެއް ހެއްޔެވެ؟ ކޮން ޒަންދު ޕަރީއެއް ހެއްޔެވެ؟ އިންސާނުންނަށްވުރެ އެހެން ނަސްލެއް ބާރުގަދަވެފައި މޮޅުވާކަމެއް އޭނައަކަށް އެނގިފައެއްނުވެއެވެ. ގުރުއާނުގައި ވަހީކުރައްވާފައިވަނީވެސް ޖިންނިންނަށްވުރެ ހުރިހާ ގޮތަކުން އިންސާނާ މޮޅުކަމަށާއި ވިސްނުންތެރިކަމަށެވެ. އެންމެ ރީތި ސިފައިގާ އުފައްދަވާފައިވަނީ އިންސާނާކަމަށެވެ.

ހިތަށް އެރިހާ އެއްޗެއް މަންމަ ކައިރީ ހާމަކޮށްގެން މަންމަގެ ޟައީފު ހިތުގައި ކުޑަ ކޫރުމެއް އެޅޭކަށްވެސް އޭނަ ނޭދެއެވެ. އެއަށްވުރެ ބޮޑަށް އޭނަ މަންމައަށް އިހުތިރާމްކުރެއެވެ. ލޯބިވެއެވެ. އެންމެ ޚާއްސަ މީހަކީ މަންމައެވެ. މަންމަގެ މޫނަށް ވެރިވި މޮޅިވެރިކަން އޭނަގެ ވާހަކަތައް ބަދަލުކޮށްލަން ހިތަށް ބާރު އެޅިއެވެ.

"އޯކޭ މަންމާ. އަޅުގަނޑު މަންމަގެ ވާހަކަ ގަބޫލުކޮށްފިން. ދެން ކިހިނެއް ހަދަންވީ"

"ދަރިފުޅާ. ސިއެނާ މޮޔަކޮށްލީވެސް އެމީހުން. އެކުއްޖާފުޅަށް ރުގުޔާ ކުރުވަން މަންމަ ވިސްނިން..............."

"ޔަގީން. މަންމަ ބުނާގޮތަށް ހަދާނީ..." ފުރުގާން އެއްބަސްވިއެވެ.

" ދަރިފުޅުމެން ދީނާއި ކައިރިވެ ދެއިރު ޒިކުރުކޮށް ބަގަރާ ސޫރަތްކިޔަވާ މިކަހަލަ ކަންތައް ކުރީމަ ޖިންނީންގެ އުދަގޫތަކުން ސަލާމަތްވާނެ. އެއީ ރާގީންވެސް ބުނެދޭ އެއްޗެއްސަކީ. މަންމަ ދަންނަ ރާގީއެއް ކެނެޑާގައި އުޅޭ. އޭނަ ގެނެސްގެން ސިއެނާއަށް ރުގުޔާ ކުރުވަން ބޭނުންވީ އަދި ނަމަވެސް ދަރިފުޅަށް އެނގޭތަ؟ ޚުސްރޫގެ އަންހެނުން ޚަލީސީ މަންމައަށް އިންޒާރުކޮށްފި. މަންމަމެން ޒަންދުޕަރީ އަށް އަނިޔާވެރިވެ ކަނޑު ފައްތާލީޔޯ. އެހެންވެ އެކަމުގެ ބަދަލުގައި ޖާސިމް އެމީހުންގެ ޖަލުގައި ހައްޔަރުކޮށްފައޯ. އިތުރަށް ސިހުރު ހަދާ އެއްވެސް ކަމެއް ކޮށްފިއްޔާ ޖާސިމްގެ ފުރާނަނެތް މަސްގަނޑޯ ދެން ފެންނާނީ. އެމީހުން މިހާރު އެހެން ޑީލެއް ހަދައިފި................" ނޫރިއާގެ ލޮލުން ކަރުނައިގެ ސައިލާބެއް ތިރިއަށް ދެމިގެންފިއެވެ.

ނޫރިއާގެ ވާހަކަތައް އަހަން ފުރުގާން އިނީ ނުތަނަވަސްވެފައެވެ. މަންމައާއިމެދު ހަމްދަރުދީވެފައެވެ.

މި އާއިލާގައި މޮޔަކަމަށް ވާރުތަކުރާ ޖީންއެއް ހުރީކަން އޭނައަށް މިއަދު ޔަގީންވެއްޖެއެވެ.

