ފްރާންސުގައި ސައުދީ އަމީރާއެއްގެ ޝަރީއަތް ފަށަނީ

އަމީރާ ހައްސާގެ ބޮޑީގާޑަކު ވަނީ 2016 ވަނަ އަހަރު ޕެރިހުގައި މީހަކަށް އަނިޔާކޮށްފަ -- ފޮޓޯ: އީޕީއޭ

ޕެރިސް (ޖުލައި 9): ސައުދީ އަރަބިއާގެ އަމީރާއެއް ކަމަށްވާ ހައްސާ ބިންތު ސަލްމާންގެ ބޮޑީގާޑަކު ލައްވާ، ފްރާންސުގައި މީހަކަށް އަނިޔާކުރުވި މައްސަލައިގައި އޭނާގެ ޝަރީއަތް މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އަމީރާ ހައްސާގެ މައްޗަށް ކޮށްފައިވާ ދައުވާގައިވާ ގޮތުން، އޭނާގެ ބޮޑީގާޑު ވަނީ 2016 ވަނަ އަހަރު ޕެރިސްގައި ހުންނަ ސަލްމާން ރަސްގެފާނުގެ ގެކޮޅު މަރާމާތުކުރަމުން ދިޔަ އަޝްރަފު އީދު ކިޔާ މީހަކަށް އަނިޔާކޮށްފައެވެ. އަދި އެ އަނިޔާ ކުރީ އެމީހާ ހައްސާގެ ވީޑިއޯއެއް ނެގި ކަމަށް ބުނެ އެވެ.

އަޝްރަފް ބުނި ގޮތުގައި އެ ބޮޑީގާޑު ވަނީ ހައްސާގެ އަމުރަށް، އޭނާގެ ދެ އަތް ބަނދެ، އަނިޔާކޮށް، އަދި ގަދަކަމުން ހައްސާގެ ފައިތިލައިގައި ބޮސްދޭން މަޖުބޫރު ކުރުވާފައެވެ.

އެ މައްސަލައިގައި ހައްސާގެ ބޮޑީގާޑުގެ މައްޗަށް ދައުވާކުރީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އަދި ހައްސާ ހައްޔަރުކުރުމަށް 2017 ވަނަ އަހަރު ބައިނަލްއަގުވާމީ އަމުރެއް ނެރުނެވެ. ނަމަވެސް އޭނާ ހައްޔަރުވެފައި ނުވާތީ ޝަރީއަތް ކުރިއަށްގެންދާނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

އަމީރާ ހައްސާއާއި އޭނާގެ ބޮޑީގާޑުވެސް، ދެ މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކުރެއެވެ.

ސައުދީ ޝާހީ އާއިލާގެ މެމްބަރުންގެ މައްސަލަތައް މީގެ ކުރިންވެސް ފްރާންސުގެ ކޯޓުތަކުން ބަލާފައި ވެއެވެ. އެގޮތުން 2013 ވަނަ އަހަރު އެގައުމުގެ ކޯޓަކުން ވަނީ ސައުދީގެ ކުރީގެ އިންޓީރިއާ މިނިސްޓަރު ނާއިފް ބިން އަބްދުލްއަޒީޒުގެ އަނބިކަނބަލުން، އަމީރާ މަހާ އަލް ސުދައިރީ ފްރާންސުގެ ލަގްޒަރީ ހޮޓަލެއްގެ ބިލްތަކެއް ނުދެއްކެވި މައްސަލަ ބަލާފައެވެ.

އެ ބިލުތަކުގެ ޖުމްލަ 6.7 މިލިއަން ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތަކުގައިވެއެވެ. އޭގެ ސަބަބުން ކޯޓުން ހުކުމް ކުރީ ފްރާންސުގައި ހުންނަ، އެ އަމީރާގެ މުދާތައް ހިފެހެއްޓުމަށެވެ.

comment ކޮމެންޓް