ހަސީނާއަށް ދިން ހަމަލާއާ ގުޅިގެން ނުވަ މީހަކު މަރަން ހުކުމްކޮށްފި

ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާއަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ނުވަ މީހަކު މަރަން ވަނީ ހުކުމްކޮށްފަ -- ފޮޓޯ: އޭއެފްޕީ

ޑާކާ (ޖުލައި 4): ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާއަށް އަމާޒުކޮށް މީގެ 24 އަހަރު ކުރިން ދިން ހަމަލާއަކާ ގުޅިގެން ނުވަ މީހަކު މަރަން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

ތޭވީސް ސެޕްޓެމްބަރު 1994ގައި، އޭރުގެ އިދިކޮޅު ލީޑަރުގެ ގޮތުގައި ހުންނެވި ހަސީނާއަށް އަމާޒުކޮށް ބަޔަކު ހަމަލާ ދިނީ އެކަމަނާ ރޭލަކުން ދަތުރު ކުރައްވަމުން ދަނިކޮށެވެ. އަދި ހަމަލާ ދިން މީހުން ވަނީ ރޭލާ ދިމާލަށް ބަޑި ޖަހާ ބޮން އުކާފަ އެވެ. އެހާދިސާގައި ބައެއް މީހުންނަށް އަނިޔާވި ނަމަވެސް ހަސީނާއަށް އަނިޔާއެއް ނުވެ އެވެ.

އެމައްސަލައާ ގުޅިގެން ޕަބަން ޑިސްޓްރިކްޓު ކޯޓުން ވަނީ ނުވަ މީހަކު މަރަން ހުކުމް ކުރުމުގެ އިތުރުން 25 މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.

ބަންގުލަދޭޝްގެ އިދިކޮޅު ލީޑަރު ޚާލިދާ ޒިއާ އިސްކޮށް ހުންނަވާ ނެޝަނަލިސްޓު ޕާޓީ (ބީއެންޕީ)އިން ވަނީ އިއްޔެ ކޯޓުން ހުކުމް ކުރި އެންމެންނަކީ އެޕާޓީއާ ގުޅުން ހުރި ލީޑަރުންނާއި އެކްޓިވިސްޓުން ކަމަށް ބުނެފަ އެވެ. އަދި އެއީ ސިޔާސީ ހުކުމްތަކެއް ކަމަށް ބުނެފަ އެވެ.

"އެހުކުމަކީ ބީއެންޕީ ނައްތާލުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންކޮށްފައިވާ ހުކުމެއް،" ބީއެންޕީގެ ސެކްރެޓަރީ ޖެނެރަލް މިރުޒާ ފަޙުރުލް އިސްލާމް އަލަމްގިރު ވިދާޅުވި އެވެ.

ހަސީނާ ވަނީ މިދިޔަ ޑިސެމްބަރު މަހު ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެފަ އެވެ. އެއިންތިހާބުގައި ވެރިކަން ކުރާ އަވާމީ ލީގުން ވަނީ ޕާލިމެންޓުގެ 246 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި ބީއެންޕީ އިސްކޮށް އޮންނަ މައި އިދިކޮޅު އެލަޔަންސަށް ލިބުނީ ޕާލިމެންޓުގެ 300 ގޮނޑީގެ ތެރެއިން އެންމެ ހަތް ގޮނޑި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޚާލިދާ ޒިއާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާތައް ސާބިތުވުމުގެ ސަބަބުން އޭނާ ފަސް އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު އެހުކުމް އިސްތިއުނާފު ކުރުމުން ކޯޓުން ވަނީ ހުކުމް 10 އަހަރަށް އިތުރުކޮށްފަ އެވެ.

comment ކޮމެންޓް