"ޕަތީ ޕަތުނީ އޯރު ވޯ" އަށް އަނަންޔާ ބަރުދަން އިތުރުކުރަނީ

"ޕަތީ ޕަތުނީ އޯރު ވޯ"ގެ ޕޯސްޓަރެއް---

އަންނަ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ޕަތީ ޕަތުނީ އޯރު ވޯ" ރީމޭކް ކުޅުމަށް އަނަންޔާ ޕާންޑޭ ބަރުދަން އިތުރުކުރަންޖެހޭ ކަމަށް އޭނާ ބުނެފިއެވެ.

ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި އަނަންޔާ ބުނީ ބަރުދަން އިތުރުކުރުމަށް ކޮންމެ ދެ ގަޑިއިރަކުން އެއްފަހަރު ކާ ކަމަށާއި އެ ފިލްމަށް ފަސް ކިލޯ އިތުރުކުރަންޖެހޭ ކަމަށެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ނުކުތް ތަރި ބުނީ ބަރުދަން އިތުރުކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި ބަރުދަން އިތުރުކުރާއިރު ގިނައިން ޕްރޮޓީން ހިމެނޭ ކާއެއްޗެހި ބޭނުންކުރަންޖެހޭ ކަމަށެވެ.

އަނަންޔާ ބުނީ ކާރްތިކްއާ އެއްކޮށް ފިލްމެއް ކުޅެލަން ލިބުމަކީ އުފަލެއްކަމަށެވެ.

"ވަރަށް އެހީތެރިވެދޭ. ވަރަށް ރަނގަޅު މީހެއް އެއީ. ކާރްތިކް އަކީ މަޖާ މީހެއް. އޭނައާ އެއްކޮށް އުޅެލަން ކޮންމެ މީހަކުވެސް ކޮންފޯޓަބަލް ވާނެ. ފިލްމުގެ މަންޒަރުތައް އޭނާ އާއެކު ޝޫޓްކުރުންވެގެންދާނީ ހުވަފެނެއްގައި އުޅޭ ކަހަލަ ކަމަކަށް،"

'ޕަތީ ޕަތުނީ އޯރް ވޯ' އަކީ ހަމަ އެނަމުގައި 1978 ވަނަ އަހަރު ރިލީޒްކުރި ފިލްމުގެ ރީމޭކް އެކެވެ. ފިލްމުގެ ރީމޭކް އިން ފެނިގެންދާނީ ކާރްތިން އާރްޔާން، ބޫމީ ޕެދްނޭކަރު އަދި އަނަންޔާ ޕާންޑޭ އެވެ.

މުދައްސިރް އަޒީޒު ޑައިރެކްޓުކޮށް، ޓީ ސީރީޒާއި ބީއާރް ސްޓޫޑިއޯ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޝޫޓިން ފަށާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ކުރީކޮޅު އެވެ.

މީގެ 40 އަހަރު ކުރިން ރިލީޒް ކުރި 'ޕަތީ ޕަތުނީ އޯރް ވޯ'ގެ ވާހަކަ ބިނާކޮށްފައި ވަނީ ފިރިއަކު ކައިވެނީގެ ބޭރުން އޭނާގެ ސެކްރެޓަރީއާ ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ. ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެން ދިޔައީ ސަންޖީވް ކުމާރު، ވިދްޔާ ސިންހާ އަދި ރަންޖީތާ ކޯރް އެވެ.

comment ކޮމެންޓް