ލުތުފީގެ އެހާރާއި މިހާރު: ގަބޫލު ކުރަން ވެސް ދަތި!

ހ. ހާޖަރާގޭ، އަބްދުﷲ ލުތުފީ: 30 އަހަރު ފަހުން އޭނާ އާންމުންގެ ލޮލަށް ފެނުނުރިއު ހުރީ ވަރަށް ބޮޑަށް ބަދަލުވެފައި ---

ފަހުގެ ތާރީހެއްގައި ރާއްޖެއަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގެ އަބްދުﷲ ލުތުފީ ބޭސްފަރުވާއަށް 2010 ވަނަ އަހަރު ރާއްޖެއިން ބޭރަށް ގޮސް ފިލާފައިވަނިކޮށް އޭގެ ނުވަ އަހަރު ފަހުން މިވަނީ އަނބުރާ ރާއްޖެ ގެނައިސްފަ އެވެ.

ލުތުފީ ރޭ ރާއްޖެ ގެނައިސްފައިވާއިރު އޭނާ ހުޅުލޭ އެއާޕޯޓުން ނިކުމެގެން ފުލުހުންގެ ވެހިކަލަށް އެރުމާއި ހަމައަށް ބައެއް ޓީވީ ޗެނަލްތަކުންނާއި އާންމުން އައީ އެ މަންޒަރު ލައިވް ކޮށް ދުރަށް ދައްކަމުންނެވެ. ނޫސްތަކުން ލުތުފީގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލި އެވެ.

ނުވަ އަހަރަށްފަހު ލުތުފީ ރޭ ރާއްޖެ ގެނައި އިރު މީގެ 30 އަހަރު ކުރިން އޭނާ ހުރި ގޮތާއި 2012 ވަނަ އަހަރު އާންމުކުރި އޭނާގެ ފޮޓޯއާއި މިރޭ މާލެ ގެނައިއިރު، އޭނާ ހުރި ގޮތާ ހާސް ބައި ތަފާތެވެ. ލުތުފީގެ ސިފަޔަށް އައިސްފައި ހުރި ބޮޑު ބަދަލާ މެދު ބޮޑު ބަހުސެއް އޮތްއިރު އެއީ އޭނާ ނޫން ކަމަށް ވެސް އެއް ބަޔަކު ބުނަން ފަށައިފި އެވެ.

ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ހޯމް މިނިސްޓްރީގް ސްޓޭޓް މިނިސްޓަރުކަން ކޮށްފައިވާ އަހުމަދު ސިއްދީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލުތުފީ މާލެ ގެނައިކަމަށް ބުނެ، ގެނައީ ލުތުފީ ނޫން ކަމަށް ބުނާނެ ފުރުސަތު އޮތް ކަމަށެވެ. އެއާ އެކު، މި ބަހުސެއް މިވީ އަދި މާ ބޮޑު މަޖާގަނޑަކާއި ޖޯކަކަށެވެ.

އެއް ބަޔަކު ބުނީ، ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް އީޖާދުކުރި "ފޭސް ރިކޮގްނިޝަން ސިސްޓަމް" ގެ އެހީގައި، ރޭ ރާއްޖެ ގެނައީ ލުތުފީ ކަން ނުވަތު ނޫންކަން ކަށަވަރު ކޮށްދޭން އެދޭ ކަމަށެވެ. އެ ނޫން ގޮތަކަށް އެއީ ލުތުފީކަން ގަބޫލުކުރަން ވެސް ބޭނުން ނޫން މީހުން ތިއްބެވެ.

ލުތުފީ ރާއްޖެއިން ފިލައިގެން ގޮސް މި އުޅުނު ނުވަ އަހަރުގެ ތެރޭގައި ފިލައިގެން އުޅެން ފަސޭހައަކަށް ލުތުފީ މޫނުމަތީގެ ސާޖަރީއެއް ހަދާފައިވާ ކަމަށް ވެސް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އޭނާ އުޅުނީ ސިފަ ވެސް ބަދަލުކޮށްގެން "ޒާން"ގެ ނަމުގައި މުޅިން ލަންކާ މީހަކަށް ވެގެން އެވެ. އެހެންވެ، އެއްބަޔަކު މިހާރު އަހަނީ އެއީ ހަމަ ލުތުފީ ހެއްޔެވެ؟

ލުތުފީގެ ސިފައަށް މިހާރު އައިސްފައި މި ހުރި ބޮޑު ބަދަލު އެއް ފަރާތެއްގައި ބާއްވާފައި، 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ނާކާމިޔާބުވުމުން ރާއްޖެ ދޫކޮށް ފިލަން ދަނިކޮށް ލުތުފީ ހައްޔަރުކޮށްގެން މާލެ ގެނައި ދުވަހާއި އޭގެ ފަހުން މިއަދު އޭނާ އަނބުރާ ރާއްޖެ ގެނައި އިރު ހުރި ގޮތް ވެސް ހާސްބައި ތަފާތެވެ. އެދުވަހު ހުރީ މުންޑެއް އަނދެލައިގެން މުށި ގަމީހެއް ލައިފަ އެވެ. ލައިގެން ހުރި ގަމީސް ހޭވި މޭމަތީ ދެގޮށް ހުރީ ނެއްޓިފަ އެވެ.

އަތްފައިގައި ބިޑި އަޅުވައިގެން ހަތިޔާރު އެޅި ސިފައިން އޭނާ ވަށާލައިގެން ތިބެ، އެ ދުވަހު ލުތުފީ މާލޭގެ މަގުތަކުގައި ހިންގުވާފައި ގެނައިރު މޫނު މަތިން ފެންނަން ހުރީ ހާސްކަމާއި ނުތަނަވަސް ކަމުގެ އަސަރެވެ. އެހެން ނަމަވެސް 70 އަހަރުގެ ލުތުފީ އިއްޔެ މާލެ ގެނައިރު މޫނު މަތިން ފެންނަން ހުރީ އުފާވެރިކަމާއި ހިތް ހަމަ ޖެހުމުގެ އަސަރުތަކެވެ.

ދެ ދުވަހު ވެސް އެއް ކަމެއް ފާހަގަވި އެވެ. އެއީ އެ ހަމަލާއާ ގުޅިގެން އޭނާ ހައްޔަރު ކޮށްގެން ގެނައި އިރު ވެސް، އާންމުންގެ ފަރާތުން ގޮވިި އެއްޗިއްސާއި ފުރައްސާރައަށް އެއްވެސް ޖަވާބެއް އޭނާ ނުދެ އެވެ. ރޭ ވެސް އެއާޕޯޓް އެރައިވަލްގައި އޭނާ ވަށާލައިގެން ނޫސްވެރިން އުޅުނު އިރު، އޭނާގެ އަގައިން ބަހެއް ނުނިކުމެ އެވެ.

ލުތުފީގެ އުމުރުން 70 އަށް ގޮސްފައިވާ އިރު، އޭނާގެ ސްމާޓްކަން ފެނި އެހާރާއި މިހާރު ގަބޫލު ކުރަން ގިނަ ފަރާތްތަކަކަށް ވަރަށް ވެސް ދައްޗެވެ. އެކަމަކު އެއީ ހަމަ ލުތުފީ އެވެ.

comment ކޮމެންޓް