ޗެމްޕިއަން ޗިލީ ބޮޑު ތަފާތަކުން ބަލިކޮށް ޕެރޫ ފައިނަލަށް

ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ޗިލީ ކޮޅަށް ގޯލު ޖެހުމަށްފަހު ޕެރޫގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ --- ފޮޓޯ//މެޓް ޑޯމަން

އެންމެ ފަހުން ކުޅުނު ކޮޕާ އެމެރިކާގެ ދެ މުބާރާތުގައި ވެސް ޗެމްޕިއަންކަން ހޯދި ޗިލީ ބޮޑު ތަފާތަކުން ބަލިކުރުމަށް ފަހު ޕެރޫ ފައިނަލުގެ ދެވަނަ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

މިއަދު ކުޅުނު ސެމީ ފައިނަލުގައި ޕެރޫއިން ވަރުގަދަ ޗިލީގެ މައްޗަށް ކުރި ހޯދީ 0-3ގެ ނަތީޖާއަކުންްނެވެ. މި މޮޅާ އެކު ޕެރޫއިން ކޮޕާ އެމެރިކާގެ ފައިނަލަށް ދަތުރު އެ ކުރީ 44 އަހަރަށް ފަހު އެވެ. ޕެރޫއިން ފައިނަލުގައި ބައްދަލު ކުރަން ޖެހޭނީ ގުރޫޕް ސްޓޭޖުގައި ވެސް ވާދަ ކުރަން ޖެހުނު ބްރެޒިލްއާ އެވެ. އެ މެޗު 0-5ގެ ބޮޑު ނަތީޖާއަކުން ބްރެޒިލް ވަނީ ކާމިޔާބު ކޮށްފަ އެވެ.

ތިން ވަނައަށް އެންމެ ރަނގަޅު ޓީމެއްގެ ގޮތުގައި ގުރޫޕް ސްޓޭޖު ފަހަނަ އަޅައި ޕެރޫ ކުއާޓާއާ ހަމައަށް އުނދަގުލާ އެކު ދަތުރު ކުރި ނަމަވެސް އެ ޓީމުން ފައިނަލާ ހަމައަށް ދަތުރު ކުރީ ދެކުނު އެމެރިކާގެ ބޮޑެތި ބާރުތަކެއް އިނދަ ޖައްސާލުމަށް ފަހު އެވެ. އެ ގޮތުން އެ ޓީމުން ކުއާޓާ ފައިނަލުގައި ބައްދަލު ކުރި ކޮލޮމްބިއާ އަކީ މުބާރާތުގައި އެއްވެސް މެޗަކުން ބަލިނުވެ އަދި ބައިކޮޅަށް ގޯލެއް ވެސް ނުވަދަ އެހިސާބަށް ދަތުރު ކުރި ޓީމެކެވެ.

ގިނަ ބަޔަކު ހައިރާން ކޮށްލުމަށް ފަހު ކޮޕާ އެމެރިކާގެ ފައިނަލަށް ޕެރޫ ދަތުރު ކުރި އިރު އެ ޓީމުން ވަނީ މީގެ ކުރިން ދެފަހަރަކު އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ޕެރޫއިން އެ މުބާރާތުގެ ތަށި އެންމެ ފަހުން އުފުލާލީ 1975 ވަނަ އަހަރު އެވެ.

މިއަދުގެ ކުޅުނު ސެމީ ފައިނަލަށް ދެ ޓީމުން ވެސް ވަރުގަދަ ސްކޮޑަކާ އެކު ނިކުތް ނަމަވެސް ޕެރޫ އިން ވަނީ މެޗު އެކީ އެކަށް ޑޮމިނޭޓް ކޮށްފަ އެވެ. އެ ޓީމުން ކުޅުނު އަވަސް އަދި ފިސިކަލް ފުޓުބޯޅައިގެ ޝޯޙުގައި ޖެހި ޗިލީގެ ކުޅުންތެރިންނަށް ތިބެވުނު އިރު ޕެރޫ އިން ވަނީ ފުރަތަމަ ހާފުގައި ވެސް މަތި މައްޗަށް ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ އެޑިސަން ފްލޯރޭސްއާއި ޔޮޝިމާ ޔޮޓުން އެވެ.

ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ޗިލީއިން ވަނީ މެޗުގެ ތެރެއަށް ވަންނަން މަސައްކަތް ކޮށްފަ އެވެ. ޓީމު ކުރިއަށް ޖައްސައިގެން ގޯލެއް ޖަހަން ޗިލީއިން މަސައްކަތް ކުރަމުން ދިޔަ ވަގުތު ޕެރޫގެ ކެޕްޓަން ޕައޮލޯ ގަރޭރޯ ވަނީ ގޯލެއް ޖަހައި ޗިލީގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލައިފަ އެވެ.

ޕެރޫއާއި ބްރެޒިލް ބައްދަލު ކުރާ ކޮޕާ އެމެރިކާގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު ބްރެޒިލްގެ ކެޕިޓަލް ރިއޯ ޑެ ޖެނެއިރޯގަ އެވެ.

comment ކޮމެންޓް