ހާޖަރާގޭ ލުތުފީ ރާއްޖެ ގެނެސްފި

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެސްފައި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ތިނެއް ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ވަނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ސްރީލަންކާގައި ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެސްފިއެވެ.

އެމިރޭޓްސްގެ އީކޭ-653 ފްލައިޓުން ލުތުފީ މާލެ ގެނެސްފައި ވަނީ މިރޭ 9:30 އެހައިކަންހާއިރުއެވެ.

މާލެ ގެނައިއިރު، ލުތުފީގެ މޫނުން ފެންނަނީ ހިނިތުންވުމެވެ. މާލެ ގެނައުމަށްފަހު ފުލުހުންގެ ކާރެއްގައި އޭނާ ވަނީ ޝަހީދު ހުސައިން އާދަމް ބިލްޑިންގ އަށް ވައްދާފައެވެ.

އުމުރަށް ޖަލަށް ހުކުމްކޮށްފައިވާ ލުތުފީ، ބޭސްފަރުވާއަށް ރާއްޖެ ފޮނުވާލީ، 2010 ވަނަ އަހަރުގެ ޖެނުއަރީ 16 ގައެވެ. އެފަހުން ލުތުފީ ފިލައިގެން ދިރިއުޅެމުން އަންނަނީ ލަންކާގައެވެ. ލުތުފީ ހޯދައި ހައްޔަރުކޮށް އޭނާގެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް 2012 ވަނަ އަހަރުގެ މާޗް މަސްތެރޭ ކުރިމިނަލް ކޯޓުން އަމުރެއް ވެސް ވަނީ ކޮށްފައިވެ އެވެ. އޭގެ ފަހުން ފުލުހުން ވަނީ ލުތުފީ ހޯދަން އިންޓަޕޮލް މެދުވެރިކޮށް ނޯޓިސް ވެސް ނެރެފަ އެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ އެބަހުރި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިތާ ދުވަސްކޮޅެއް ފަހުން މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ފުލުހުން ވަނީ އެމްބަސީގައި ހުއްޓާ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުނެފައެވެ.

ފުލުހުން ބުނީ ލުތުފީ އެމްބަސީއަށް ދިޔައީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ.

comment ކޮމެންޓް