މަންމަ ނޫރިއާ ނިކަން ސިއްރުސިއްރުން ބުނެލީ އެ ޑީލް ގެ ވާހަކައެކެވ. އެއާއެކު ނޫރިއާ ހިތް ކުދިކުދިވާފަދަ ގޮތަކަށް ރޮއިގަތެވެ. ފުރުގާން މަންމަގެނެސް މޭގައި ޖައްސައިލީ ހިމާޔަތްދޭފަދަ ގޮތަކަށެވެ. މަންމަ އޭނައަށް ކުޑައިރު ހިމާޔަތް ދިންފަދައިންނެވެ. މަންމަގެ ލޯ ފޮހެލަދިނީ ނިކަން އޯގާތެރިކޮށެވެ. ހުރިހާ ކަމެއް ރަގަޅުވާނެކަމުގައި ބުނެ ފުރުގާން އޭނަގެ މަންމަ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

***

އާޔާއަށް ހޭލެވުނުއިރު ކޮޓަރިތެރެއަށް އެޅިފައިވަނީ ހަމައެކަނި ހަނދުވަރުގެ ފަނޑު އައްޔެކެވެ. ތެޅިގަތް ހިތަކާއިއެކު ބޯ ހިއްލާލާފައި ބަލައިލިއިރު ބެލްކަނީގެ ދޮރު ހުރީ ކަހާލާފައެވެ. ކަރަންޓު އޮތްކަން އެބައެނގެއެވެ. އެއަކޮންޑިޝަންއާއި އެހެން ސާމާނުތައް މަސައްކަތްކުރެއެވެ. ޔަގީނުންވެސް ނިދުނުއިރު ބޮކިތައް ހުރީ ދިއްލާފައެވެ. އާޔާ ރިމޯޓުން ބޮކިތައް ދިއްލާލުމަށްފަހު ތެދުވެގެންގޮސް އަވަހަށް ދޮރު ލައްޕާލައިފިއެވެ.

"އަހަރެން ސްލީޕްވޯކް ކުރަންވެސް ފެށީތަ؟ " އާޔާގެ ހިތް ނުތަނަވަސްވިއެވެ.

"އާޔާ..........." ކޮންމެވެސް މީހަކު އޭނަގެ ނަން ވައިއަޑަކުން ކިޔައިލިހެން ހީވިއެވެ.

"ސުބުހާނަﷲ........" އާޔާ ގުޑިލަން ނުކެރިހުރެފައި ވަށައިގެން ލޯ ހިންގައިލިއެވެ. އިތުރު އަޑެއް ބަޑެއް ނީވުނެވެ. ގަޑިބަލައިލިއިރު ތިނެއް ޖެހީއެވެ. ފޯނުން ގުރުއާން ޖެއްސުމަށްފަހު އެނދުގައި އޮށޯވެލަން ހިނގައިގަތްތަނާ ޝެލްފްމަތިން ފެނުނު އެއްޗަކުން ތޫނު ހަޅޭކެއްގެ އަޑު ކަރުތެރެއިން ނުކުތެވެ. އެތައް އަހަރެއްކުރިން އާރިޒްދިން "އައި ލަވް ޔޫ " ޖެހި ޓެޑީ ބެއާއާއި ޖަވާހިރު އެއޮތީ ރަފައެލްގެ ވާހަކަފޮތް މަތީގައެވެ. އެފޮތާއި އެއެއްޗެއްސާއި ގުޅުމެއްވާފަދައެވެ. އެތައް އަހަރެއްފަހުން ތަޅުލާފައި ހުރި ކޮޓަރިއަކަށް އެ އެއްޗެހި ގެނެސް ވެއްދީ ކާކުކަމެއްވެސް ނޭގުނެވެ. އާޔާގެ މުޅި ހަށިގަނޑުވެސް ރޫރޫ އަޅައިގަތެވެ. ހަތަރެސްފައި ފިނިވެ ބިރުން ހިތް ފަޅައިގެން ދާވަރުވިއެވެ. މޭގައި އަތް ޖައްސާ ބާރުކޮށްލައިގެން ހުރެފައި އާޔާ ދެލޯ މަރާ ތަގުޅިކޮށްލިއިރު ލޮލުން ކަރުން ފައިބައިގެންފިއެވެ. ހިމާޔަތަށް އެދި ދާން ހުރި މީހަކީ އޭނަގެ ބައްޕައެވެ. އެކަމަކު އިރުއިރުކޮޅާ އެއްޗެކޭ ކިޔައިގެން ބައްޕަ އިތުރަށް ނުތަނަވަސްކުރުމުގެ ބަދަލުގައި މި ރޫހާނީ ބާރާއި އަމިއްލައަށް ހަގުރާމަކުރަން އޭނަ ނިންމިއެވެ. ބައްޕަ ހުންނަވަނީ ސިއެނާއާއި ދޮންމަންމަގެ މައްސަލައިގާ ހާސްވެފައެވެ. ޖިންނިން ބަލިކަށިކޮށްލަން ރުގުޔާވެސް ޖެހިދާނެއެވެ. އާޔާ ޔޫޓިއުބަށް ވަދެ ޝައިތާނުން ފައްސާލާފަދަ ރުގުޔާއެއް ޖެއްސިއެވެ. ފާޚާނާއަށްވަދެ ވުޟޫކޮށްލުމަށްފަހު މުސައްލަމަތީ އިށީދެލީ ދަމު ނަމާދުކޮށްލާށެވެ.

***

ބަލްސަމްގެ ހަޅޭކުގެ އަޑަށް ފުރުގާން ހޭލެވިގެން ބޮކިތައް ޖައްސައިލިއެވެ. ބަލްސަމްއަށް ދިމާވި ހާލަތުން އަރައިގަނެވޭނެ ގޮތެއް އަދިވެސް ނުވެއެވެ. ނަމަވެސް މިރޭ ތަފާތެވެ. މިރޭ ބަލްސަމްގެ ފަރާތުން ފެންނަން ފެށީ އެހެންކަހަލަ އަމަލުތަކެވެ. ފުރުގާންގެ އަތުގައި އެލިގަތެވެ.

"އަހަރެން އުޅުނީ ކޮންމެވެސް ވާހަކައެއް ބުނަން. އެވާހަކަ ހަދާން ނެތިއްޖެ. އެމްނީޒިއާތަ؟ އަހަރެން އެބަ ބިރުގަނޭ....................."

"ބެލްސް. އިޓްސް އޯކޭ ހަމަޖެހިބަލަ. ބިރުވެރި ހުވަފެނެއް ފެނުނީކަމަށްވާނީ......ލުކް އެޓް މީ..............." ފުރުގާން ބަލްސަމްގެ މޫނުގައި ދެއަތުން ހިފަހައްޓާފައި އޭނައާއި ހަތަރުކަޅި ހަމަކުރުވިއެވެ.

"ނޫން. ކޮންމެވެސް މުހިއްމު ކަމެއް ސިކުނޑިން ފިލައިފި. މިއަދު އަހަންނާއި ދިމާވި ކަމެއް.......ކޮންމެވެސް މީހަކާއި ދިމާވި. އެއީ ކާކުތަ؟ " ބަލްސަމް ނިތްކުރީގައި ދެއަތުން ހިފަހައްޓަމުން ލޯ މަރާލައިފިއެވެ.

ކުޅަދާނަ ނަފްސާނީ ޑޮކްޓަރަށްވެ ހުރެ އެހެން މީހުންނަށް ފަރުވާދިނުމުގައި މަޝްހޫރު މީހަކަށްވީއިރު އަމިއްލަ އާއިލާއަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އޭނަ ބަލިކަށި މީހަކަށްވެއްޖެއެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލިގެންދާންފެށިއެވެ. ބަލްސަމްއަށް ދިމާވީ ޕީޓީއެސްޑީކަމަށް ހީކޮށް އެކަމަށް ފަރުވާދިނަސް ހައްލެއް ނުލިބުނެވެ. މިހާރު ނުނިދިގެން އުޅުމާއި ބިރުވެރި ހުވަފެންތަކާއި ހަނދާންނެތުން ފަދަ އުދަގޫތައް އިތުރުވާން ފަށައިފިއެވެ. ރުޅިގަދަވުމާއި އަމިއްލަ ނަފުސަށް އަނިޔާދޭން މަސައްކަތްކުރާވަރުންވެސް ފުރުގާންގެ ބޯ ހަލާކުވާވަރުވިޔަސް ވަކި ކުރާނީ ކީއްހެއްޔެވެ؟ އެހާ ލޯބިން އުޅުނު އާއިލާ ރޫޅި ވަކިވެދަނީއެވެ.

