ލުކާކޫއާއި ޕޮގްބާއަށް ވެސް ހުށައެޅުމެއް އަދި ނާދޭ: ސޮލްޝެޔާ

މެންޗެސްޓާ ޔުނައިޓެޑުގެ ދެ ކުޅުންތެރިން ކަމަށްވާ ޕޯލް ޕޮގްބާއާއި ރޮމެލޫ ލުކާކޫ --- ފޮޓޯ/ އޭޕީ

މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރޯމެލޫ ލުކާކޫއާއި މިޑްފީލްޑަރު ޕޯލް ޕޮގްބާއަށް އެއްވެސް ހުށައެޅުމެއް މިހާތަނަށް އައިސްފައި ނުވާ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޮލްޝެޔާ ބުނެފި އެވެ.

އުމުރުން 26 އަހަރުގެ ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ދާން ބޭނުންވާ ކަމަށް އޭނަގެ އެޖެންޓް މިނޯ ރަޔޯލާ ބުނި ބުނުމާ އެކު ޔޫރޮޕުގެ ބޮޑެތި ބައެއް ކުލަބުތަކުން އަންނަނީ އޭނައަށް ފާރަލަމުންނެވެ. އެގޮތުން ސްޕެއިންގެ ރެއާލް މެޑްރިޑާއި ޕޮގްބާގެ ކުރީގެ ކުލަބު ޔުވެންޓަސްއިން ވެސް އަންނަނީ ޕޮގްބާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ.

ވޭތުވެ ދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުރިމަތިވި ނާކާމިޔާބީއާ އެކު އެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކުޅުންތެރިން ހޯދަމުން އަންނަ އިރު އެ ޓީމަށް މިދިޔަ ސީޒަނުގައި ގުޅުނު ލުކާކޫ ވެސް އެ ޓީމު ދޫކޮށްލާނެ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން ލުކާކޫ އަންނަ ސީޒަނުގައި އިންޓަ މިލާންއަށް ދާން ވަނީ މިހާރު އެއްބަސްވެފަ އެވެ.

ކަން މިހެން އޮތް ނަމަވެސް މި ދެ ކުޅުންތެރިން ވެސް މިހާރު އަންނަނީ މެންޗެސްޓާ ޔުނައިޓެޑުގެ ޕްރި ސީޒަން ފަރިތަކުރުން ތަކުގައި ބައިވެރިވަމުންނެެވެ. އެ ޓީމުގެ ކޯޗު ސޮލްޝަޔާ ވެސް މީގެ ކުރިން މި ދެ ކުޅުންތެރިން ދޫކޮށްލަން ބޭނުން ނުވާ ކަމަށް ބުނެފައިވާ އިރު އޭނާ ބުނީ މިހާތަނަށް އެއްވެސް ކުލަބަކުން އެ ދެ ކުޅުންތެރިންނަށް ބިޑު ކޮށްފައި ނުވާ ކަމަށެވެ.

"ފަހަކަށް އައިސް ޔުނައިޓެޑުގެ ވަރަށް ގިނަ ކުޅުންތެރިންގެ ޓްރާންސްފާއާ ބެހޭ ގޮތުން އަންނަނީ އެކި އެކި ޔޯލަ ވާހަކަތަކެއް ފެތުރެމުން،" ސޮލްޝަޔާ ބުންޏެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި އެއީ ހަމަ ދެކެވޭ ހަގީގަތެއް ނެތް ވާހަކަތަކެއް. އެއްވެސް ކުޅުންތެރިޔަކު އަދި ކުލަބު ދޫކުރާން ނިންމި ވާހަކައެއް ހިއްސާކޮށްފައެއް ނުވޭ،"

ސޮލްޝަޔާ ބުނީ މީޑިއާ ތަކުން ޔުނައިޓެޑާއި ޕޮގްބާއާ ދެމެދުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މީޑިއާއިން ޕޮގްބާއާ ދެކޮޅަށް އެޖެންޑާއެއް ގެންގުޅޭކަން ވެސް ސޮލްޝަޔާ ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން ޕޮގްބާއަށާއި ލުކާކޫ އަކީ ޓީމަށް ވަރަށް މުހިއްމު ދެ ކުޅުންތެރިން ކަމަށާއި އޭގެން އެއްވެސް ކުޅުންތެރިއަކަށް އެހެން ކުލަބަކުން ހުށައެޅުމެއް މިހާތަނަށް އައިސްފައި ނުވާ ކަމަށް ވެސް ކޯޗު ވަނީ ބުނެފަ އެވެ.

comment ކޮމެންޓް