މަޖިލީހަކީ ޔާމީނުގެ ވާހަކަ ދައްކާ ހޮޅުއަށްޓެއް ނޫން!

ރައްޔިތުން މަޖިލީހުގެ ޗެމްބަރުގައި މެންބަރުން -- ފޮޓޯ/ މަޖިލިސް

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށީ އާ އުންމީދުތަކެއް ގެނެސްދެމުން އެވެ. މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގަތުމަށްފަހު ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު، ރައީސް މުހައްމަދު ނަޝީދު ވެސް ވައުދުވެ ވަޑައިގަތީ، 19 ވަނަ މަޖިލީހަކީ އެންމެ ބުރަ އަދި މަސައްކަތްތެރި މަޖިލީހަށް ހައްދަވައިދެއްވުމަށެވެ.

އެމްޑީޕީއިން ވައުދުވީ ގޮތަށް މަޖިލިސް 19 ތަފާތެވެ. ސަރުކާރުން ފޮނުވާ ބިލްތަކަށް ވެސް އުފެއްދުންތެރި ބަހުސްތައް ތަޅުމުގައި އެބަ ހިނގަ އެވެ. ކޮމިޓީ މަރުހަލާގައި މައްސަލަތަކުގެ ފުނަށް ގޮސް ކަންކަން ދިރާސާކުރެ އެވެ. އެއީ ވަރަށް ވެސް އުފެއްދުުންތެރި ހެޔޮ ބަދަލެކެވެ.

އެކަމަކު، މިތަފާތުތަކާ އެކުވެސް ކަމަކުން ކަމަކަށް ނުވާ ކަމެއްގައި ގަރާރުތަކާއި ކުއްލި މައްސަލަތައް ހުށަހަޅައި މަޖިލީހުން ވަގުތުތައް ބޭކާރުކޮށްލުމުގެ މަންޒަރެއް ވެސް އެބަ ފެނެ އެވެ. އެއް ބަޔަކު ދެކޭ ގޮތުން އެ މަގަށް މަޖިލީހުގެ ދުވަހުގެ މަސައްކަތްތަކުގެ ބޮޑު ބައެއް ދަނީ ޒާތީވެގެން އެވެ. ބައެއް ފަހަރަށް ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމުގެ ބަދަލުގައި ފެންނަނީ ކުރީގެ ސަރުކާރުގެ ކުށް ދައްކައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވާހަކައިން ނޭރިގެން އުޅޭތަން ކަމަށް ބުނާ ހިޔާލުތައް އެބަ އޮތެވެ. ތެދެކެވެ! ގަރާރުތަކާއި ކުއްލި މައްސަލަތައް ވެސް މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަން ވާނެ އެވެ. އެކަމަކު ކޮންމެ ކަމަކަށް ގަރާރަކާއި ކުއްލި މައްސަލައެއް ހުށަހަޅައި މަޖިލީހުގެ ވަގުތުތައް ދުއްވާލަން ޖެހޭ ހެއްޔެވެ؟

މަޖިލީހުގައި ބަހުސް މަރުހަލާއިން ވަރަށް ގިނަ ފަހަރަށް މިފަހުން ފެންނަނީ "ޔާމީން"ގެ ގޮވެލިފައްޗެވެ. ބިލުތަކާ ގުޅޭގޮތުން ވާހަކަ ދައްކައި، އިސްލާހުތަކެއް ހުށަހެޅުމަށް ވުރެ ބޮޑަށް ގިނަ މެމްބަރުން އިސްކަން ދެއްވަނީ ރައީސް ޔާމީންއަށް ބަވާލުމަށެވެ.

އެއް ކަމެއްގައި އަބަދު އެކެއްގެ ފަހަތުން ދުވަން ނުޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވީ މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގަ އެވެ. ނަމަވެސް މެމްބަރުންނަށް މި އުޅެނީ ހުރިހާ ކަމެއްގައި ވެސް އެކެއްގެ ފަހަތުން ނުނެއްޓެވިގެންނެވެ. އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު، މުހައްމަދު ނިހާދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިން އެކަން ވަރަށް ރަނގަޅަށް ސާފުވެ އެވެ.

ނިހާދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި އެއްވުމެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކާ ގުޅިގެން އެވެ. އެކަމަކަށް މަޖިލީހުގެ މަސައްކަތުގެ ގިނަ ވަގުތުތަކެއް ދުއްވާލީ އެވެ. ރައްޔިތުން މަޖިލީހަށް މައްސަލައަކަށްވީ މިހާރު އާރެއް ބާރެއް ނެތް، ރައީސް ޔާމީންއަށް ދުވަހެއްގެ ކޮޅުން ވެރިކަން ލިބިއްޖެނަމަ މިހާރުގެ ސަރުކާރުން އެހެން ގައުމުތަކާއެެކު ހަދާ ހުރިހާ އެގްރިމެންޓުތައް އެފުށް މިފުށަށް ޖަހާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމެވެ.