***

އާރިޒް ކޮޓަރީގެ ފާނޫޒް ދިއްލާނުލާ އެނދަށް ވެއްޓިގަތެވެ. އަނދިރިކަމުން ކަށްވަޅުފަދައެވެ. އެކަނިވެރިކަމާއި ހިތާމަ އަދި މޮޅިވެރިކަން އޭނަ ވަށާލާފައިވިއެވެ. ޖަނާހުއާއި އާރިކް ވީޑިއޯ ގޭމް ކުޅެންތިބެ ދޭތެރެއަކުން ޖަހާލާ ހިނިގަނޑާއި ހަޅޭއްލަވައިގަންނަ އަޑުންވެސް މިއަދު އޭނައަށް އުދަގޫވިއެވެ. ކަންފަތްމަތީ ބާލީސް އަޅަން މަޖުބޫރުވިއެވެ.

"ކިހިނެއް ހަދާނީ. އާޔާ ގާތު ބުނަންވީތަ؟ " އާރިޒް ގެ ސިކުނޑި އެކި ޚިޔާލުތަކުން ފުރުނެވެ.

"އެރިކްގެ ޚިޔާލެއް ހޯދަންވީ ކަން ނޭގޭ. އެކަމަކު އަހަންނަކީ ކާކުކަން އެނގިއްޖެއްޔާ އާޔާ ހޭޓްކުރާނެކަން ޔަގީން..........އެކަމަކު އޮޅުވާލުމެއްގެ ތެރޭ ރިލޭޝަންއެއް ކުރިއަށް ގެންދިއުން ހަމަ އެންމެ ރަގަޅުތަ. އާޔާ ހޭޓްކުރިޔަސް އައި ޝުޑް ޓެލް... އާޔާއަށް އެނގެން ޖެހޭނެ މިއީ ހަމަ އެ އާރިޒްކަން. އޭރު މަންމައާއިހެދި ކަޅުލެންސް ލައްވައިގެން ކަން އުޅުނީ. އަނދިރީގައި ބެހެއްޓުމަކީ އާޔާއަށް ދެވޭ ދެރައެއް..." އާރިޒް ފެންކަޅިވާގޮތްވިއެވެ.

ލޯބިވާ އަންހެންކުއްޖާ ލިބެން އުޅެފައި ގެއްލެނީ ކަން އިހުސާސްކުރެވުމުން ހިތާމަ ނުކުރާނީ ކޮން އިންސާނެއް ހެއްޔެވެ؟ އެ އިހުސާސްތައް ބަޔާންކޮށްދިނުމަކީ އާރިޒްއަށް ކުޅަދާނަކަމެއް ނޫނެވެ. ހިތަށް ބާރުވެފައިވާ ވަރާއި ލޮލުގައި އެހެރަ ހިތި އަސަރުތައް ފޮރުވަން މަސައްކަތްކުރާއިރު އޭނަ ކުރާ ހިތާމަތައް ހެއްދެވިފަރާތަށް ނޫނީ އެނގިގެނެއް ނުވެއެވެ.


***

"ހޭޓް އިޒް ދަ ބިގިނިން އޮފް ލަވް ލޫސިފާރ. އާޔާ އަދި ޕާސްޓްގައި ރުޅި އަޔަސް މިހާރު އޭނަ އެބަ އުޅެއެއްނު. ސޯ ކުރީގެ ޗެޕްޓާތައް ހުޅުވައިގެން އުފާވެރިކަމެއް ނުހޯދޭނެ. ލައިފް އިޒް ޝޯޓް. އެންޖޯއި ލޫސިފާރ........" އާރިކް އެއް ލޯ މަރައިލިއެވެ. ދިރިއުޅުމާއިމެދު އާރިކް ވިސްނަނީ ޕޮޒިޓިވްކޮށެވެ.

ދެމީހުން ތިބީ އުއްބައްތީގެ އަލީގައި ބިލިއާޑްކުޅޭށެވެ. އާރިކްއަށް ގަދަ އަލިތަކުން އުދަގޫވާ ވާހަކަ އޭނަ އޮންނަނީ ބުނެފައެވެ. އެގޭގައި ފާނޫޒު ނޫނީ އުއްބައްތިތައް ގެންގުޅުމަށް އާރިޒްއާއި ޖަނާހުވެސް ހޭނުނީ އާރިކްއާއި ހެދިއެވެ. އާރިޒް އާޔާގެ ވާހަކަ ކިޔައިދީފައި ޚިޔާލެއް ހޯދަން އެދުމުން އާރިކް ލަފާދިނީ ވީހާވެސް އަވަހަށް އާޔާ އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ހެދުމަށެވެ. އަމިއްލަ ކުރުމަށެވެ. އެއް އިރެއްގައި އާރިޒްގެ މޫނުގައި ލަފެއް އިނުމުން "ހުތުރު" ވިޔަސް މިހާރު އާރިޒް ރީތި ނޫންހެއްޔެވެ؟ ހުރިހާ އަންހެންކުދިންނެއް ފިދާވާފަދަ މޫނެއް ލިބިފައިވާއިރު ވިސްނަންވީ ކޮންކަމަކާހެއްޔެވެ؟

"ދެމީހުން ކޮން ޗުކުޗުކެއް ތި ލައްވަނީ...." ޖަނާހު އައީ ކޮފީ ތަބައް ހިފައިގެންނެވެ.

"އަހަރެން ލުސިފާގާތު ބުނީ އަވަހަށް ޕާޓީ ދޭން އުޅޭށޭ....."

"އަހަރެމެން ހުހަށް ތިއްބާ އެންމެ ލަދުރަކިކުއްޖާ ޕާޓްނާއެއް ހޯދީ. ނޮޓް ބޭޑް. އެރިކް އެއްވެސް ކަމެއް ކުރެވޭ ބަޔަކަށް އަހަރެމެން ނުވިއެއްނު. ލުސިފާ ކޮން އިރަކު ނިންމާލަނީ؟ ޑޮކްޓަރ ފުރުގާންގެ ދަރިފުޅުގެ ޕާޓީވީމަ ވަރަށް ފޯރި އޮންނާނެ. މަށަށް ހުރެވެނީއެއް ނޫން............................." ޖަނާހު ކޮފީތަށްޓެއް ނަގާފައި އާރިޒްއާއި އާރިކްއަށް ދިއްކޮށްލައިފިއެވެ. އޭރު ބޯކޮށް ވެހޭ ވާރޭގެ އަޑު ފަޒާގައި ގުގުމާލާފައިވިއެވެ. ފިނިގަދަކަމުން ރަޖާދަށުގައި ތިބެން އެންމެ ބޭނުންވާފަދަ ރެއެކެވެ.

ފުރުގާންގެ ނަން އިވުމުންވެސް އާރިޒްގެ ހިތް ގުޑައިލިއެވެ. އޭނައާއި އިންނަން ފުރުގާން ވަލީ ދޭނެ ބާވައެވެ. ފުރުގާން އޭނަގެ ހަގީގަތް ނޭގި އެކަމަށް އެއްބަސްވާނެހެއްޔެވެ؟ ކުރިން ކައިވެންޏެއްކޮށް ނާކާމިޔާބުވެފައި ވުމުން ދެވަނަ ކައިވެންޏަކަށް އާނބަސް ބުނާއިރު ކޮންމެ ބައްޕައަކުވެސް ދަރިފުޅާއިމެދު ވިސްނާނެއެވެ.

"ލުސިފާއަކަށް ނުކެރޭނެއޯ. އަހަރެން ގޮސް ޑޮކްޓަރ ފުރުގާންގާތު އާޔާއާއި އާރިޒްގެ ވާހަކަ ދައްކާނަން........................................" ޑޮކްޓަރ އާރިކް ފޮނިކޮށް އެއްމިޔަކަނުން ހިނިތުންވެލިއެވެ. ފަނޑު އަލިކަމުގެ ތެރެއިން އެ ދިގުކޮށްލާފައިވާ އިސްތަށިގަނޑާއި އަޅި ދެލޯ ފެންނައިރު ވެމްޕަޔަރެއްފަދައެވެ. މަޑު ފިޔާތޮށިކުލަ ހުންނަ ތުންފަތަށް ރަތްކުލަ ވެރިވެފައިވަނީ ދުފާލައިގެން ހުރުމުންނެވެ.

"ޑޯންޓް......." އާރިޒް ފެށިއެވެ.

"ޝްޝްޝް...." އާރިކް ތުންފަތުގައި އިނގިލި ޖެއްސިއެވެ.

"ހުމް ލެޓް ޔޯ ބްރަދާ ހެންޑްލް އޯލް ދެޓް..." ޖަނާހު ހޭންފެށިއެވެ.

