ޤުރުބާން ކުރީމޭ ހިތް މަގޭ ލޯބިން (ފަހުބައި)

އަމަންއާއި އަހަރެންނާ ދެމީހުން ތިރިއަށްފޭބީ ޑޮކްޓަރަށް ދައްކަން ދިޔުމުގެ ބޭނުމުގައެވެ. އަހަރެންނާ އަމަންއާ ދެމީހުން ދޮރާ އަރާ ހަމަވީތަނާ ދޮރު ކުރިމައްޗަށް އެރި މީހާ ފެނި ވަގުތުން އަހަރެންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

ކުރިމަތީގައި ހުރި އަނޫޝާ ފެނި އަމަންވެސް ހިނދުކޮޅަކަށް މަޑުޖެހުނުކަން އަހަންނަށް ދެނެގަނެވުނެވެ. އަނޫޝާ ގޭތެރެއަށްވަނުމާއެކު އަމަން އަވަސްވެގަތީ ފުލުހުންނަށް ގުޅާށެވެ.

"ގުޅާނެކަމެއްނަތް. ބޭކާރުކަމެއްތީ... އަހަރެން މިހުރީ މިނިވަންވެގެން ނުކުމެ. ޖަލަށް ލިޔަސް އަހަރެމެން ފަދަ މީހުންނަށް ޖަލުން ނުކުތުމަކީ އެއްވެސް އުނދަގޫކަމެއް ނޫން..." ބޮޑާކަމެއް އަނޫޝާގެ މޫނުމަތިން ފެންނަމުންދިޔައެވެ.

އަހަރެމެން ދެމީހުންވެސް އެއްވެސް އެއްޗެއް ނުބުނަމެވެ. އަނޫޝާ ދައްކާ ވާހަކައެއް އަޑުއަހަން ވެގެން މަޑުމަޑުން ތިބީމެވެ. ކަންތައްތައް ވީ ގޮތް އޮޅުން ފިލުމާއެކު އަމަން ހާސްކަމާއެކު ނިތުގައި އަތް ހިންގާލިއެވެ. އަދި އެއަށްފަހު އަހަރެންނަށް ބަލާލީއެވެ. އަނޫޝާގާތުން އިތުރަށް އޮޅުން ފިލި ގޮތުގައި އޭނާ ބައްޕަގެ ބާރާ ނުފޫޒު ބޭނުންކޮށްގެން ޖަލުން މިނިވަންވީއެވެ.

އަމަން ދެފަރާތަށް ބޯ ހޫރާލިއެވެ. އަހަރެންވެސް އަނޫޝާއަށް ބަލާލުމަށްފަހު އިސްޖަހާލީމެވެ. ބާރުގެ ބޭނުންކޮށްގެން ކުށްވެރިން ޖަލުން ނެރޭނަމަ ހަމަޖެހުމަކީ ކޮބައިހެއްޔޭ ހިތަށް އެރިއެވެ. އިންސާފަކީ ކޮބައިހެއްޔޭ އަހަރެންގެ ހިތަށް އެރިއެވެ. އަނޫޝާގެ ވާހަކަތައް އެގޮތަށް ހުރިނަމަވެސް އޭނާގެ އަޑުން އެހެންކަހަލަ އަސަރެއްވެސް ފާޅުވިއެވެ. އަމަންއާމެދު ކަންތައް ކުރެވުނު ގޮތުން އޭނަ ދެރަވާކަމަށާއި އުޅެވުނީ ހަޤީގަތުގައި ވެސް ގޯސްކޮށްކަން އޭނާ ގަބޫލުކުރިއެވެ. އަހަރެންނާ އަމަންގެ ދެމެދަށް ވަންނަން އޭނާ ނެތްކަމަށާއި ދެން ދުވަހަކުވެސް އަހަރެމެން ދެމީހުންނަށް އޭނާގެ އުނދަގޫ ނުޖެހޭނޭކަމަށް ބުންޏެވެ. އަނޫޝާއަށް އައި ކުއްލި ބަދަލު މާނަ ކުރާނެ ގޮތެއް އަހަރެމެން ދެމީހުންނަކަށް ނޭނގުނެވެ.

