ނަހުލާގެ "ބޮސް" އެނބުރި އޮލިމްޕަހަށް!

"ބޮސް"ގެ މަންޒަރެއް---

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ "ބޮސް" އެނބުރި އޮލިމްޕަސް ސްކްރީނަށް ގެނައުމަށް ތައްޔާރުވެއްޖެއެވެ.

އެކަން ނަހޫ ވަނީ "ސަން" އަށް ޔަގީންކޮށްދީފައެވެ. ބޮސް އޮލިމްޕަހުގައި ދައްކާނީ އަންނަ މަހު (އޮގަސްޓް)ގެ އެއް ވަނަ އަދި ދެވަނަ ދުވަހުއެވެ.

ބޮސް ވަނީ އެކި ފަހަރު މަތިންވެސް އޮލިމްޕަސް ސްކްރީނަށް އަލުން ގެނެސްފައެވެ. ނަހޫ ބުނީ އަނެއްކާވެސް ފިލްމު އެނބުރި ސްކްރީނުގައި އަޅުވަނީ ފިލްމު ބެލުމަށް ގިނަ ބަޔަކު އެދޭތީ ކަމަށެވެ.

"ފިލްމު ބަލަން ބޭނުންވެފައި އެބަ ތިބި ގިނަ ބަޔަކު. އެމީހުންނަށް ފިލްމު ބެލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަޅުވަނީ. އަންނަ ހަފްތާގައި ޓިކެޓް ބުކްކުރަން ފެށޭތޯ މި ބަލަނީ،"

"ބޮސް"އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ބޮސްއިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމައެވެ.

ފިލްމުގެ ނަން "ބޮސް" އިޝާރަތް ކުރަނީ ބޮސް ދިނުމަށެވެ. "ލޯތްބަށް ޓަކައި ދޭ ބޮސްގެ ބާރު" މި ފިލްމުން ދައްކައިދެ އެވެ. މީގެ އިތުރުން އިޚްލާސްތެރި ދުއާގެ ބާރު ވެސް މި ފިލްމުން ފެންނާނެއެވެ.

އައްޒަ ލީޑު ރޯލުން ފެނިގެންދާ ބޮސްގައި ހަރަކާތްތެރިވެފައިވަނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލު މުހައްމަދު ޔުނާންއެވެ. ފާތިމަތު އާޒިފާ، އިބްރާހިމް ޖިހާދު، އަލީ އާޒިމް، އަލީ ޝަމީލްވެސް ބޮސްއިން ފެނިގެން ދިޔައެވެ.

comment ކޮމެންޓް