މާމުއި ޕްރިމިއާގެ ތިންގަޑިއިރު ކުރިން ނުޒޫއާ އެކު

މި ޖުލައިމަހުގެ އެއްވަނަ ދުވަހު ރިލީޒްކުރި މާމުއި ފިލްމަކީ މިފަހުން ދިވެހި ސިނަމާތަކުން ފެނުނު އެންމެ މޮޅު ކޮމެޑީކަމަށް ގިނަބަޔަކު ބުނެއެވެ. ހައުސްފުލް ނުވަ ޝޯ މިހާތަނަށް ދެއްކުނުއިރު ފިލްމާއިބެހޭގޮތުން ލިބެމުންދަނީ މުޅީންވެސް ޕޮސިޓިވް ރިވިއުސް އެވެ. މިފަހަރުވެސް މިއޮތީ މާމުއިގެ ވާހަކައެކެވެ. ފިލްމުގެ ކާސްޓުންގެ ތެރެއިން ނުޒުހަތު ޝުއެއިބް (ނުޒޫ) ގެ ރެޑް ކާޕެޓް ލުކްއެވެ.

ނުޒޫގެ ހެދުން ފަރުމާކޮށް ތައްޔާރުކޮށްދީފައިވަނީ ފިލްމުގެ ކާސްޓުންގެ ތެރޭގައިވެސް ހިމެނޭ އިސްމާއިލް ޖުމެއިހް (ޖުމާ) އެވެ. ނުޒޫގެ މޭކަޕް ކޮށްދީފައިވަނީ ރުތްބާ އަހްމަދު އެވެ.

ސަންގެ ވީޑިއޯ ޓީމުން ހުސެއިން ޝަޔާހު އަދި މުސްތަފާ މުހައްމަދާއި އެކު ނުޒޫ އާއި އަހަރެމެން ބައްދަލުކޮށްލީ ޕްރިމިއާގެ 3 ގަޑިއިރު ކުރިން ރުތްބާގެ މޭކަޕް ގެއިންނެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާއިރުގެ ތެރޭގައި ރުތްބާ މޭކަޕްކޮށް ނިންމާލިއިރު ނުޒޫގެ މުޅި ލުކްގެ ކޮންމެވެސް ވަރެއްގެ 'އައިޑިއާ' އެއް ލިބިގެންދިޔައެވެ.

ޖުލައި 1، 2019: ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ބޮޑު ފިލްމު "މާމުއި" ރިލީޒްކުރުމަށް އޮލިމްޕަހުގައި ބޭއްވި ޕްރިމިއާ ނައިޓް ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާމުއި ޕްރިމިއާގައި ނުޒޫގެ ލުކްގެ ހުރިހާކަމެއް ހަމަޖެއްސީ ޖުމާ އާއި އަދި ރުތްބާއެވެ. ނުޒޫ ބުނިގޮތުގައި ފަހަކަށް އައިސް އޭނާގެ މިކަހަލަ ހާއްސަ ހުރިހާ އިވެންޓެއްގައި އެންމެ ބޮޑަށް އެހީތެރިވެދެނީ ޖުމާ އެވެ. މޭކަޕްވެސް ކުރިން ޖުމާ ކޮށްދިންނަމަވެސް، ބަވަތިގެ މަސައްކަތުގެ ތެރެއިން ރުތްބާއާއި ދިމާވެ އޭނާގެ މަސައްކަތްތައްވެސް ވަރަށް ބޮޑަށް ކަމުދިޔައީ އެވެ.

ނުޒޫގެ މޭކަޕްކުރަމުންދިޔައިރު ރުތްބާގެެ ބެސްޓް ފްރެންޑް ނަޝްއަތު ދިޔައީ ނުޒޫގެ ނިޔަފަތިތައް ރީތިކުރަމުންނެވެ. ނުޒޫ ބުނިގޮތުންމިއީ އޭނާ އެކަން ކުރި ފުރަތަމަ ފަހަރެވެ.

ގާތްގަނޑަކަށް 7 ޖެހިހާއިރު ރުތްބާގެ ގެއިން ދެން އަހަރެމެން މިސްރާބު ޖެހީ ޖުމާގެ ގެއަށެވެ. ނުޒޫގެ އިސްތަށިގަނޑު ސްޓައިލްކޮށް ހެދުންލުމުގެ ހުރިހާކަމެއް ހަމަޖެހިފައި އޮތީ މި ގޭގައެވެ. ގެއަށް ވަދެ ސެޓްއަޕް ތައްޔާރު ކުރެވުނު އިރު ޖުމާހު އޭނާގެ މަސައްކަތް ފަށައިފިއެވެ.