އިތުރަށް އެއްޗެކޭ ނުބުނެ އަނޫޝާ ދިޔުމުން އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ބުމަ އަރުވާލީމެވެ. އެވަގުތު އަނޫޝާ އެ ބުނީ އަނެއްކާ އޭނާގެ ހިތުގައި އޮތް ގޮތަށް ބާއޭ ހިތަށް އެރިއެވެ. ނޫނީ މިއީ އަނެއްކާވެސް އަހަރެމެން ދެމީހުންގެ ދެލޮލުގައި އަޅުވާ އަނދުނެއް ނޫންބާވައެވެ. ފަސް އެނބުރި އަނޫޝާ ގޮސް ގެއްލުމާއެކު އަހަރެމެން ދެމީހުން ވެސް ހޮސްޕިޓަލަށް ދާން ނުކުތީމެވެ.

ނަސީބަކުން ފަހާފައި ހުރި ތަނުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެންކަމުން ބޭސްގަނޑު ނެއްޓުމަށްފަހު އަހަރެން ގެއަށް ފޮނުވާލީއެވެ.

ގެއަށް ދިޔުމުގެ ބަދަލުގައި ވިސާމްއަށް ގުޅާފައި ރިޝްފާ ކައިރިއަށް އަހަރެމެން ދެމީހުން ދިޔައީމެވެ. އޭރު ރިޝްފާގާތުގައި އާއިލާގެ ހުރިހާ އެންމެންވެސް ތިއްބެވެ. މަޖްހޫދުގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ.

އަހަރެމެން ފެނުމާއެކު މަޖްހޫދު ތެދުވިއެވެ. އެއަށްފަހު އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އަމަން އަހަރެންގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. މަޖްހޫދު ބޭނުންވަނީ ރިޝްފާ ގެއަށް ގެންދާށެވެ. އެހެންނަމަވެސް ވިސާމް ބޭނުންވާ ނަމައެވެ. ހާއްސަކޮށް އާލް ފެނުނުފަހުން އެންމެންގެ ހިތުން އެ ތުއްތު ކުއްޖާ އެކަނިވެސް ވަނީ ޖާގައެއް ހޯދާފައެވެ.

އެހެންނަމަވެސް ވިސާމް ގެ ނުރުހުމުގައި އެމީހުން ރިޝްފާ ނުގެންދާނޭ ކަމަށް ބުންޏެވެ. ރިޝްފާ މިއަދާ ހިސާބަށް ދުނިޔޭގައި އޮތް ހަޤީޤީ ސަބަބަކީ ވިސާމްކަން އެންމެންވެސް ގަބޫލުކުރިއެވެ. އަލްމަޢިއްޔާގެ ނުބައި ރޭވުންތަކުން ރިޝްފާ ސަލާމަތް ކޮށްދިނީ ވިސާމްއެވެ.

ރިޝްފާ އެމީހުންގެ އަތްމައްޗަށް ދޫކޮށްލަން ވިސާމްގެ ހިތް ނޭދުނު ކަމުގައި ވިނަމަވެސް އާލްއަށް އަދި ރިޝްފާއަށްވެސް އެންމެ ރަނގަޅުވާނީ އެގޮތަށް ވުމާއެކު ވިސާމް އެއްބަސްވިއެވެ. ވިސާމް އިތުރަށް ބުނީ އޭނާ ގޭގައި ނޫޅޭ ވަގުތު ބޭރުމީހެއްގެ އޯގާތެރިކަމަށްވުރެ އާލްގެ އާއިލާގެ މީހުންގެ އޯގާތެރިކަން ލިބުން މާ ރަނގަޅު ކަމުގައެވެ. އޭނާއަށް ނާދެވެންޏާ ގިނައިން ރިޝްފާވެސް އޮންނަނީ އެކަންޏެވެ. ދެން އެތަނުގައި އުޅޭނީ ރިޝްފާ ބަލަން ހަވާލުވެ ހުންނަ ނަރުސްކުއްޖާއެވެ.