***

އާޔާ "އައިލަވްޔޫ" ޖަހާފައި އިން ބެއާ ނަގާފައި ލޮލާއި ލޯ ގުޅުވައިލިއެވެ. މިއީ އާރިޒް ދިން ހަދިޔާއެކެވެ. ކިތަންމެހާވެސް ލޯތްބެވެ. އެ ހަދާންތައް އާވުމާއިއެކު ލޯ ހަނިކޮށްލެވިއްޖެއެވެ. މި ބެއާ ކިތަންމެ "ކިއުޓް" ވިކަމުގައި ވިޔަސް މިއާ ގުޅިފައިވާ ހަނދާންތައް ރީއްޗެއް ނޫނެވެ. ބިރުވެރިއެވެ. ކުއްލިއަކަށް ލޮލުގެ ކުރިމަތީ ފްލޭޝްވެގެން ދިޔަ މަންޒަރުން ދެކަންފަތުގައި އަތް އަޅާފައި ހިތާހިތުން ބާރުބާރަށް ހަޅޭއްލަވައިގަނެވިއްޖެއެވެ. އަދި އެ ބެއާ އަތުކޮޅަށް ހޫރާލައިފިއެވެ. ވެހެމުންދިޔަ ވާރޭތެރޭގައި ބެލްކަންޏާއި ދިމާލުންގޮސް ބެއާ އޭނަގެ ލޯމަތިން ގެއްލިއްޖެއެވެ.

"އައި ހޭޓް ޔޫ ބީސްޓް....."


***

އާރިޒް ނުފެނި ދެތިން ދުވަސްވުމުން އާޔާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އެހާ ރީތިކޮށް ދެމީހުންގެ ގުޅުން ކުރިއަށްގޮސް ކައިވެންޏާއި ހަމަޔަށް ދިޔުމުން އާރިޒް އޭނައަށް ބޭވަފާތެރިވީ ހެއްޔެވެ؟ އާރިޒް ގެއްލިދާނެކަމުގެ ބިރު ހުރިހާ ކަމަކަށްވުރެ ބޮޑުވިއެވެ. ކެތްނުކުރެވިގެންގޮސް ޑޮކްޓަރ އާރިކް ކައިރިންވެސް އާރިޒްގެ ހާލު އެހުނެވެ. އާރިކް ލާނެތް ހިނިތުންވުމާއެކު ބުނީ އާރިޒް ނުގެއްލޭނެކަމުގައެވެ. އާރިޒް ތަންކޮޅެއް ބިޒީކޮށް އުޅޭތީ އަދި ފަހަރިއާއި ދުރުން އުޅެނީކަމުގައެވެ. މިހާރު އާރިޒްގެ ފްލައިޓް ޖައްސަން އުޅޭނެކަމުގައެވެ. އޭނައަށް އެދެމީހުންގެ ލޯބީގެ ސިއްރު އެނގޭކަމުގައެވެ. އާޔާ ލަދުން މަރުވާވަރުވިއެވެ.

ކާރަށް އެރިއިރުވެސް އާޔާގެ ރަތް ތުންފަތުގައި ހުރީ ނުފިލާ ހިނިތުންވުމެކެވެ. ވާރޭ ކަނި ކަނި ޖަހަންފެށިއިރު ބާރު ވައިރޯޅިތަކާއިއެކު ފެންތައް ބުރަބުރައިގެން އެކި ދިމާލަށް ދެއެވެ. ދޭތެރެއަކުން ޖަހާލާ ވިދުވަރާއިއެކު ކަންފަތް ބައްވާހާ ބާރަށް ޖަހާލާ ގުގުރިއާއިއެކު ހިތްތަކަށް ބިރުވެރިކަން ވައްދައެވެ.

"އާރިޒް އަދި އާރިކް ކައިރީވެސް އެ ވާހަކަ ބުނެފައެއްނު އެއޮތީ. ބިޒީވިޔަސް ލޯބިވާ މީހާއަށް ޓައިމް ދޭނެއްނު. ކީއްވެ އާރިޒް ދުރުން އެއުޅެނީ؟ އެހެން ވެގެން ނުވާނެ. ލަދުން ކަމަށްވާނީ. ފިރިހެންވަންތަކަމެއް ދެއްވާފައި ހުންނައިރުވެސް އާރިޒްއަށް ނުކެރޭކަން ފާހަގަކުރެވޭ........." އާޔާ ކާރު ދުއްވަމުން ދިޔައިރުވެސް ޚިޔާލުގައި އާރިޒް ނޫން ނަމެއް ނެތެވެ. ވިސްނެމުން ދިޔައީ އާރިޒްއާއިމެދުގައެވެ.


