ބޮނޑިބަތް ޖަމީލު ކިޔަސް ޑރ. ޖަމީލުގެ ފަރުވާލެއް ނެތް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގިނަ ބައެެއްގެ މެދުގައި މަޝްހޫރީ "ބޮނޑިބަތް ޖަމީލް"ގެ ނަމުންނެވެ. ޖަމީލްއަށް ނިސްބަތްކޮށް ވާހަކަ ދައްކާއިރު އާންމުކޮށް މުހާތަބު ކުރަނީ ވެސް އެ ނަމުންނެވެ.

ސަން އޮންލައިންގެ 50 މިނެޓް ޕްރޮގްރާމުގައި ޖަމީލް ވަނީ "ބޮނޑިބަތް ޖަމީލް"ގެ ނަމުން މުހާތަބު ކުރެވެން ފެށުނީ ކީއްވެކަން ކިޔައިދެއްވައިފަ އެވެ.

ޖަމީލް ވިދާޅުވާ ގޮތުގައި ރާއްޖޭގެ ސިޔާސީ މާހައުލުގައި އެކި ފަރާތްތަކަށް، އެކި ގޮތްގޮތަށް ގޯނާ ކުރުމަކީ އޮންނަ ކަމެކެވެ. އެކަންތައް އެގޮތަށް ހިނގާތީ، ސިޔާސީ މީހުންނަކީ "ހަންބޯ" ބަޔަކަށް ވާންޖެހޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ބޮނޑިބަތް ޖަމީލްގެ ނަން ހަރުވި ގޮތާ ގުޅޭ ގޮތުން ޖަމީލް ވިދާޅުވީ 2005 ނުވަތަ 2006 ހިސާބުގައި އޭރު "ނިއު މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގި އިރު، މަޖީދީމަގުން ޖަމީލްގެ ކާރުކޮޅު ދުއްވާފައި ދަނިކޮށް މަގުމަތީ އެއްވެތިބި ބަޔަކު ބޮނޑިބަތްޖެހީ ކަމަށެވެ.

"މަޖީދީމަގުގެ ވަކި ހިސާބަކުން އަޅުގަނޑުގެ ކާރަށް، އެތާ އެއްވެތިބި ބަޔަކު، އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ އެމްޑީޕީގެ ބަޔަކު ކުރަމުން ދިޔަ އިހުތިޖާޖެއް ކަމަށް، އަޅުގަނޑުގެ ކާރަށް ބޮނޑިބަތް ޖަހަނީ. އަޅުގަނޑު ދިޔައީ އެ ކާރުގައި ފުލުސް އޮފީހަށް، ބައްދަލުވުމަށް. އަނެއް ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރު މުހައްމަދު ޝިހާބު ކަންނޭނގެ ވިދާޅުވަނީ ބޮނޑިބަތް ޖަހައިފއޭ ބޮނޑިބަތް ޖަމީލޭ،" ޖަމީލް ވިދާޅުވީ އެކަން ފެށުނީ ޝިހާބުގެ ފަރާތުންކަމަށެވެ.

ބޮނޑިބަތް ޖަމީލްގެ ނަމުން މުހާތަބު ކުރުމަކީ ޖަމީލް ވިދާޅުވާ ގޮތުގައި މައްސަލައެއް ނޫނެވެ. މަސްތުވާއެއްޗެއް ބޭނުންކުރާ މީހެއްގެ ނަމުން މުހާތަބު ނުކުރާތީ އެކަމާ މާހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އަނެއްހެން މާ އުފާވޭ ތިޔަ ވަރުން ނިންމާލާކަށް ވެސް. އަޅުގަނޑާ ދިމާކޮށް މަސްތުވާއެއްޗެއް ބޭނުންކުރާ ލަގަބެއް ނޫނިއްޔާމުން ތަނަކުން އެއްޗެއް ވަގަށް ނަގައިގެން ހިޔާނާތުގެ ލަގަބެއް އަދި އަދި ނާދޭ،" ވަގެއްގެ ނަމުން މުހާތަބު ކުރުމަށް ވުރެ، ބޮނޑިބަތުގެ ނަމުން މުހާތަބު ކުރުން މާ ރަނގަޅު ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

comment ކޮމެންޓް