މަގުބޫލު ކަމެއް ވެސް މިހާރު ނެތް ސިޔާސީ ޕާޓީއެއްގެ ލީޑަރު، މަސްތަކެއް ވަންދެން ފިއްލަވައި އޮންނެވުމަށްފަހު ނިކުމެވަޑައިގެން ދެއްކެވި ވާހަކައެއްގެ ސަބަބުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅަން ޖެހޭ ހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ފަދަ މައްސަލައަކަށް ވާން ޖެހޭނެ އެވެ. އެކަމަކު ރައީސް ޔާމީންގެ ވާހަކައިން ކުރާނެ އަސަރެއް އެބަ އޮތް ހެއްޔެވެ؟ އެއީ ހަމަ ސިޔާސީ މީހުން ޕޯޑިއަމްތަކުގައި ދައްކާ ކަހަލަ ހަމަ އާދައިގެ ޒާތުގެ ވާހަކަ އެކެވެ.

މައްސަލަ ހުށަހެޅުއްވި މެމްބަރު ނިހާދު ވިދާޅުވެފައި ވަނީ އެމައްސަލަ ހުށަހެޅުއްވީ ރައީސް ޔާމީން ދެއްކެވި ވާހަކަތަކަކީ ގައުމީ ސަލާމަތައް ނުރައްކާވާ ވާހަކަތަކައް ވާތީ އާއި، ރައީސް ޔާމީން 2013 އިން 2018 އަށް ހިންގެވި ޖަރީމާތައް ތަކުރާރުކުރާނެ ކަމުގެ އިންޒާރުދެއްވާފައި ވާތީ، އެކަމުގެ ނުރައްކާތެރިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބެލުމަށް ވެސް ނިހާދު އެދިވަޑައިގަތެވެ.

ދެވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމުގެ ހުވަފެނެއް އޮތަސް، ރައީސް ޔާމީންގެ ވާހަކައިން ގައުމީ މަސްލަހަތަށް އަސަރު ކުރާނެ ހެއްޔެވެ؟ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ހެއްޔެވެ؟ މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަނާޅާ، ޔާމީން ދެއްކެވި ވާހަކަތައް ސަރުކާރަށް ބެލެން ނެތީ ހެއްޔެވެ؟

ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 54 މެމްބަރުންގެ ވޯޓުން އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ބަލައިގަތެވެ. އިދިކޮޅު މެންބަރުން ވިދާޅުވީ، އެއީ ކުއްލި މައްސަލައެއްގެ ގޮތުގައި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ މައްސަލައެއް ނޫން ކަމަށެވެ.

މި މައްސަލައިގައި ބަހުސް ކުރުމަށް އިއްޔެ ޖަލްސާގައި އެއް ގަޑިއިރު ބޭކާރުކޮށްލި އެވެ. މައްސަލައިގެ ބަހުސްގައި މުޅިން ވެސް އޮތީ، ޔާމީން ސަރުކާރުން ހިންގާފައި ހުރި ކޮރަޕްޝަންގެ ވާހަކަތަކާއި، އެގްރީމަންޓުތައް ބާތިލު ކުރުމުން އަމިއްލަ ކުންފުނިތަކަށް ބަދަލު ދޭން ޖެހިފައިވާ ވާހަކަތަކުގެ ގޮވެލި ފައްޗެވެ. އެ މައްސަލަތައް ބަލަން ޖެހެ އެވެ. އެކަމަކު އެކަން ބެލޭނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިގެން ހެއްޔެވެ؟

އޭގެ ތެރެއިން ބައެއް މައްސަލަތައް މިހާރު ވެސް އަންނަނީ ކޯޓުތަކުގައި ހިނގަމުންނެވެ. އެ މައްސަލަތަކުގައި ދޭން ޖެހޭ ބަދަލާއި އަދަބު ކަނޑައަޅަނީ ކޯޓުންނެވެ. ކޯޓުތަކުން އެ މައްސަލަތައް ބަލަމުން ދަނިކޮށް ކުއްލި މައްސަލައެއްގެ ގޮތުގައި އެކަންކަން މަޖިލީހަށް ހުށަހެޅުމުގެ ބޭނުމެއް ހަގީގަތުގައި ނެތެވެ. ރައްޔިތުންގެ މަސްލަހަތާ ގުޅޭ އެއަށްވުރެ މާ މުހިންމު ކަންކަން އެބަހުއްޓެވެ. ރައްޔިތުން ކަންބޮޑުވާ އެހެން މައްސަލަތައް އަދި މާގިނަ އެވެ.

ސިޔާސީ ލީޑަރަކު ސިޔާސީ ގޮތުން ދައްކާ ކޮންމެ ވާހަކައެއް ކުއްލި މައްސަލައަކަށް ހަދައި، މަޖިލީހުގައި އެކަމަށް ބަހުސްކޮށް ވަގުތުތަކެއް ބޭކާރު ކުރުމަށް ވުރެ ފައިދާހުރި ކަންކަން މަޖިލީހަށް ކުރެވެން ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ ހޮޅުއަށްޓެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ މަޖިލީހެވެ. މަޖިލީހަށް މެމްބަރުން އިންތިހާބު ކޮށްފައި ތިބެނީ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރާށެވެ. އަމިއްލަ އެޖެންޑާއެއް މަޖިލީހުގެ ތަޅުމުގައި ހިންގާކަށް ނޫނެވެ. އެތަނުން އިވެން ޖެހޭނީ ރައްޔިތުންގެ އަޑާއި އެ މީހުންގެ އިހުސާސްތަކެވެ.

comment ކޮމެންޓް