ހިއްސާދާރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަހާޖައްރާފު

މިރޭ ހޮޓަލްޖެން ގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ރޭ ބޭއްވިއިރު، ހިއްސާދާރުންގެ ކަންބޮޑުވުންތައް ބޮޑެވެ. ކުންފުންޏަށް ލިބުނު ފައިދާ ރެކޯޑް އަދަދަކުން ދަށްވެ، ހިއްސާދާރުން ތިބެން ޖެހުނީ ހުސްއަތާ އެވެ. އެ ހުރިހާ ކަންބޮޑުވުންތަކުގެ ތެރެއިން އެންމެ އަޑުގަދަވެ، އަދި ތަކުރާރުވި ކަންބޮޑުވުމަކީ އެ ކުންފުނީގެ ކޮންނަ ބޯޓް، މަހާޖައްރާފާމެދު އެ ކުންފުނީގެ ހިއްސާދާރުން ކަންބޮޑުވުންތަކެވެ.

މަހާޖައްރާފަކީ 36 މިލިއަން ޑޮލަރު ހޭދަކޮށްގެން އެމްޓީސީސީ އަށް ގެނައި ކޮންނަބޯޓެކެވެ. އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ބިންހިއްކުމުގެ ދާއިރާއިން މިދިޔަ އަހަރު އެކުންފުންޏަށް ގެއްލުންވެފައިވާ ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވެ، ހަރަދާ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުން ކަމަށެވެ.

މަހާޖައްރާފުގެ މައްސަލާގައި ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އާންމު ހިއްސާދާރުން ވަނީ ޑިރެކްޓަރުންނާ ސުވާލުތަކެއް ކުރިމަތި ކޮށްފަ އެވެ.

އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރި އެއްކަމަކީ މަހާޖައްރާފަކީ ރާއްޖެއިން ބޭރުގައި ރެޖިސްޓްރީކޮށްފައިވާ، އެމްޓީީސީސީ އިން ބޮޑު ލޯނެއް ނަގައިގެން ބަނދެފައިވާ އުޅަނދަކަށްވުމެވެ. އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މަހާޖައްރާފު ރެޖިސްޓްރީކޮށްފައިވަނީ މާޝަލް އައިލެންޑްސްގައި ކަމަށާއި އެއީ އެ އުޅަނދުބަނުމަށް ފައިނޭންސް ކުރި ކުންފުނީގެ އެދުމުގެ މަތިން ކޮށްފައިވާ ކަމެއް ކަމަށެވެ.

މަހާޖައްރާފަކީ ލޯނެއް ނަގައިގެން ބަނދެފައިވާ އެއްޗަކަށްވާތީ، ލޯނު އަދާކޮށް ނިމުމުން ނޫނީ މަހާޖައްރާފު އެމްޓީސީސީގެ މައްޗަށް އޭގެ ރެޖިސްޓްރީ ބަދަލުނުކުރެވޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

މަހާޖައްރާފު ބަނުމުގައި ކޮރަޕްޝަންގެ އަމަލުތައް އުޅޭކަމަށް ބުނެ ހިއްސާދާރަކު ވަނީ މިނިވަން ކޮމެޓީއަކުން އެ މައްސަލަ ބެލުމަށްވެސް ގޮވާލައިފައެވެ. އަދި އެ މައްސަލާގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު މީގެ ކުރިންވިދާޅުވީ މަހާޖައްރާފުން ފައިދާ ނެރެވިދާނެ ކަމަށެވެ. ޝާހު ވިދާޅުވީ މަހާޖައްރާފު ފަދަ ބޮޑު އެސެޓެއް އޮތުން ރާއްޖެއަށް މުހިންމު ކަމަށާއި އެހެން ނޫންނަމަ ބިން ހިއްކުމުގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން ހަވާލުކުރަން ޖެހޭނީ ބޭރުގެ ބޮޑެތި ކުންފުނިތަކަށް ކަމަށެވެ.

މިއަހަރު ބިން ހިއްކުމުގެ ގިނަ މަޝްރޫއުތައް ރޭވިފައިވުމާއެކު މަހާ ޖައްރާފު ބޭނުންކޮށްގެން ހިންގާ މަޝްރޫއުތައް އިތުރުވާނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ. ފާއިތުވި އަހަރު ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތުން ކުންފުންޏަށް ވަނީ 224 މިލިއަން ރުފިޔާ ލިބިފައެވެ. އެއީ ކުންފުނީގެ ޖުމްލަ އަމްދަނީގެ 17.41 ޕަސެންޓެވެ. މި އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 149.32 ޕަސެންޓް އިތުރު އަދަދެއްކަމަށް އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިއަހަރުގެ އަމާޒަކީ މި ދާއިރާއިން 901 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދުން ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް