މުއާގެ "ލީނާ"ގެ ނަންބަރު އާންމުކޮށްފި، ޓިކެޓް މާދަމާ ވިއްކަން ފަށަނީ!

ލީނާގެ ޕޯސްޓަރު--- ފޮޓޯ/ ފޭސްބުކް

މި މަހު 23 ވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ "ލީނާ"ގެ ޓިކެޓް ވިއްކަން މާދަމާ ފަށާނެ ކަމަށް ޑައިރެކްޓަރު އަބްދުﷲ މުއާޒް ބުނެފިއެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ އެ ފިލްމުގެ ޓިކެޓް މާދަމާ ހެނދުނު ފަށާނެއެވެ. ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 22:00 އަށް ޓިކެޓް ވިއްކުމުގެ ކަންތައް ކުރިއަށްދާނެ ކަމަށް މުއާ ބުންޏެވެ.

"ލީނާ" ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް އުޅެނީ 200 ރުފިޔާއަށެވެ. އެހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ 100 ރުފިޔާއަށެވެ. ފުރަތަމަ ދެ ރޭގެ ޝޯއަށް ނަން ނޯޓުނުކުރެވޭނެ ކަމަށާއި ޓިކެޓް ވިއްކާނީ ގަންނަން އަންނަ ތަރުތީބުން ކަމަށްވެސް މުއާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން މުއާ ބުނީ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކާއެކު ފިލްމު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ރެޑް ކާޕެޓްގެ އިތުރުން ގިނަ އަދަދެއްގެ ސްޓޭޖް ހަރަކާތްތައްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ފިލްމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ފިލްމުގެ ޓީމުން ވަނީ ނަންބަރެއް ވެސް ދޫކޮށްލާފައެވެ. އެއީ 7234443 އެވެ.

ފިލްމުގެ ސްލޯގަނެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ "އޭން އިނޮސެންޓް ގާލް"އެވެ.

"ފިލްމުގައި ހިމެނޭނެ ޖުމްލަ ތިން ލަވަ. ޝޫޓްކުރާނީ ދެ ލަވަ. އަނެއް ލަވައަކީ ފިލްމުގެ ޕްރޮމޯ ލަވަ. އުންމީދަކީ ވީހާ ވެސް ގިނަ ބަޔަކު ފިލްމު ބަލަން ދިޔުމަށް،"

"ލީނާ" އަކީ ބެލުންތެރިން ޝައުގުވެރިވާނެ ފިލްމެއްކަމުގެ ޔަގީންކަން މުއާ ދެ އެވެ.

"ލީނާ"ގެ ލީޑު ރޯލުން ފެނިގެންދާނީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑު ބޮޑު އެއް ބަތަލާ މަރިޔަމް އައްޒައެވެ. އައްޒަ ފެންނާނީ ލީނާގެ ރޯލުންނެވެ. އަދި ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ.

އޭގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބު (ނުޒޫ)، މަރިޔަމް ހަލީލް، އަހުމަދު ނިމާލު، އަހުމަދު ސައީދު އަދި ޒީނަތު އައްބާސް ވެސް މި ފިލްމުން ފެންނާނެއެވެ.

ފިލްމުގައި ދޮން އައްޔަ ކުޅޭނީ ލީނާގެ ލޯބިވެރިޔާގެ ރޯލެވެ. މަރިޔަމް ހަލީމްއަކީ ލީނާގެ މަންމައެވެ. ނުޒުހަތު (ނުޒޫ) ކުޅޭނީ ލީނާގެ ބެސްޓް ފްރެންޑްގެބައެވެ. ސައީދު އަދާކުރާނީ ކައުންސިލުގެ ރައީސްގެ ރޯލެވެ.

comment ކޮމެންޓް