ޖެހިގެން އައި ހަފްތާގައި ރިޝްފާ ގެއަށް ބަދަލުކުރެވުނެވެ. ހަމައެއާއެކު ވިސާމްއާއި އާލްވެސް މެއެވެ. އަލްމަޢިއްޔާ ނެތުމުން ގޭތެރެއަށް އައިސްފައިވާ ބަދަލުވެސް މަޑުމަޑުން ހަމައަކަށް އެޅެން ފެށީ ދެނެވެ. އާލްގެ ސަކަރާތާއެކު ގޭތެރެ ހަލަބޮލިވެގެން ދިޔައެވެ. އަހަރެންގެ އުންމީދަކީ އަލްމަޢިއްޔާގެ ހިޔަނި ދެން ދުވަހަކުވެސް އަހަރެމެންގެ އާއިލާއަށް އެޅުނަ ނުދިނުމެވެ.

އަލްމަޢިއްޔާއަށް ވީގޮތް ބަލަން އެކަކުވެސް ނޫޅުނެވެ. ކުންފުންޏަށް ލިބިގެންދިޔަ ގެއްލުން ފޫބެއްދުމުގައި ކެނޑި ނޭޅި އަމަންއާއި ޖުނާން މަސައްކަތް ކުރަމުން ދިޔައިރު އަދިވެސް މަޖްހޫދު ފެންނަނީ މަޑުމޮޅިވެފައި ހުންނަ ފަދަ ގޮތަކަށެވެ. އެއްފަހަރު އޭނާ އަލްމަޢިއްޔާއާ ބައްދަލުކުރަން ވެސް ދިޔައެވެ.

ރިޝްފާއަށް ފަރުވާދޭން އަބަދާ އަބަދު ހުންނާނޭ ޑޮކްޓަރެއް ކަނޑައެޅުމާއެކު ގޭން ކޮޓަރިއަށް އޭނާއަށްވެސް ހަމަޖައްސާދެވުނެވެ. އިތުރު ދެ ނަރުހަކުވެސް މެއެވެ.

"ޒާރާ... ޒާރާ" އަމަންގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ސިޑިން ފައިބަނިކޮށެވެ. އަވަސް އަރުވާލާފައި އަހަރެން އަޑު އައި ދިމާލަށް ދިޔައީމެވެ. ރިޝްފާ އޮތް ކޮޓަރިއާ ދިމާލުން ކަމުން ނޭވާވެސް އަވަސްވިއެވެ. އަނެއްކާ ރިޝްފާއަށް ކަމެއް ވީބާއޭ ހިތަށް އެރިއެވެ. ދުވަމުން ގޮސް އެހިސާބަށް އަރާ ހަމަވިއިރު ޑޮކްޓަރާއި ނަރުސް ކުދިން އަވަސް އަރުވާލާފައި ހަރަކާތްތެރިވާތަން ފެނުނެވެ. ހަމައެއާއެކު އާއިލާގެ ހުރިހާ އެންމެން ވެސް ތިއްބެވެ. އިރުކޮޅަކުން ޑޮކްޓަރު ދިން ހަބަރަލުން އެންމެންނަށް އުފާވެރިކަން ލިބި ﷲ އަށް ހަމްދުކުރެވުނެވެ.

ރިޝްފާ ހޭއެރީއެވެ. ހަފްތާއެއްތެރޭގައި ރިޝްފާވެސް ހަމައަކަށް އެޅިލިއެވެ. އަލްމަޢިއްޔާގެ ހަބަރު ކިޔައިދިނީ ދެނެވެ.

ހަވީރުގެ ވަގުތެވެ. ސޯފާތަކުގައި ސައްލާ ކުރަން ތިބެވުނު ވަގުތަކަށް ވުމާއެކު މާހައުލުގައި ވަނީ އުފާވެރިކަމެވެ.

