"ހޮވުނަސް ހަވާލު ނުކުރާނަމޭ" ބުނީ މަޖާޒީކޮށް: ޖަމީލް

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވިނަމަވެސް، އެމަނިކުފާނާ ވެރިކަން ހަވާލު ނުކުރާނަމޭ ވިދާޅުވީ މަޖާޒީ ގޮތަކަށް ކަމަށް ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އެ އަހަރުގެ ރިޔާސީ އިންހާބުގެ ކެމްޕެއިނުގެ ތެރެއިން ކާނިވަލުގައި ބޭއވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ "ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ރާއްޖޭގެ ވެރިކަން ރައްޔިތުން ހަވާލުނުކުރާނެ ކަމަށާއި އެމަނިކުފާނަށް އިންތިހާބު ކާމިޔާބުވެވަޑައިގަތަސް ވެރިކަން ހަވާލު ނުކުރާނެ" ކަމަށެވެ.

އެ ވާހަކައާ ގުޅިގެން އޭރުވެސް، މިހާރުވެސް ނަޝީދުގެ ސަޕޯޓަރުންގެ ފަރާތުން ޖަމީލަށް ފާޑުކިޔުން އަމާޒުވެއެވެ. ނަމަވެސް ޖަމީލް ވިދާޅުވީ އެދުވަހު އެ ދެއްކި ވާހަކަފުޅަކީ މަޖާޒީ މާނައެއްގައި ވިދާޅުވި އެއްޗެއްކަމަށް ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

ސަން އޮންލައިންގެ 50 މިނެޓް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ އެދުވަހު ވިދާޅުވީ މަޖާޒީ ބަހެއް ކަމަށެވެ.

"މަގާމެއްގައިވެސް ނޫން އަޅުގަނޑު ހުރީ. އަޅުގަނޑަކީ އޭރު ސިޔާސީ މީހެއް. އަޅުގަނޑު ބުންޏޭ ކިޔާފަި އެހެންވަނީތޯ؟ ރާއްޖޭގައި އިލެކްޝަން ކޮމިޝަން އެބައޮތް. އިންތިހާބުވެސް ބާއްވާ،" މީހަކު ބުނާ ބަހަކާ ގުޅިގެން ނުވަތަ ބުނި އެއްޗަކާ ގުޅިގެން އެކަމުން އަރައިނުގަނެވިގެން އުޅެނީ ކީއްވެތޯ ޖަމީލް ސުވާލު އުފެއްދެވިއެވެ. ޖަމީލް ވިދާޅުވި ވާހަކަފުޅަށްވުރެ ބޮޑެތި ވާހަކަތައް ވިދާޅުވި ސިޔާސީ ބޭފުޅުންވެސް ރާއްޖޭގައި އެބަތިއްބެވި ކަމަށެވެ.

"ރާއްޖޭގެ ގާނޫނު އަސާސީ އާއި އިސްލާމްދީނާ ހިލާފު ވާހަކަތައް ދެއްކެވި ނަމަވެސް އެވާހަތައް ކީއްވެތޯ ހައިލައިޓް ނުވަނީ؟" ރިޔާސީ އިންތިހާބުގެ ތެރޭގައި ކުރީގެ ރައީސް އަދި މިހާރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ހި؛ާފު ވާހަކަތައް ދެއްކެވިކަމަށް ތުހުމަތު ކުރައްވާ ޖަމީލް ވިދާޅުވި އެވެ.

"ތިހެން ބުނެފައި އޮއްވާ ދެއްތޯ މިދިޔަ 2015 އިން ފެށިގެން އަޅުގަނޑު އެމްޔޫއޯ ހަދައިގެން އަޅުގަނޑު އިސްމީހަކަށް ލައިގެން އެޑްވައިޒަރަކަށް ރައީސް ނަޝީދު ހުންނަވައިގެން، ހިޔަނި ކެބިނެޓެއް ހައްދަވާ އުސްތާޒު ހިސާން އާއި ހަސަން ލަތީފާ ތިއްބަވައިގެން ނޫންތީ ކައުންސިލް އިންތިހާބަށް ދިޔައީ؟ އެއީ މިހާރު މަންސޫހުވެފައި އޮތް ވާހަކައެއް،"

ކުރީގެ ރައީސް ޔާމީން ވެސް ހުންނެވީ ވަރަށް ބާރުގަދަ މަގާމެއްގައި ކަމަށާއި، އިންތިހާބުގައި ނާކާމިޔާބުވުމުން ޔާމީން ކޯޓަށް ވަޑައިގެންނެވިކަން ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ އޭރު ވެރިކަމުގައި ހުންނަވައި، ވެރިކަން ހަވާލުނުކުރެއްވުމުގެ އިހުތިޔާރު ޔާމީން އަށްވެސް އެބައޮތް ކަމަށެވެ.

"ކިޔާނެ އިތުރުއެއްޗެއް ނެތީމާ، ދެން އެއްޗެއް ނެތީމާ ވަަކި ބަޔަކު، އެކްޓިވިސްޓުން ފޯރިއަރުވަން ދައްކަ ވާހަކައެއް އެއީ،" 2013 ގެ އިންތިހާބުގެ ތެރެއިން ދެއްކެވި ވާހަކައަށް އިޝާރާތްކޮށް ޖަމީލްގެ ސިޔާސީ ވާދަވެރިން ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ވިދާޅުވި އެވެ.

comment ކޮމެންޓް