އެއްގަޑިއިރުގެ ތެރޭގައި ނުޒޫގެ ހުރިހާކަމެއްކޮށް އަދި ޖުމާއަށްވެސް ގަޑިއަށް ތައްޔާރުވެވޭނެތޯ އަހަރެމެންނަށް ހިތާހިތުން ސުވާލުކޮށްލެވުނު ނަމަވެސް އެ ދެމީހުން ތިބީ އެއަށްވުރެ މާ ހަމަޖެހިގެނެވެ. މިކަހަލަ ކަންކަމަށް މާ ބޮޑަށް ފަރިތައީ ކަމުގައިވެދާނެ އެވެ.

ހެވީ ގްލެމަރ މޭކަޕެއް ނުޒޫ ކޮށްފައިވާއިރު، އޭނާގެ އިސްތަށިގަނޑު ބަހައްޓާފައިވަނީ ވަރަށް ސިމްޕަލްކޮށް ސްޓްރެއިޓްކޮށްފައެވެ. ހެދުމާއި އެކު ގުޅޭނެ ހެން ސްޓޮކިންއަކަށް ނުޒޫ އަރާފައިވާއިރު އޭނާގެ ފައިވާންވެސް ވަނީ ސްޓޮކިންއާއި ވަރަށް ބޮޑަށް ގުޅުވާފައެވެ.

ހެދުމުގެ މަސައްކަތަށް ބަލާއިރު ކަޅާއި ނޫކުލައިގެ މި ހެދުމުން ޖުމާހުގެ ހުނަރުވެރިކަން ފެނިގެންދެއެވެ. މާމުއިގެ ޕްރިމިއާ ތާރީހު އިއުލާނުކުރުމާއެކު ހެދުމުގެ މަސައްކަތް ފެށުނުއިރު، ހެދުމުގެ އެންމެ ބޮޑު މަސައްކަތަކަށްވީ ފަހަތުގައި ވަކީން ހަރުކޮށްފައިވާ ބައި ފުރިހަމަ ކުރުމެވެ. މި މަސައްކަތް ޖުމާ ކޮށްފައިވަނީ އެންމެ 2 ދުވަހުގެ ތެރޭގައެވެ. ވަކިން ލޭސްކޮޅުތައް ހަރުކޮށް، އެސްޖަހާ ތައްޔާރުކޮށްފައިވާ މި ހެދުމުން އޭނާ މި މަސައްކަތަށް ކުރާ ލޯބި ވަރަށް ބޮޑަށްވެސް ދައްކުވައިދެ އެވެ.

ޕްރިމިއާއަށް ތައްޔާރުވުމުގެ ގޮތުން މާ ބޮޑު ޑައެޓްއެއް ނުކުރިއަސް، ހަފްތާއެއްހާ ދުވަހު ހެދުމަށް ފިޓްވާނޭހެން ކެއުމަށް ކޮންމެވެސް ވަރަކަށް ބަލައިގެން އުޅުނު ކަމަށް ނުޒޫ ބުންޏެވެ.

ޖުލައި 1، 2019: ޑާކްރެއިން އެންޓަޓެއިންމަންޓްގެ އަހަރުގެ ބޮޑު ފިލްމު "މާމުއި" ރިލީޒްކުރުމަށް އޮލިމްޕަހުގައި ބޭއްވި ޕްރިމިއާ ނައިޓް ގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮންމެއަކަސް، ހަވަރަކަށް މިނިޓުގެ މި ވީޑިއޯއަކީ ގާތްގަނޑަކަށް ފަސްވަރަކަށް ގަޑިއިރުގެ މަސައްކަތެވެ. ނުޒޫގެ މޭކަޕް އިން ފެށިގެން ރެޑްކާޕެޓާއި ހަމައަށް އޭނާގެ ހުރިހާ ތައްޔާރީތަކެއް ހިމަނާލެވޭތޯ މަސައްކަތްކޮށްފައިވާނެ އެވެ.

މާމުއި ފިލްމަކީ މިހާރު ދިވެހި ފިލްމީ ދާއިރާގައި ތިބި އެންމެ ފުންނާބު އުސް ފަންނާނުންނާއި އެކު ތައްޔާރުކޮށްފައިވާ ފިލްމަކަށްވާއިރު މި ފިލްމުގައި ފެނިގެންދާ އައްޒަ އާއި މަޖޫގެ ހެދުން ތައްޔާރުކުރީ ސޭންޑީ އެވެ. އަދި ޝީލާގެ ހެދުން ތައްޔާރުކޮށްދިނީ ޖާދު އެވެ.

މާމުއި ފިލްމްގެ މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.

comment ކޮމެންޓް