އަގު އަތުލާން ވާނީ އެވެރިން އަތުން

ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލު ނުކުރެވިގެން ފުރޮޅާލާފައި-- ފޮޓޯ: ޝަފީއު

މީގެ ކުރިން އަޅުގަނޑު ލިޔުނު ކޮލަމެއްގައި، ނުރައްކައުތެރިކޮށް، މަގުމަތީގައި ހިނގައިބިނގައި ވެއުޅޭ މީހުންނާއި، އެއްޗެތި ދުއްވާ އެހެން މީހުންގެ ސަލާމަތަށް ވިސްނުމެއް ނެތި، މާ ބާރަށް ނުވަތަ އެނޫން ވިޔަސް ފަރުވާތެރިކަމެއް ނެތި ދުއްވާ "މަގުމަތީގެ ޓެރަރިސްޓުން" ނާ ބެހޭ ގޮތުން ބައެއް ވާހަކަތައް ލިޔުނީމެވެ. މި ފަހަރު ވެސް އޮތީ މަގުމަތީގެ ޓެރަރިސްޓުންނާ ބެހޭ ވާހަކައެކެވެ. ކުރީގެ ކޮލަމުގައި އިޝާރާތް ކޮށްނުލާ ކަމެއްގެ ވާހަކައެވެ.

މި ފަހަރު ދައްކާން އޮތް ވާހަކަޔަކީ، އެހެން މީހުންނަށް ލިބިދާނެ ހާނީއްކަޔަށް ނުވަތަ ގެއްލުމަކަށް ނުބަލައި، ފަރުވާލެއް ނެތި، މާ ބާރަށް، ނުވަތަ ހަރުފައެއް ހެން ގުދުގުދު ލައްވަމުން، ގޮތެއް ނުބަލައި އެހެން އުޅަނދުފަހަރު ފަސްދީ ކުރިއަރަމުން، ނުރައްކައުތެރިކޮށް ދުއްވުމުގެ ސަބަބުން ހިނގާ މަގުމަތީގެ އެކްސިޑެންޓްތަކުގައި އާއްމު މުދަލަށް ލިބޭ ގެއްލުންތަކުގެ ވާހަކައެވެ. މި މައްސަލަ އެންމެ ބޮޑަށް ފާހަގަ ކުރެވެނީ، މާލެއިން ހުޅުމާލެއަށް ދާން އޮންނަ ހައިވޭގައި ވެއަތުވެދިޔަ ދުވަސްތަކުގައި ހިނގައިފައި ހުރި އެކްސިޑެންޓްތަކަށް ބަލައިލުމުންނެވެ. މި ދިޔަ އަހަރުގެ ފަހުކޮޅު، ސިނަމާލެ ފާލަންމަގާއި މި ދެންނެވި ހައިވޭ ބޭނުން ކުރާން ފެށީއްސުރެ، ދޭތެރެދޭތެރެއިން އެފަދަ އެކްސިޑެންޓެއްގެ ވާހަކަ ޚަބަރުތަކުން ފެނެއެވެ. އެފަދަ ކޮންމެ ޚަބަރަކުން ވެސް ފެންނަ އެއް ވާހަކަޔަކީ، ހައިވޭގައި ހުންނަ ރޯޑް ޑިވައިޑަރުތައް ހަލާކު ވާ ވާހަކަޔާއި، މަގުގެ ދެ ފަރާތުގައި ޖަހައިފައި ހުންނަ ދަގަނޑު ފެންސް ބަނޑިބަނޑިވެ، އެޔަށް އެކި ވަރުވަރުގެ ގެއްލުންތައް ލިބޭ ވާހަކައެވެ.

އަވަސް ކަޅިއަކުން މި ދިޔަ ހައެއްކަ މަސް ދުވަހުގެ ޚަބަރުތަކަށް ބެލި ނަމަވެސް، މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ޕިކަޕަކުން ޖެހި، ޑިވައިޑަރުތަކުގެ އެތައް އެއްޗެއް ފުނޑުފުނޑު ވެގެން ދިޔައެވެ. މާރިޗު މަހުގެ ތެރޭގައި ޓެކްސީ ކާރަކުން ޖެހި، ޑިވައިޑަރުތައް ހަލާކު ވިއެވެ. މެއި މަހުގެ ތެރޭގައި ހަމަ އެފަދަ އެހެން ހާދިސާއެއް ހިނގީ ވޭނެއް އެކްސިޑެންޓް ވެގެންނެވެ. ދެން އައީ ޑިވައިޑަރުތައް ފުނޑުފުނޑު ކޮށްލައިފައި ފިލި ކާރެއްގެ ވާހަކައެވެ.

