ގަން އެއާޕޯޓްގެ ފީތައް ބޮޑުވެ މޯލްޑިވިއަންއަށް ގޮންޖެހުން

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮލޮމްބޯއަށް ފުރުމަށް ޗެކްއިން ކިއުގައި ފަސިންޖަރުންތަކެއް -- ސަން ފޮޓޯ/ މާހިލް މުހައްމަދު

ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސީޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ގައުމީ އެއާލައިން، މޯލްޑިވައަން އަތުން ނަގާ ފީ ތިން ގުނަ ބޮޑު ކަމަށް އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީއަށް އައިއޭއެސްގެ އިސްވެރިން އިއްޔެ ހާޒިރު ކުރި އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ކިނބިދޫ ދާއިރާ މެމްބަރު، މުހައްމަދު ނާޝިޒް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިއައިއޭގެ އެމްޑީ ރިޒްވީ ވިދާޅުވީ، މޯލްޑިވިއަން އަތުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުން ނަގާ ފީ އެހެން އެއާޕޯޓުތަކުން ނަގާ ފީ އަށް ވުރެ އަގު ބޮޑު ކަމަށެވެ. އެގޮތަށް އަގުތައް ބޮޑު ކޮށްފައިވަނީ އެ އެއާޕޯޓު ތަރައްގީ ކުރުމަށް ކުރި އިންވެސްޓްމަންޓްގެ ސަބަބުން ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"އެއާލައިންއެއްގެ ޗެކިން ސިސްޓަމް، އާންމުކޮށް އިންޓަނޭޝަނަލީ ނުވަތަ ޑޮމެސްޓިކަލީ ފުލައިޓަކަށް ނަގާ ފީ ކުޑަ ވަނެ. ނަމަވެސް ގަން އެއާޕޯޓުގައި އިންވެސްޓްމަންޓްއެއް ހެދިއޭ ކިޔާފައި، އޭގެ ތިން ގުނަ ޗާޖަށް މިހާރު އަރާފައި،" ރިޒްވީ ވިދާޅުވި އެވެ. "ގަން އެއާޕޯޓަށް [އެއާޕޯޓު ހިންގާ ކުންފުނިން] އިންވެސްޓްމަންޓެއް ކޮށްފައި، އޭގެ ރިޓާން އޮފް އިންވެސްޓްމަންޓް ހަދަން ޖެހޭނީ އައިލެންޑް އޭވިއޭޝަން އަތަކުން ނޫން،"

ކޮމިޓީގެ ބައްދަލުވުމުގައި އައިއައިއޭގެ އެމްޑީ ރިޒްވީ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފާޔާޒު މޫސާ

ރިޒްވީ ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށާއި ނަމަވެސް އޭގެ ބުރަ ހަމައެކަނި އައިލެންޑް އޭވިއޭޝަނަށް އެކަނި ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ފީ އަގު ބޮޑުވަނީ ހަމަ އެކަނި އައިއޭއެސް އަށް އެކަނި ކަމަށް ރިޒްވީ ވިދާޅުވި އެވެ.

"އިންވެސްޓްމަންޓަށް 40 މިލިއަން ޑޮލަރު ނުވަތަ 50 މިލިއަން ޑޮލަރު [618 - 773 މިލިއަން ރުފިޔާ] ހަރަދު ކޮށްފައި އައިލެންޑް އޭވިއޭޝަން އިން ނޫނޭ އެ ފައިސާ އަތުލާނީ، އިންވެސްޓްމަންޓް ކަވާ ކުރަން. އެހެންވާނަމަ، އެއާޕޯޓަށް އަންނަ އެހެނިހެން އެއާލައިންތަކަށް ވެސް އެ ރޭޓްގައި ޗާޖް ކުރެވެން ޖެހޭނެ،" ރިޒްވީ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވީ، އެއާޕޯޓަށް ކުރި އިންވެސްޓްމަންޓަށް ފަހު، މިހާރު ގަން އެއާޕޯޓަށް ދައްކަން ޖެހޭ ފީ، 12،000 ޑޮލަރު (185,400 ރުފިޔާ) އަރާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ކުރިން މަހަކު ގަން އެއާޕޯޓަށް ދައްކަންޖެހެނީ 2،000 ޑޮލަރު (30,900 ރުފިޔާ) އެވެ. ރިޒްވީ އެގޮތަށް ވިދާޅުވި ނަމަވެސް އެއީ ކޮން ފީ އެއް ކަމެއް ފީއާ ގުޅޭ މާ ބޮޑު ތަފްސީލެއް ނުދެއްވަ އެވެ.

ކުންފުނިން ގަބޫލު ނުކުރެވޭ ފީއެއް ގަން އެއާޕޯޓުން ނަގަމުންދާތީވެ، އެކަމާ ގުޅޭގޮތުން އެކުންފުންޏާއެކު ވާހަކަ ދެއްކަމުންދާ ކަމަށް ރިޒްވީ ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރިޒްވީ ވިދާޅުވީ، ވާދަވެރި އެއާލައިންތަކުން ހުރިހާ މަންޒިލްތައްކަށް ދަތުރު ނުކުރާއިރު، ގެއްލުންވި ކަމުގައި ވިޔަސް މޯލްޑިވިއަން އަކީ ގައުމީ އެއާލައިނަށް ވުމުން ރާއްޖޭގެ ހުރިހާ އެއާޕޯޓުތަކަށް ދަތުރު ކުރާނެ ކަމަށެވެ.

"އީދު ޗުއްޓީ ނުވަތަ ބަންދު ދުވަސްތަކަށް [ބައެއް އެއާލައިންތަކުން ދަތުރު ކުރާނެ]. އަޅުގަނޑުމެންނަކީ އެކަން ކުރެވޭނެ ބައެއް ނޫން. ގައުމީ އެއާލައިން ވުމުން ފޯރުކޮށްދޭން ޖެހޭ ޝޯޝަލް މެންޑޭޓެއްގެ ދަށުން އެއް ވަރަކަށް ފުލައިޓްތަކެއް ބަހައްޓަން ޖެހޭ. ބައެއް ބޭފުޅުންނަކީ އަމިއްލައަށް ގުރޫޕުގައި ރިސޯޓްތަކެއް އޯން ކުރާތީ އެ ތަންތަނަށް ދަތުރު ކުރާ ބައެއް. އަޅުގަނޑުމެންނަކީ ހުރިހާ ތަނެއް ކަވާ ކުރާ ބައެއް. ބައެއް ސެކްޓާސްތަކަކީ ހަމަ ލޮސް މޭކިން ސެކްޓާތަކަކަށް ވީނަމަވެސް [މޯލްޑިވިއަންގެ] ކޮންޓިނިއު އޮޕަރޭޝަންތައް އެބަދޭ. އެނޫން ގޮތަކަށް ރާއްޖޭގެ މޫވްމަންޓްތައް ޑިވަލޮމްވެގެން ނާންނާނެ،" ރިޒްވީ ވިދާޅުވި އެވެ.

comment ކޮމެންޓް