"މަންމާ" އާލް ދުވަމުން އައިސް އަހަރެންގެ ގައިގައި ބައްދާލުމާއެކު ރިޝްފާއަށް އަހަރެންނަށް ބަލާލެވުނެވެ. އާލްއަދިވެސް އަހަރެންނަށް ކިޔަނީ މަންމައެވެ. މާހައުލަށް އަނެއްކާވެސް ވެރިވީ ހަމަހިމޭން ކަމެވެ. ކަންތައްތައް ދެނެގަނެވޭ ވަރަށްވުރެ އާލް ކުޑަވުމާއެކު އާލްއަށް ވިސްނައިދޭނީ ކިހިނެތްކަން ހުދު އަހަރެންނަކަށްވެސް ނޭގެއެވެ.

މަޑުމަޑުން އާލްގެ އެއާދަ ކަނޑުވަން އަހަރެން ވައުދުވީމެވެ. އަދިވެސް އާލް ރިޝްފާއާ ވަރަށް ދުރެވެ.

ދުވަސްވަމުން ދިޔަ ވަރަކަށް މަޑުމަޑުން އާލްވެސް ރިޝްފާއާ ގާތްވަމުން ދިޔައެވެ. ވިސާމްއާއި ރިޝްފާގެ ދިރިއުޅުންވެސް ހަމައަކަށް އެޅެމުން ދިޔައެވެ. އަހަރެންނާ އަމަންގެވެސް މެއެވެ.

ރޭގަނޑުގެ ވަގުތެވެ. ބަގީޗާ ގަސްތެރެއަށް އަހަރެމެން ދެމީހުން ނުކުތީ އެތަކެއް ދުވަހެއް ފަހުންނެވެ. ހަޔާތުގައި ދިމާވި ކަންތައްތަކާމެދު ވިސްނާ ފިކުރު ހިންގާ ކަންތައްތަކާ މަޝްވަރާކޮށްލީމެވެ. އަހަރެމެން ދެމީހުން ދަރިއަކަށް ދޭނީ ކޮންކަހަލަ ތަރުބިއްޔަތެއްތޯ އަމިއްލަ ނަފްސާ ދެމީހުންވެސް ސުވާކުރީމެވެ. ހަޔާތުގައި ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޚްތިޔާރު އަހަރެމެންގެ ދަރިއަކަށް ދޭނަމެވެ. ވަކި ހުދޫދެއްގެތެރޭގައެވެ. ކަންތައްތައް އަހަރެމެން ބޭނުންވާ ގޮތަށް ކުރުމަށް މަޖުބޫރެއްނުކުރާނަމެވެ. ދެކޮޅުވެރިކަން އުފެދޭ ގޮތަކަށް ނިންމުން ތަކެއް ނުނިންމާނަމެވެ. ގޯސްގޮތަކަށް ނުނިންމާ ކޮންމެ ނިންމުމެއްގެ ފަހަތުގައި އަދި އެކަމަމުން ފައިދާ ލިބޭނޭ ކޮންމެ ނިންމުމެއްގެ ފަހަތުގައި އަމަންއާއި އަހަރެން އެ ދަރިފުޅުގެ ހައްޤުގައި އެ ދަރިފުޅަށް ފުރިހަމަ އިތުބާރާ ޔަގީންކަން އަދި އަހަރެމެންގެ އެހީތެރިކަން ދޭނަމެވެ.

ގޭގެ އުސޫލުތަކާ ގަވައިދުތައް ފުނޑު ފުނޑު ކުރާ ބަޔަކަށް ނުވާނަމެވެ. އެހެންނަމަވެސް މަސްލަހަތު ގެއްލޭފަދަ ކަންކަމުގައި ސާބިތުކަމާއެކު ބަސްބުނާ ބަޔަކަށް ވާނަމެވެ.