ޖަހައިލި ބާރު ގުގުރިއަކާއެކު ހިތުގައި ބިރުވެރިކަން އުފެދި އާރިޒްގެ ސަލާމަތަށް އެދި ދުޢާކުރެވުނެވެ. ގެއަށް ވަދެ ހެދުން ބަދަލުކޮށްލުމަށްފަހު ހޫނު ކޮފީއާއިއެކު ޕިއްޒާ ކާން ތައްޔާރުކޮށްލި ތަނާ ކޯލެއް އައެވެ. ބޮޑެތި އިމަޖެންސީތަކަށް ތައްޔާރުވާން ޑްރިލްތައް ޖައްސާއިރު ފަހަރެއްގައިވެސް މިފަދަ ބިރުވެރި ހަގީގަތަކާއި ކުރިމަތިލާން ޖެހިދާނެކަމަކަށް އާޔާވެސް ހީކޮށްފައެއްނެތެވެ. ޑޮކްޓަރަކަށްވުމާއިއެކު ކޮންމެފަދަ އިމަޖެންސީއަކާއި ކުރިމަތިލުމުގެ ގާބިލުކަން އޭނަގެ ހުއްޓެވެ. ނަމަވެސް މިއަދު މިއިވުނު ޚަބަރަކުން އާޔާގެ ހިތް ކުދިކުދިވެގެން ދިޔައެވެ. ހުޅުލޭ އެއާޕޯޓުގައި ޖެއްސި ފްލައިޓް ކަހާލައިގެން މޫދަށް ވެއްޓި އެތައް ބަޔެއްގެ ފުރާނަވަނީ ނުރައްކަލުގެ ތެރޭގައެވެ. ލިބުނު ކޯލާއިއެކު ވަގުތުން ހެދުމުގެ ބޭރުން ކަޅުކުލައިގެ ޖެކެޓެއްލައިގެން ބުރުގާ ބޮލަށް މަހާލުމަށްފަހު އާޔާ ހޮސްޕިޓަލަށް ދާން ކާރުގައި ނައްޓައިލިއިރު ހިތާހިތުން އެންމެންގެ ސަލާމަތަށް އެދި ދުޢާކުރެވުނެވެ. ޚާއްސަކޮށް ކެޕްޓަންގެއެވެ. އޭނަގެ ކެޕްޓަންގެއެވެ. އާރިޒްއަށް އެޅުނީ އޭނަގެ އެސްފީނާ ނޫން ދެން ކޮންކަމެއް ހެއްޔެވެ؟މިހާވަރަށް މީހަކާއި އަޅައިގަންނަން ވެއްޖެއްޔާ އެމީހެއްގެ ސަލާމަތަށްވެސް ނުރައްކާވަނީކަން ނޭގެއެވެ.

މުޅި ހޮސްޕިޓަލްއޮތީ ކުއްލި ހާލަތަށް ގެނެސްފައެވެ. އަނިޔާވެފައިވާ މީހުންތައް ސްޓްރެޗާތަކުގައާއި ފުރޮޅުލީގޮނޑިތަކުގައި އިމަޖެންސީއަށް ވައްދަމުން ދިޔައިރު މީސްތައް މުޅި ހިސާބު ފުރާލައިފިއެވެ. މީޑިއާތަކުން އައި ނޫސްވެރިންނާއި ކެމެރާމަނުން ތަފުސީލު ހޯދުމުގައި ކޮޅުކޮޅަށް ދުވާތަން ފެނެއެވެ. ޑޮކްޓަރުންނާއި ނަރުހުން އަވަސްވެގަތީ އެތަނަށް ގެނެވެނު ބަލިމީހުންގެ ޚިދުމަތުގައެވެ. ފުރާނައަށް ގެއްލުންވާވަރުގެ ބޮޑު އަނިޔާއެއް ނުލިބި އެންމެން ސަލާމަތްވި ކަމީ ކަރާމާތެއްފަދަ ކަމެކެވެ. ބައެއްމީހުންނަށް ލޮނު ބޮވުނެވެ. ބައެއްމީހުންގެ ހަށިގަނޑުގެ ތަންތަން ޒަޚަމްވެ އެކެއްގެ އަތް ބިންދައިގެން ދިޔައެވެ. އެކަންތަކުން ނިމުމަށްފަހު އާޔާ އާރިޒްއަށް ޒިޔާރަތްކުރަން ނިންމިއެވެ. އޭނަ އޮތް ޕްރައިވެޓް ރޫމަށްވަންއިރު އާޔާގެ ހިތްތެޅޭވަރުން ފުންމާލަފާނެހެން ހީވިއެވެ. ނަސީބަކުން ޖަނާހުއަށް އާޔާ ފެނުމާއެކު ފުރުސަތުދީފައި ދާން ހިނގައިގަތެވެ.

އާރިޒްގެ ނިތްކުރި ބެންޑޭޖްކޮށްފައިވާއިރު އަތުގައިވެސް ބޭސްގަނޑެއް އަޅާފައި ހުއްޓެވެ.

