އެމެރިކާ ސިފައިން ލަންކާގައި ތިބެން ހުއްދަދޭ އެއްބަސްވުމާ ސިރިސޭނާ ދެކޮޅު ހައްދަވައިފި

ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ---

އެމެރިކާ ސިފައިން ލަންކާގައި ގާއިމްވެ ތިބުމަށް ހުއްދަދޭ އެއްބަސްުވުމަކާ ލަންކާގެ ރައީސް މައިތިރިޕަލަ ސިރިސޭނާ ދެކޮޅު ހައްދަވައިފި އެވެ.

ސިރިސޭނޭ އެ އެއްބަސްވުމާ ދެކޮޅުކަން އިއްޔެ ހާމަކުރެއްވިއިރު އެމެރިކާއާއި ލަންކާއިން ދަނީ ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރަމުންނެވެ.

" ގައުމުގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭ އެއްވެސް އެއްބަސްވުމަކަަށް އަޅުގަނޑު ޖާގައެއް ނުދޭނަން. މިހާރުވެސް މަޝްވަރާކުރަމުންދާ އެއްބަސްވުންތަކަކީ ގައުމަށް ގެއްލުންހުރި އެއްބަސްވުންތަކެއް." ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ އިތުރަށް ވިދާޅުވީ ބައެއް ގައުމުތަކުން އެ ގައުމުގެ ބޭހެއްގެ ގޮތުގައި ސްރީލަންކާ ބޭނުންކުރުމަށް ބޭނުންވާކަމަށެެވެ. އެގައުމުތަކުގެ ނަން ނުބުނި ކަމުގައިވިޔަސް މިއީ ސީދާ އެމެރިކާއަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއްކަމަށް ވަރަށް ބޮޑަށް ބުރެވެ އެވެ.

އެމެރިކާގެ ސިފައިން އެމީހުންގެ ޔުނީފޯމްގައި ލަންކާގައި ހަތިޔާރާއެކު ހަރަކާތްތެރިވުމަށް އެދި ލަންކާގެ ސަރުކާރުގެ ހުއްދައަށް އެދިފައިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.

ސިރިސޭނާ ވިދާޅުވީ އޭނާ ވެރިކަމުގައި ހުއްޓައި އެމަނިކުފާނު ވެރިކަމުގައި ހުރިހާ ހިނދަކު ލަންކާގެ ސިޔާދަތަށް އަސަރުފޯރާނެ އެއްބަސްވުމެއްގައި ސޮއިނުކުރައްވާނެ ކަމަށެވެ. ސިރިސޭނާގެ ރިޔާސީ ދައުރު އަންނައަހަރު ޖެނުއަރީ މަހު ހަމަވެެސްވާނެ އެވެ.

ބެލެވޭ ގޮތުގައި އެމެރިކާ ސިފައިން ލަންކާގައި ގާއިމްވެ ތިބެން ބޭނުންވަނީ އެމެރިކާގެ ދުޝްމަން ޗައިނާއަށް ފާރަވެރިވުމުގެ ގޮތުންނެވެ. " މެރިޓައިމް ސެކިއުރިޓީ" ވަރުގަދަކުރުމަށް ކަމަށްބުނެ އެމެރިކާއިން ލަންކާއަށް މިދިޔަ އަހަރުގެ އޭޕްރީލް މަހު އެމެރިކާއިން ވަނީ ލަންކާއަށް 39 މިލިއަން ޑޮލަރުދޭނެކަންވެސް އިއުލާންކޮށްފައެވެ. -- ޕްރެސްޓީވީ

comment ކޮމެންޓް