އާއްމު ރައްޔިތުންގެ ފައިދާޔަށް ޓަކައި، ދައުލަތުގެ ފަރާތުން ތަރައްގީ ކޮށްފައި ހުންނަ އުމްރާނީ އޮނިގަނޑާއި އޭގެ ބައިތަކަކީ އާއްމު މުދަލެވެ. ހުރިހާ ރައްޔިތުންގެ މުދަލެވެ. ގައުމުގެ މުދަލެވެ. މަގުތަކާއި މަގުތަކުގައި ހުންނަ މަގުބައްތިޔާއި، ފެންސާއި، ޑިވައިޑަރު ފަދަ ތަކެއްޗެވެ. ޕާކުތަކާއި ކުޅިވަރު ކުޅޭ ތަންތަނެވެ. ބަނދަރުތައް ފަދަ ތަންތަނެވެ. މި ތަންތަން ހަދައިފައި ހުންނަނީ ރައްޔިތުންގެ ވާރު ފައިސާއިން އެތައް މިލިއަނެއް ޚަރަދު ކޮށްގެންނެވެ. ހެދުމަށް ފަހު، އެ ތަކެތި މަރާމާތުކޮށް ބަލަހައްޓަނީ ވެސް ކޮންމެ އަހަރަކު ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނެއް ޚަރަދު ކޮށްގެންނެވެ. އެއީ ވައި ޖެހުމުން، އަމިއްލަޔަށް ބިމުން ނުކުމެގެން އުފެދި ގާއިމު ވެފައި ހުންނަ ތަކެއްޗެއް ނޫނެވެ. އެހެންކަމުން، އެ ތަކެއްޗާ މެދު ރައްކައުތެރި ވުމާއި، އެ ތަކެތީގެ ބޭނުން ކުރުމުގައި ތިމާގެ ހައްގުގެ ފައިދާ ލިބިގަންނަ އިރު އެހެން ރައްޔިތުންގެ ހައްގު ވެސް އޭގައި ވާކަން ދަނެ ފަރުވާތެރި ވުމާއި، އެ ތަކެއްޗަށް ގަސްތުގައި ވިޔަސް އަދި އިހުމާލުން ވިޔަސް ގެއްލުން ނުދިނުމަކީ ކޮންމެ މީހެއްގެ ފަރުދީ ވާޖިބެކެވެ.

ގައުމުގެ އުމްރާނީ އޮނިގަނޑާއި، އެ އޮނިގަނޑުގައި ހިމެނޭ އާއްމު މުދަލަށް ގެއްލުން ދިނުމަކީ އިންތިހާ ދަރަޖައިގެ ނާތަހުޒީބު އަމަލެކެވެ. އެފަދަ ކަންކަމަށް އަދަބު ދެވެން ވާނެއެވެ. ގަސްތުގައި ކުރިޔަސް، ފަރުވާ ކުޑަކަމުން ނުވަތަ އިހުމާލުން ކުރިޔަސް ވެހެވެ. ކުރި އަރައިފައިވާ މުޖުތަމައުތަކުގައި އަމަލު ކުރާ ގޮތަކީ ވެސް އެޔެވެ.

އެހެންކަމުން، އެއްކަލަ މަގުމަތީގެ ޓެރަރިސްޓުން، ބޮޑާކަމާއި ކިބުރުވެރިކަމާ އެކު، ތެޅެމުން ފޮޅެމުން މަގުމަތީގައި އެއްޗެތި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތަކުގައި ޕަބްލިކް ޕްރޮޕަރޓީއަށް ގެއްލުން ލިބުމުން، އެ ގެއްލުން މަރާމާތު ކުރުމަކީ ރައްޔިތުންގެ ބޮލަށް ޖެހޭ ބުރަޔަކަށް ވެގެން ނުވާނެއެވެ. މިހާރުވެސް ހުޅުމާލޭ ހައިވޭގެ އެއްކޮޅުން އަނެއް ކޮޅަށް ދުއްވާ އިރު، ޑިވައިޑަރުތައް ހަލާކު ވެފައި އެހެރީއެވެ. މަގުގެ އެއް ކައިރީގައި ހުންނަ ފެންސުގެ އެތައް ހިސާބަކުން، އެކްސިޑެންޓް ވާ އުޅަނދުތަކުން ޖެހި ބަނޑިބަނޑި ވެފައި ހުރި ތަންތަން އެހެރީއެވެ. އެ ތަންތަން މަރާމާތު ކޮށް، އަލުން ހެދުމަށް ޓަކައި އެތައް ލައްކަ ރުފިޔާއެއް ޚަރަދު ކުރާން ވީ ހަމަ ރައްޔިތުންގެ ފައިސާއިންތޯއެވެ؟ މަގުމަތީގައި ދުއްވާ އިރު، ގާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ، އެހެން މީހުންނާއި ޕަބްލިކް ޕްރޮޕަރޓީގެ ރައްކައުތެރިކަމަށް ވިސްނައިގެން، ސަމާލުކަމާއެކު ދުއްވާ ރައްޔިތުންގެ ވާރު ފައިސާއިންތޯއެވެ؟

އެހެން ވެގެން ނުވާނެއެވެ. އެއީ އިންސާފެއް ނޫނެވެ. އެއީ ބުއްދި ގަބޫލު ކުރާ ގޮތެއް ވެސް ނޫނެވެ.

ނުރައްކައުތެރިކޮށް، ހިސާބަށް ވުރެ ބާރު ދުވެލީގައި، ނުވަތަ އިހުމާލުވުން ކަމަށް ވާ ގޮތެއްގައި މަގުމަތީގައި އުޅަނދެއް ދުއްވުމުގެ ސަބަބުން އެކްސިޑެންޓެއް ހިނގައި، ޕަބްލިކް ޕްރޮޕަރޓީއަކަށް ގެއްލުން ވެއްޖެ ނަމަ، ހަލާކުވި އެއްޗެއް ނުވަތަ ތަނެއް މަރާމާތު ކުރުމަށް ޓަކައި ހިނގާ ޚަރަދު އެ މީހެއްގެ އަތުން އަތުލާންވީއެވެ. އެއްފަހަރާ ފައިސާ ދެއްކޭވަރުގެ ތަނަވަސް މީހުންގެ އަތުން އެއްފަހަރާ ފައިސާ އަތުލާންވީއެވެ. އެ ނޫން މީހުން ކޮންމެ މަހަކު ވަކި ވަރެއް ދައްކަމުން ގެންގޮސް ޚަލާސް ކުރާ އުސޫލުންނެވެ.

ކޮންމެ ކަމެއް ވަރިހަމަ، ކޮންމެ ގޮތެއް އޯކޭ، އެމީހަކު އުޅޭނެ ގޮތަކަށް އެމީހަކު އުޅޭން، އެމީހަކު ހިތަށް އެރި ގޮތަކަށް އެމީހަކު ކަން ކުރާން، މި އުސޫލު ދޫކޮށްލާން ވެއްޖެއެވެ. މި އުސޫލު ދެމިއޮވެއްޖެ ނަމަ، މަގުމަތީގެ ޑިވައިޑަރުތަކާއި މަގުބައްތިޔާއި މިހެން ގޮސް މިފަދަ ޕަބްލިކް ޕްރޮޕަރޓީތައް ހަލާކު ވެގެން، ރައްޔިތުންގެ ފައިސާއިން އެ ތަކެއްޗާއި ތަންތަން މަރާމާތު ކުރުމަށް ޚަރަދު ކުރާ ކުރުމަށް ވުރެ މައްޗަށް ކަންތައްތައް ހިނގައިދާނެއެވެ. މުޅި މުޖުތަމައާއި، މުޅި ގައުމާއި، މުޅި ދައުލަތަކީ ވެސް "ލޯވލެސް" ބަރުބަރީންގެ މައްޗަށް އެކުލެވޭ "ޖަންގަލީގެ ގާނޫނު"ގެ ހާއްޔަކަށް ވެދާނެއެވެ.

comment ކޮމެންޓް