"ކިހިނެއް އާރިޒް....." އާޔާ މަޑުމަޑުން އަހައިލިއެވެ.

"ފައިން....." އާރިޒް އާޔާއާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރާފަދައެވެ.

"އަލްހަމްދުލިﷲ...." އާޔާ ކުޑަކޮށް ހިނިތުންވެލިއެވެ.

"ވަޓް ހެޕެންޑް. ފޯނު ނުނަގާވަރަށް ބިޒީތަ؟" އާޔާ ސުވާލުކޮށްލިއެވެ.

"މުޅިން އެހެނެއް ނޫން. އަހަރެންގެ މޫނަށް އަނިޔާވީ. ލަކުނުވެސް ލާނެ. އާޔާއަށް ކަމުދާނެތަ؟ މޫނު ހަޑިވީމަ އަންހެންކުދިން ލައިކް ނުވާނެހެން މަށަށް ހީވަނީ.........." އާރިޒް ވިސްނުމެއްގެ ތެރޭ އޮވެފައި ބުނެލިއެވެ.

"އެހެނެއްނުވާނެ. ސިފައައާއި އުމުރަކީ އެހާ މުހިއްމު އެއްޗެއްތަ؟ އާރިޒް އެކްސިޑެންޓްވީ މިއަދު. ވީމަ ކުރިން ޚަބަރެއްނުވުން އެއީ އަދި މިކަމަކާއި ގުޅުމެއް ހުރި ކަމެއްހެން ހިޔެއްނުވޭ. ޓެލް މީ ޕްލީޒް................" އާޔާ އެދުނެވެ.

"ވީގޮތަކީ......މްމްމް...." އާރިޒް އެއްޗެކޭ ބުނަން އުޅުނުތަނާ ކަންފަތް ބުޑުގައި މީހަކު އޭނައަށް އިވޭވަރަށް އެކަނި ބުނެލި އެއްޗަކުން ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. އެއީ ބަރުބަރު އަޑެކެވެ. ގުގުމައިގެންދާފަދަ ގޮތަކަށެވެ. އެމީހަކު އިންޒާރެއްދިނީއެވެ. އާޔާއަށް އާރިޒްއަކީ ކާކުކަން ބުނެދީފިއްޔާ "ރިގްރެޓް"ކުރަން ޖެހިދާނެކަމުގައެވެ. އާރިޒް މައިތިރިވެގެން ހުރުމަށެވެ.

"އަހަރެންގެ ހާޓް ވަރަށް ވިއާޑްވާނެ. ކުޑައިރު އައި ފެލް ފޯ އެ ބޯއި. ދަ ބޯއި ވިތް ދަ ސްކާ............" އާޔާ އާރިޒްއޮތް އެނދާއި ކައިރިއަށް ގޮނޑި ޖައްސައިލުމަށްފަހު އިށީދެފައި އެހެން ބުނެލީ ހިނިތުންވެލަމުންނެވެ. އާރިޒްއަށް އެ ޖުމްލައިން ޝޮކެއް ލިބުނުފަދައެވެ. އެހުރިހާ އިރުވާންދެން އާޔާއާއި ދިމާލަށް ނުބަލަން ކުރި މަސައްކަތް ފެއިލްވިއެވެ. އާޔާގެ ލޮލަށް ބަލައިލިއިރު އާރިޒްގެ ލޮލުން ފެނުނު ޝުއޫރުތަކާއި އަސަރުތައް އާޔާއަކަށް ނުވިސްނުނެވެ.

"ރިއަލީ؟ " އާރިޒް އެހިއެވެ.

އާޔާ ބޯ ޖަހައިލިއެވެ.

"އޭނަ މިހާރު ކޮބާ..."

"ހީޒް ގޯން....ޑެޑް" އާޔާ ހިންދިރުވައިލިއެވެ." ޔޫ ނޯ ވަޓް."

އާޔާ ބުނާ އެއްޗެއް އަހާހިތުން އާރިޒްގެ ހުރިހާ ސަމާލުކަމެއް އާޔާއަށް ހުއްޓުނެވެ. އަތްފައިވެސް ފިނިވެލައިފިއެވެ. ފިރިހެންކުދިންވެސް މިހާ ހިތް އަވަސްވެ ކަންބޮޑުވާކަމެއް އޭނަ ނުދަނެއެވެ.

(ނުނިމޭ...)

https://sun.mv/121490

comment ކޮމެންޓް