ރާއްޖޭގައި ކެސިނޯ ނާޅާނެކަމަށް މިނިސްޓަރު ވިދާޅުވުމުން ޖާބިރު ރަތަށް!

މިއަދު ކޮމިޓީ ބައްދަލުވުމުގައި ކެސިނޯ ނޭޅޭނެކަމަށް މިނިސްޓަރު ވިދާލުވުމުން ޖާބިރު ކޯފާ ވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ކެސިނޯ އެޅުމަކީ މި ސަރުކާރުގެ ވިސްނުންފުޅެއް ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވިޔަފާރިވެރިޔާ، ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ރާއްޖޭއަކީ ސައްތައިން ސައްތަ މުސްލިމު ގައުމެއް ކަމަށާއި މިއަދުގެ ސަރުކާރުން ރާއްޖޭގައި ކެސިނޯ ނާޅާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑާޝިޕްގައި ކެސިނޯ އެޅުމަށް ވިސްނާފައި ނެތް. ރާއްޖޭގެ ފަތުވެރިކަން އަޅުގަނޑުމެން ގެންދާނީ މާތްވެގެންދާ އިސްލާމް ދީނުގެ ހުރިހާ ރުކުންތަކާއި ސިފަތައް ހިމާޔަތްވާ ގޮތުގެ މަތިން. އެހެން ވީމާ މިވަގުތު ތި ސުވާލުގެ ޖަވާބަކީ ނޫނެކޭ،" ކެސިނޯ ރާއްޖޭގައި ނޭޅެންވީ ކީއްވެގެންތޯ ޖާބިރު ސުވާލުކުރުމުން އަލީ ވަހީދު ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި އަލީ ވަހީދު ވަހަކަ ދައްކަވަނީ: ކެސިނޯ ނޭޅޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަނގުރަލާއި އޫރު މަސް އިސްލާމް ދީނުގައި ހަރާމް އެއްޗަކަށްވާއިރު، ރިސޯޓުތަކުގައި އެ އެއްޗެހި ވިއްކަނީ ކީއްވެގެންތޯ ޖާބިރު ސުވާލުކުރެއްވުމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެކަން ކުރަނީ ގާނޫނުތަކުން އެކަން ކުރުމަށް ތަންދޭތީ ކަމަށެވެ.

"މިވަގުތު ފަތުރުވެރިކަން ކުރިއެރުވުމަށް މަޖިލީހުން [ފާސްކުރި] ގާނޫނުގެ ތެރެއިން އެ ފުރުސަތު އޮތީމަ އެކަން ކުރަނީ،" އަލީ ވަހީދު ވިދާޅުވިއެވެ.

ކެސިނޯ ރާއްޖޭގައި ނޭޅޭނެކަމަށް މިނިސްޓަރު ވިދާޅުވުމުން ޖާބިރު ވަނީ އެކަމާ ކޯފާ އިސްކުރައްވައި މިނިސްޓަރަށް ބަހުގެ ހޫނު ހަމަލާތަކެއް ދީފައެވެ. ގޮނޑިކޮޅުން ތެދުވެވަޑައިގެން ނުރުހުން ފާޅުކުރައްވަމުން ވަރަށް ބޮޑަށް އަޑުގަދަކުރެއްވުމަށްފަހު، ކޮމިޓީން އިސްތިއުފާ ދެއްވިަކަމަށް ވިދާޅުވެ ޖާބިރު ދެން ކޮމިޓީ ދޫކުރައްވައި ނުކުމެވަޑައިގަތީއެވެ.

ރާއްޖޭގައި ބަނގުރަލާއި އޫރުމަސް އަދި އޫރުމަހުން އުފައްދާ ތަކެތި އެތެރެކުރެވެނީ، ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގެ ދަށުން ދޫކުރާ ޚާއްސަ ހުއްދައެއް ނަގައިގެންނެވެ. އެ ހުއްދަ ދޫކުރާ ފަރާތްތަކުގެ ތެރޭގައި ރިސޯޓުތަކާއި ސަފާރީތަކާއި ޑިއުޓީ ފްރީ ވިޔަފާރިތައް ހިމެނެއެވެ.

"ރައީސް ސޯލިހުގެ ސަރުކާރުގައި ރާއްޖޭގެ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތާއި ދިވެހި ސަގާފަތާއި އާދަކާދަތައް ކޮމްޕްރޮމައިސްވާނެ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ޔަގީންކަން އަރުވަން. އަޅުގަނޑުމެން މަގާމުތަކުގައި ތިބެން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ އާންމެއް ނުކުރާނަން. އަޅުގަނޑުމެން މަގާމުތަކުގައި ތިބެގެން މާތްވެގެންވާ އިސްލާމްދީނުގެ ރުކުންތައް ފުނޑުފުނޑުވެގެން ދިއުމުގެ ފުރުސަތު ނުދޭނަން،" އަލީ ވަހީދު ވިދާޅުވިއެވެ.

މިއަދު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ކޮންމެ ސުވާލަކަށް ވަރަށް ސާބިތުކަމާއެކު މިނިސްޓަރު އަލީ ވަހީދު ޖަވާބުދެއްވިއެވެ.

comment ކޮމެންޓް