ޖެހިގެން އައި ދުވަހުގެ ވަގުތެކެވެ. އަމަން ބާރުބާރަށް އައިސް ގެއަށް ވަދެފައި އެންމެނަށް ގޮވަން ފެށުމާއެކު އަހަރެންވެސް ދުވަމުން ދުވަމުން އައިސް ބޮޑުކޮޓަރިއަށް ނުކުތީމެވެ.

"މާމަ... މާމަ އަމިއްލައަށް މަރުވެއްޖެ. ދެންމެ.... ދެންމެ ހަބަރު ލިބުނީ" އަމަންހުރީ ހާސްވެފައެވެ. އޭނާގެ އަޑުވެސް ނުކުތީ ތުރު ތުރު އަޅާހާލުގައެވެ. މަޖްހޫދުއަށް ބޮލުގައި އަތް އަޅާލެވުނެވެ. އޭނާ ނުވެއްޓުނީ ކިރިއާއެވެ. ގާތުގައި ހުރި ޖުނާން މަޖްހޫދުގެ ގައިގައި ހިފައްޓަމުން ކަންތައްތައް އޮޅުން ފިލުވޭތޯ އުޅުނެވެ.

"ނޭނގެ. ހިނގާ އަވަހަށް." އަމަން ބުނުމާއެކު އެންމެންވެސް ފުލުހުންގެ އިދާރާއަށް ދާން ނައްޓާލީމެވެ.

އަމިއްލައަށް މަރުވުމަކީ ކިހާ ބޮޑު ފާފައެއްކަން އަލްމަޢިއްޔާއަށް ނޭނގެނީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެފަދަ މީހުންނަށް ހުރި ވޭނީ އަޒާބުގެ ވާހަކަ ގައިމު އޭނާވެސް އަޑު އަހާނެތާއެވެ. އަހަރެންގެ ހިތްވެސް ދިޔައީ ނޭނގޭ ބާރުމިނުގައި ތެޅެމުންނެވެ.

ފުލުހުންގެ އިދާރާއަށް ދެވުމާއެކު ކާރުން ފައބައިގެން ގޮސް އެންމެން އެތެރެއަށް ވަނެވެ. އަހަރެންނާ އަމަން ދިޔައި އެންމެންގެ ފަހަތުންނެވެ. އަމަން އަހަރެންގެ އަތަށް ބާރުކޮށްލިއެވެ. އަލްމަޢިއްޔާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ކޮންމެވެސް ކަހަލަ ހިތާމަވެރިކަމެއް އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ. އަހަރެން ބޯ ޖަހާލީމެވެ. ހިތްވަރު ކުރުމަށް ބުނީމެވެ. އެތެރެއަށް ވަނުމުންވެސް ހަށިގަނޑު އަހަރެމެންނަށް ދައްކަން ފުލުހުން ދެކޮޅު ހެދިއެވެ. ސަލާމަތީ ސަބަބު ތަކަށްޓަކައި ހަށިގަނޑު އާއިލާއަށް ދެއްކެން ނެތްކަމުގައި އެމީހުން ބުންޏެވެ. ފުލުހުންގެ ބައެއް އިސްވެރިންނަށް ގުޅައިގެން އަމަންވެސް ވާހަކަދެއްކިއެވެ. އެހެންނަމަވެސް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބުނެވެ. ކޮންމެވެސް ސަބަބަކާ ހެދި އަލްމަޢިއްޔާއާ ބެހޭ ހުރިހާ މައުލޫމާތެއް އެމީހުން ސިއްރުކުރިއެވެ. އެތެރޭގައި ކަންތައްގަނޑެއް ހިނގަމުން ދާކަން ދެނެގަނެވުނީ ދެނެވެ.

ތިން ދުވަސްވީއިރުވެސް އަލްމަޢިއްޔާގެ ހަށިގަނޑު އާއިލާއަށް ދެއްކޭ ކަމަކަށް ނުވިއެވެ. އެކަމާއި އަމަންއާއި ޖުނާން އާއި ދެމީހުން ކިތަންމެ ވަރަކަށް ރުޅިއައިސްގެން އުޅުނުނަމަވެސް ފުލުހުން ތިބީ ދޫ ދޭގޮތަކަށް ނޫނެވެ. ކިތަންމެ ވަރަކަށްވެސް ފައިސާގެ ބޭނުން ކުރެވިއްޖެއެވެ. ނުފޫޒުގެ ބޭނުންވެސް މެއެވެ. އެހެންނަމަވެސް ހަމަހިލާ އަހަރެމެންނަކަށް ކުރިއެރުމެއް ނުލިބުނެވެ. އަލްމަޢިއްޔާގެ މަރަށް ދެހަފްތާ ވެގެން ދިޔައިރުވެސް އާއިލާއާއި ހަށިގަނޑު ހަވާލުކުރެވުނު ކަމަކަށް ނުވިއެވެ. ކޯޓަށް ގޮސްގެން ވެސް ވީ ނާކާމިޔާބެވެ. އަލްމަޢިއްޔާގެ މަރުގެ ފަހަތުގައި ވީ ކޮންސަބަބެއްބާއޭ ހިތަށް އަރާ ހިތަށް ނުބައި ގޮތެއްވެސް ވިއެވެ.

އެންމެ ފަހުން ކުރެވޭނޭ ހިތުރު ކަމެއްނެތުމުން އެމަސައްކަތް ހިސާބަކަށް މަޑުޖައްސާލީމެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއިން އަމަން އާއި ޖުނާން އަލްމަޢިއްޔާގެ ހަބަރެއް ލިބޭތޯ އުޅެއެވެ.

އަށްމަސްފަސް

ބަގީޗާގައި އަހަރެން މަޑުކޮށްލައިގެން އިނީމެވެ. އަދިވެސް އަލްމަޢިއްޔާގެ މަރުގެ އެއްވެސް މައުލޫމާތެއް އާއިލާއަކަށް ނޭނގެއެވެ. އެ ހަނދާންވެފައި އަނެއްކާވެސް ހިތަށް ނުބައި ގޮތެއްވިއެވެ. އަލްމަޢިއްޔާ އެނބުރި އަތުވެދާނޭ ހީވަނީއެވެ. އަހަރެންގެ އުފާތައް ފޭރިގަނެފާނެއޭ ހިތަށް އަރަނީއެވެ. އަހަރެންގެ ހަމަސް ވެފައިވާ ބަނޑުގައި އަތް ޖައްސާލީމެވެ.

އަމަން އަންނާނަމޭ ބުނުމުން އިންތިޒާރުގެ ވަގުތުތައް ގުނަމުން ދިޔައީމެވެ. އެ ދަރިފުޅަކަށް ޓަކައި އަހަރެމެން އެންމެން އިންތިޒާރުކުރާ އަހަރެންނާއި އަމަންގެ ދަރިފުޅު ދުނިޔެއަށް އުފަންވާނެ ވަގުތަކަށް މިހާރއްސުރެ އިންތިޒާރު ކުރެވެން ފަށައިފިއެވެ. ހިނިތުންވުމެއް ތުންފަތަށް ވެރިވީ ދަރިފުޅު މަޑުމަޑުން ތޮޅެލި އިޙްސާސާ އެކުގައެވެ. މަޑުމަޑުން އަތް ޖައްސާލާ ދެވަނަ ފަހަރު އެ ލޯބިވެތި އިހްސާސް ވޭތޯ މަޑުކޮށްލީމެވެ. ފަހަތުން އައިސް މީހަކު އަހަރެންގެ ލޯ މަތީގައި އަތް އެޅީ އެވަގުތެވެ.

"ޒާރާ" އަމަންގެއަޑެވެ. ތުންފަތުގައި ވި ހިނިތުންވުން ފުޅާކޮށްލީމެވެ. އެވަގުތަކީ އަނެއްކާވެސް އެ ދަރިފުޅު ތޮޅެލި ވަގުތެވެ. މަޑުމަޑުން އަމަންގެ އަތް ނައްޓުވާލަމުން އަހަރެންގެ ބަނޑުގައި އެ އަތް ޖައްސުވާލީމެވެ. ދަރިފުޅުގެ ސަކަރާތް އިޙްސާސްކުރެވި އަމަންވެސް ހިނިތުންވެލިއެވެ. އޭނާ ދަރިފުޅާ ވާހަކަދެއްކިއެވެ.

އަހަރެންވެސް މެއެވެ. އުފާވެރި ވަގުތުކޮޅެއް އަމަންއާ އެކު ހޭދަކުރެވުނެވެ. އަހަރެމެންގެ ލޯބީގެ ބަގީޗާގައި ފޮޅެން ތައްޔާރުވަމުން މިދާ މަލަށް އެންމެ ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ދޭން އަހަރެމެން ދެމީހުން އަޒުމު ކަނޑައެޅީމެވެ.

"ކީކުރަން މިއަދު އަނެއްކާ ފުލުހުންގެ އިދާރާއަށް ދިޔައީ؟" އަހަރެން އަމަން އާ ސުވާލުކޮށްލީމެވެ.

"އަލްމަޢިއްޔާއަށް ވީ ގޮތެއް ބަލާލަން. އޭނަ ގައިމު ވަޅުލިއްޔާ އެކަން ވެސް އެނގެން ޖެހޭނެތާ!" އަމަންގެ މޫނުމަތިން ހިސާބެއްގެ ހާސްކަމެއް ފެނިލިއެވެ.

އަލްމަޢިއްޔާއަށް ވީ ނުވީ އަދި އަދަށްދާންވެސް އޮތީ ސިއްރެއްގެ ގޮތުގައެވެ. އެކަކަށްވެސް އެ މަރުގެ ހަޤީގަތެއް ނޭނގެއެވެ. އެކަކު އަނެކަކުގެ އަތުގެ ތެރެއަށް އަތް މަހާލަމުން އަހަރެމެން ދެމީހުން ހިނގައިގަތް އިރު އަންނަން އުޅޭ ދަރިފުޅާމެދު އުފާވިއެވެ. އަހަރެންގެ ހިތް އަމަންއަށް ޓަކައި ލޯބިން ޤުރުބާން ކުރީތީ އެކަމުގެ އުފާ މިއަދު ލިބިއްޖެއެވެ. އެހެންނަމަވެސް ނޭނގޭ ނުތަނަވަސްކަމެއްވެސް ވިއެވެ. އަލްމަޢިއްޔާ އަދިވެސް ދުނިޔޭގައި އެބަހުއްޓޭ އަހަރެންގެ ހިތް ބުނާ ސަބަބެއް ނޭނގެއެވެ. އެހެންނަމަވެސް އުންމީދަކީ ދެން އަހަރެމެންގެ އެކެއްގެ ދިރިއުޅުމަށްވެސް އަލްމަޢިއްޔާގެ ހިޔަނި ނޭޅުމެވެ. އެހެންނަމަވެސް އަދި ކޮންމެވެސް ދުވަހަކުން އަލްމަޢިއްޔާގެ މަރުގެ ހަޤީގަތް އެނގުމެވެ.

(ނިމުނީ)

އަލްޙަމްދުލިﷲ... ވާހަކަ ނިންމާލުމުގެ ހެޔޮ ތައުފީޤް ދެއްވި ކަމަށްޓަކައި މާތް ﷲ އަށް ހަމްދުކުރަމެވެ. މި ވާހަކައަކީ އަމިއްލަ ހިޔާލެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. ހިނގާފާނޭ ނުވަތަ ހިންގަމުން ދާ ހާދިސާއަކަށް ނިސްބަތްކޮށް ލިޔެފައިވާ ވާހަކައެއް ނޫނެވެ. ވާހަކައަށް ތިޔަ އެންމެހާ ކިޔުންތެރިންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު ދަންނަވަން! ޝުކުރިއްޔާ!

https://sun.mv/121142

comment ކޮމެންޓް