އުރީދޫގެ ސީއެފްއޯ އިސްތިއުފާ ދެއްވައިފި

އުރީދޫގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ތަވަބާލަން--- ފޮޓޯ އުރީދޫ

އުރީދޫ މޯލްޑިވްސްގެ ސީއެފްއޯގެ މަގާމުގައި ހުންނެވި ތަވަބާލަން ޕޫބަލަސިންގަމް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އަދި ސީއެފްއޯގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އުރީދޫ އިން ބުނީ ސީއެފްއޯގެ މަގާމުން ތަވަބާލަން އިސްތިއުފާދެއްވީ ޖޫންމަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އޭނާ އިސްތިއުފާދެއްވީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫ ގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިލެއްވުމުންނެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިރު ތަވަބާލަން ޕޫބަލަސިންގަމް ވަނީ އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ކުރާ ދަތުރުގައި ބޮޑު ހިއްސާއެއް އަދާކުރައްވައިފަ އެވެ.

ކުންފުނީގައި މިހާރު ބޭނުންކުރަމުން އަންނަ ޕްރޮސެސްތައް ހަރުދަނާކުރުމުގެ އިތުރުން އައު ޕްރޮސެސްތައް ގާއިމުކޮށް، ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް އޭނާ ވަނީކޮށްދެއްވައިފައެވެ.

ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައި ކުންފުނި ހިންގުމަށް ޕޫބަލަސިންގަމް ދެއްވާފައިވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމުގެ މަގު ފަހިކޮށްދެއްވާފައިވާކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ ތަވަބާލަން ޕޫބަލަސިންގަމްއަށް އިންޑޯސެޓުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިލެއްވުމާ ގުޅިގެން މަރުހަބާކިޔައި، އެ މަނިކުފާނަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް