ނަވާޒް ޝަރީފަށް ހުކުމް ކުރީ ބްލެކްމެއިލް ކުރުމުން ކަމަށް ބުނާ ތުހުމަތު ދޮގުކޮށްފި

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނަވާޒް ޝަރީފުގެ މައްޗަށް ވަނީ ހަތް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ -- ފޮޓޯ: ރޮއީޓާސް

އިސްލާމްއާބާދު (ޖުލައި 8): ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކޮރަޕްޝަނުގެ މައްސަލަ ބެއްލެވި ފަނޑިޔާރު އޭނާގެ މައްޗަށް ޖަލު ހުކުމް ކުރެއްވީ ބަޔަކު ބްލެކްމެއިލް ކުރުމުން ކަމަށް ބުނާ ތުހުމަތުތައް އެފަނޑިޔާރު ދޮގު ކުރައްވައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ފަނޑިޔާރު އަރުޝަދު މާލިކް، ނަވާޒް ޝަރީފް ހަތް އަހަރަށް ޖަލަށް ލާން ހުކުމް ކުރެއްވީ ބަޔަކު ބިރުދެއްކުމުން ކަމަށް ވިދާޅުވީ ޝަރީފްގެ ދަރިކަނބަލުން އަދި މައި އިދިކޮޅު ޕާޓީ ޕީއެމްއެލްއެންގެ ނައިބު ރައީސް ކަމަށްވާ މަރިޔަމް ނަވާޒް އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ޕްރެސް ކޮންފަރެންސެއްގައި އެކަމަނާ ވަނީ ނަވާޒް ޝަރީފަށް ތާއިދު ކުރާ ފަރާތެއް ކަމަށްވާ ނާސިރު ބަޓް އާއި ފަނޑިޔާރު މާލިކް ފެންނަ ކަމަށް ބުނާ ވީޑިއޯއެއް ދައްކާފަ އެވެ. އަދި އެވީޑިއޯގައި މާލިކް ހުކުމް ކުރެއްވީ ބަޔަކު ބްލެކްމެއިލް ކުރުމުން ކަމަށް އެއްބަސްވާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް މިއަދު މާލިކް ނެރުއްވި ބަޔާނެއްގައި ވަނީ އެއީ ފޭކު ވީޑިއޯއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޝަރީފްގެ މައްޗަށް ހުކުމް ކުރީ ޝަރީއަތަށް ހުށަހެޅި ހެއްކަށް ބިނާކޮށްފަ ކަމަށް ވިދާޅުވެފަ އެވެ.

"ސީދާކޮށްވެސް ނުސީދާކޮށްވެސް [ހުކުމް ކުރަން] ޕްރެޝަރެއް ނެތް، އަދި [ހުކުމް ކުރަން] ރިޝްވަތެއްވެސް ގަބޫލެއް ނުކުރަން،" މާލިކް ވިދާޅުވި އެވެ.

މީގެ އިތުރުން މާލިކް ވަނީ ޝަރީފްގެ މައްޗަށް ޖަލު ހުކުމް ނުކުރުމަށް އެދި ޝަރީފްގެ އާއިލާއިން އޭނާއަށް ރިޝްވަތު ދޭން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

މަރިޔަމް ނަވާޒް ވިދާޅުވި ގޮތުގައި މާލިކްއަށް ބިރު ދެއްކި މީހުން އޭނާ ބްލެކްމެއިލް ކުރީ އޭނާގެ ވީޑިއޯތަކެއް ލީކުކޮށްލާނެ ކަމަށް ބުނެ އެވެ. އަދި އެކަމަނާ ދެއްކި ވީޑިއޯގައި މާލިކްގެ މޫނު ކުޑަ އިރުކޮޅަކަށް ފެނިފައި ދެން އިވެނީ ދެ ފަރާތުން ދައްކާ ވާހަކައިގެ އަޑެވެ. އެގޮތުން ޝަރީފްގެ ޝަރީއަތުގައި ހުރި ގާނޫނީ މައްސަލަތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވަ އެވެ.

މާލިކް ވިދާޅުވި ގޮތުގައި އެވީޑިއޯގައި އޭނާ ދައްކަވާ ވާހަކަތައް ވަނީ ޝަރީފްގެ ދިފާއުގައި ދައްކަވާ ވާހަކައިގެ ގޮތުގައި އެޑިޓްކޮށްފަ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަން ތިން ފަހަރަށް ކުރައްވާފައިވާ ޝަރީފް 2017 ވަނަ އަހަރު މަގާމުން ދުރުކުރީ މާލީ މުއާމަލާތްތަކާ ބެހޭ ގޮތުން އިތުރުފުޅު ހެއްދެވި ކަމަށް ބުނެ ސުޕްރީމް ކޯޓުންނެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ ޖުލައި މަހާއި ޑިސެމްބަރު މަހު ޝަރީފްގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ މައްސަލަތަކެއް ސާބިތުވެފަ އެވެ. އޭގެ ތެރެއިން ފުރަތަމަ މައްސަލައިގައި ޝަރީފްގެ މައްޗަަށް ކުރި 10 އަހަރުގެ ޖަލު ހުކުމް ވަނީ ސަސްޕެންޑުކޮށްފަ އެވެ. ނަމަވެސް ދެވަނަ މައްސަލައިގައި އޭނާ ހަތް އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް